އައްޑޫގެ ވޯޓުން ރުޅިވެރިކަން އިތުރުނުވާނެ ކަމަށް އުންމީދުކުރަން: ނަޝީދު

ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަނުދިނުމަށް އެންމެން ބާރުއަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން މިއަދު ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ވަކިވާށެވެ. ފޭދޫން ނިންމީ ސިޓީކައުންސިލްގައި ދެމިތިބޭށެވެ.ވޯޓަށް ފަހު ސޯޝަލްމީޑިއާ ކުރެެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓުގައި، ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2،176 ވޯޓު ކަމަށާއި ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2،251 ވޯޓު ކަމަށެވެ. އެހެން ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުަލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާންކަން ނަޝީދު ފާހަގަކުރެއްވި އެވެ. "މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރު އަޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ އެކީ އަލުން ސިޔާސީ މަސައްކަތް ފައްޓަވާފައިވާ ނަޝީދު ލިއުއްވާފައިވެ އެވެ.އެނގުން މުހިންމު - މި ވޯޓާ ދިމާކޮށް ނަޝީދު ތާއީދުކުރައްވަނީ އައްޑޫ ސިޓީ ކައުންސިލް އެ ގޮތުގައި ބައިނުކޮށް ބޭއްވުމަށް ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ. އަދި ކުރަންވީ ކަމަކީ ބޭރުގެ ފަންނީ މީހުން އައްޑޫގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް، ދިވެހި ރައްޔިތުކަން ދީގެން އައްޑޫގެ އާބާދީ 50،000އަށް ވުރެ މަތިން ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ