ރާއްޖެ މިގެންނަ ސާކޮށްފައި ހުންނަ ޑީސަލާއި ޕެޓްރޯލް ފީފާއެއް ދުނިޔޭގެ ބާޒާރުން ގަންނަން މިހާރު ލިބެނީ އެވްރެޖްކޮށް 174 ޑޮލަރަށެވެ. ތެލުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކުން ބުނަނީ އެ އަގުގައި ބާޒާރުން ތެޔޮ ގަނެގެން ފައިދާގައި ރާއްޖޭގައި ތެޔޮ ވިއްކާ ނަމަ ވިއްކަން ޖެހޭނީ:
ޑީސަލް ލިޓަރެއް: 25ރ. އަށް
ޕެޓްރޯލް ލިޓަރެއް: 22-23ރ. އަށް
އެހެންކަމުން އެސްޓީއޯއިން ވެސް އަދި އާންމުންނަށް ތެޔޮ ވިއްކާ އަމިއްލަ ފަރާތްތަކުން ވެސް ތެޔޮ ޝެޑްތަކުން މިހާރު ތެޔޮ ވިއްކަމުން އެ ދަނީ ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގާ އަޅާބަލާއިރު ގާތްގަނޑަކަށް 5ރ.ގެ ގެއްލުމެއްގަ އެވެ. އެހެންވީމާ ތެލާ ގުޅޭ ނަމްބަރުތައް މި ހުރީ ބިރުވެރިކޮށެވެ.
އަގުހެޔޮކޮށް ރާއްޖޭގައި ތެޔޮ ވިއްކުމަށް އަހަރުމެންގެ ޓެކްސް ފައިސާއިން ސަރުކާރުން ބޮޑު އަގެއް ވެސް ދައްކަން ޖެހެ އެވެ. އަދި ސަރުކާރުގެ ޓޫރިޒަމްގެ އާމްދަނީން 400-500 މިލިއަނެއްހާ ރުފިޔާ މަަދުވާއިރު ތެޔޮ އެތެރެކުރަން ހިނގާ ހަރަދު ދާނީ މައްޗަށެވެ. އެގޮތުން:
ތެޔޮ އެތެރެކުރުމަށް އެސްޓީއޯއިން މަހަކަށް ހިނގާ ހަރަދު 40 މިލިއަން ޑޮލަރުން 60 މިލިއަން ޑޮލަރަށް އިތުރުވާނެ؛ މަހަކަށް އިތުރު 20 މިލިއަން ޑޮލަރު ތެޔޮ ބިލަށް އެކަނި ބޭނުން ވާނެ
އެ ނަމްބަރުތަކުން ބިރުވެރި މަންޒަރުތަކެއް ކުރަހައިދޭއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރާއްޖެ ތެލަށް ޖެހިދާނޭ ކަމުގެ ކަންބޮޑުވުން ވެސް މިއަދު ފާޅުކުރައްވައިފަ އެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ވިޔަފާރި ހިންގާ ގޮތާއި ތެލަށް ފައިސާ ދައްކާ ގޮތަށް ބަލާއިރު އެ ހާލަތް އޮތީ ކިހާ ކައިރީގައި ހެއްޔެވެ؟
އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާންގެ ސަލާހު ބަނދަރާއި ސޮހާރު ބަނދަރުންނެވެ. އެހެންކަމުން އެސްޓީއޯގެ އުޅަނދުތައް ތެޔޮ ބަރުކުރަން އީރާނުން ބަންދުކޮށްފައިވާ ހޮރުމޫޒް ކަނޑުއޮޅި ހުރަސް ކުރާކަށް ނުޖެހޭނެ އެވެ.
އެހެން ނަމަވެސް އެ ބަނދަރުތަކަށް މިދިޔަ ހަފްތާތެރޭ އީރާނުގެ ހަމަލާތަކެއް އަމާޒުވި އެވެ. އަދި މުސްތަގުބަލުގައި އިތުރު ހަމަލާތަކެއް ވެސް ދީފާނެ އެވެ. ނަމަވެސް މިވަގުތަށް އެ ބަނދަރުތަކުން ތެޔޮ ބޭރުކުރުން ހުއްޓިފައެއް ނުވެ އެވެ. އަދި އޮމާން ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ވާހަކަ ދައްކައިގެން ޒަމާނުއްސުރެ އޮމާންގެ ތެޔޮ ކުންފުނި އޯކިއުއާ އެކު ހާއްސަ އެއްބަސްވުމެއް ހަދާފައި އޮވެ އެވެ. އެހެން ކަމުން، އެ އެއްބަސްވުން ދެމި އޮތްހާ ހިނދަކު އަދި އެ ދެ ބަނދަރު ނުހުއްޓޭހާ ހިދަކު ރާއްޖެއަށް ތެޔޮ ގަންނަން ލިބެން ހުންނާނެ އެވެ.
އެހެން ނަމަވެސް، ތެލުގެ އަގު ބޮޑުވުމާއި ދެން ވަށައިގެން ހުރި ކަންކަމަށް ބަލާ ނަމަ ރާއްޖެ މިވަގުތަށް އަދި ތެލަށް ނުޖެހުނަސް އިގްތިސާދީ އަދި މާލީ ނުރައްކާތަށް ރާއްޖެއަށް ބޮޑެވެ. ހަކަތައިގެ ތާށިކަމެއް އަދި މިވަގުތަށް ކުރިމަތި ނުވެދާނެ އެވެ.
ރާއްޖެއަށް ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ތެޔޮ ގަންނަން ނުލިބުން ނުވަތަ ތެޔޮ ބަރުކޮށްގެން އަންނަ ބޯޓަށް ރާއްޖެއާ ހަމައަށް އާދެވޭނެ ގޮތެއް ނެތުމެއް ނޫނެވެ. ތެލުގެ އަގު ބޮޑުވެ ދެން އެ އުފުލަން ޖެހޭ ބުރަ އެވެ. ނުވަތަ ތެޔޮ ގަންނަން ލިބެން ހުއްޓަސް ތެޔޮ ގަންނަން ފައިސާ ނެތުމެވެ.
އެހެން ނަމަވެސް ތެޔޮ ގަތުމަށް ހިނގާ ހަރަދު ސަރުކާރުން އަބަދުވެސް ހަމަޖައްސަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު ހަދާފައިވާ 175 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއެއް ނުވަތަ ލޯނެއް މެދުވެރިކޮށެވެ. އެ ފެސިލީޓިގެ ދަށުން އަބަދުވެސް ހަ މަސް ދުވަހުގެ މުއްދަތެއް ތެޔޮ ބިލަށް ފައިސާ ދައްކަން ރާއްޖެއަށް ލިބެ އެވެ. އެހެންކަމުން މިހާރު އަގުބޮޑުކޮށް ގަންނަ ތެލަށް ރާއްޖެއިން ފައިސާ ދައްކާނީ މީގެ ހަ މަސް ފަހުންނެވެ. ބޮޑު ތެޔޮ ބިލްގެ ބުރަ އުފުލަން ޖެހޭނީ އޭރު އެވެ.
އެހެންވެ، މިވަގުތަށް ތެޔޮ ގެންނަން ފައިސާގެ ތާއްޓެއް ނައި ނަމަވެސް ހަ މަސް ފަހުން އެ ފައިސާ ދައްކަން މިވަގުތު ފައިސާ ރައްކާ ކުރަން ޖެހެ އެވެ. އަދި ސަރުކާރުން ތެޔޮ ގަންނަން އިތުރަށް ހޯދަން މަސައްކަތް ކުރާ 100 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ، ފަސް މަހުގެ ތެޔޮ ބިލަށް ފައިސާ ދެއްކޭ ވަރަށް ފައިސާ ހަމަޖެއްސިދާނެ އެވެ.
އެހެން ނަމަވެސް، އާމްދަނީ ދަށްވުމާ އެކު މީގެ ހަ މަސް ފަހުން އަންނަ ބޮޑު ތެޔޮ ބިލަށް ފައިސާ ދައްކަން ބޭރު ފައިސާއިން ސަރުކާރުން ކުރާ ހަރަދުތައް މަޑުޖައްސާލުމާއި ބޭރު ފައިސާ ރާއްޖެއިން ބޭރުންވާން ހުރި ގޮތްތައް މަދުކުރަން ޖެހެ އެވެ. މިސާލަކަށް:
ބިން ހިއްކުން ފަދަ ބޭރު ފައިސާ ހިނގާ ބޮޑެތި މަޝްރޫއުތައް މިވަގުތަށް ހުއްޓާލުން
ބޭސް ފަރުވާ އާއި މިވަގުތު ބޭރުގައި ތައުލީމު އުގެނެމުންދާ ކުދިންނަށް ދޭ ބޭރު ފައިސާ ފިޔަވާ ބޭންކު މެދުވެރިކޮށް ދޭ ބޭރު ފައިސާ ދިނުން މިވަގުތަށް މަޑުޖައްސާލުން
އަސާސީ ތަކެތި ފިޔަވާ އެ ނޫން ތަކެތި ރާއްޖެ އެތެރެކުރުން މިވަގުތަށް ހިފެހެއްޓުންތަކެއް ގެނައުން
އަނެއް މުހިންމު ކަމަކީ ތެޔޮ ބޭނުންކުރާ ވަރު މިހާރަށް ވުރެ މަދުކުރަން ފިޔަވަޅު އެޅުމެވެ. އޭރުން ތެޔޮ އެތެރެކުރަން ކުރިއަށް އޮތް މަސްތަކުގައި ޖެހޭ ވަރު މަދުކޮށްގެން ތެޔޮ ބިލް ބޮޑުވުމުގެ ތުރާލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ އެވެ.
'ދައުރު'އިން އެއްކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެސްޓީއޯ އަދި ތެޔޮ ރާއްޖެ އެތެރެކުރާ އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާ އެކު ރާއްޖޭގައި އެއް ފަހަރާ ތެޔޮ އެންމެ ގިނައިން ވެސް ރައްކާ ކުރެވޭނެ ވަރަކީ 110،000 މެޓްރިކްޓަނެވެ. އެއީ:
އެސްޓީއޯ - 50،000 މެޓްރިކް ޓަނު
ވިލާ - 10،000 މެޓްރިކް ޓަނު
ހޯކްސް - 30،000 މެޓްރިކް ޓަނު
އެންޓްރެސްކް - 10،000 މެޓްރިކްޓަނު
ކޯސްޓްލައިން - 10،000
އެއީ ރާއްޖޭގައި މިހާރު ތެޔޮ ބޭނުންކުރާ އެވްރެޖް އަދަދަށް ބަލާއިރު 30 ހަކަށް ދުވަހަށް ފުދޭ ވަރެވެ. ތެޔޮ ރައްކާ ކުރާނޭ ޖާގަ ނެތުމުން އެސްޓީއޯއިން ވެސް އަދި އަމިއްލަ ކުންފުނިތަކުން ވެސް އާންމުކޮށް ތެޔޮ އެތެރެ ކުރަނީ ކޮންމެ 15 ދުވަހަކުންނެވެ. އެއީ ތެޔޮ ޓޭންކުތައް ކޮންމެވެސް ވަރަކަށް ހުސްވާން ފެށުމުންނެވެ. އެހެން ކަމުން އެއް މަސް ދުވަހުގެ ރިޒާވް ވެސް ހަގީގަތުގައި ރާއްޖޭގައި ނުހުންނާނެ އެވެ.
މިހާލަތާ އެކު ރާއްޖެއަށް މާލީ ގޮތުން މިވަގުތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ މަހުގެ 8 ވަނަ ދުވަހު އެއް ފަހަރާ ރާއްޖެއިން އަގު އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ. އަދި އެ ސްކޫކް ދައްކަން ސަރުކާރުން ފުރަތަމަ ރޭވީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުން 150 މިލިއަން ޑޮލަރު އަދި ލޯނެއް ނަގައިގެން ބާކީ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުން ނުވަތަ ދައްކާ ހަލާސްކުރުމަށެވެ. އެކަމަކު، ރައީސް މިފަހުން ވަނީ އެސްޑީއެފް އާއި ރިޒާވްގައި ހުރި ފައިސާއިން ސްކޫކް ދެއްކުމުގެ ވިސްނުމެއް ވެސް ފާޅުކުރައްވައިފަ އެވެ. އެއީ:
އެސްޑީއެފްއިން - 320 މިލިއަން ޑޮލަރު
ބޭނުންކުރެވޭ ރިޒާވުން - 330 މިލިއަން ޑޮލަރު
ހަނގުރާމައިގެ ހާލަތާ އެކު އިތުރު ސްކޫކް ރީފައިނޭންސަށް ބޭރުގެ ފަރާތްތަކުން ލޯނެއް ނުލިބި ރިޒާވް އާއި އެސްޑީއެފް އެކަނި އެ ފައިސާ ދައްކަން ޖެހިއްޖެ ނަމަ އެޕްރީލް މަސް ތެރޭ ބޭނުން ކުރެވޭ ރިޒާވް 150 މިލިއަން ޑޮލަރަށް ވެއްޓޭނެ އެވެ.
އެހެންވެއްޖެ ނަމަ، ތެޔޮ ބިލްތަކަށް ފައިސާ ދައްކަން އުނދަގޫތަކެއް ހުންނާނެ އެވެ. އަދި ބޭރު ފައިސާ ބާޒާރުގައި ހުރި ވަރު މަދުވެ، ރުފިޔާގެ އަގު ދަށްވެ އެކަން ހައްލުކުރަން ބާޒާރަށް އިތުރު ބޭރު ފައިސާ ނެރެން އެމްއެމްއޭގެ އަތުގައި އޮތް ބާރު ކުޑަވެގެން ދާނެ އެވެ.
އެކަމަކު، ދެން ސުވާލަކީ ރީފައިނޭންސް ނުކުރެވޭ ހާލަތުގައި ރިޒާވް ބޭނުންކޮށްގެން ވެސް ސްކޫކް ނުދައްކައިފި ނަމަ ދެން ކުރިމަތިވާނޭ ހާލަތެވެ. އެއީ، ދަރަނި ނުދެއްކޭ ނުވަތަ ސޮވަރިން ޑީފޯލްޓެއް ކުރިމަތިވުމެވެ. އެހެން ވެއްޖެ ނަމަ ތެޔޮ ބިލްތަކަށް ފައިސާ ދައްކަން ހަ މަސް ލިބޭ އައިޓީއެފްސީ ފެސިލިޓީ ނުވަތަ ލޯން ރާއްޖެއަށް ގެއްލޭނެ އެވެ.
ހަނގުރާމައިގެ ފުރަތަމަ 15 ދުވަސް ފާއިތުވީއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ %41 ވަނީ މަދުވެފަ އެވެ. މިއީ ކޮވިޑަށް ފަހު ޓޫރިޒަމް ކުރިއަރަމުން އައި ވަގުތު ހުރި ހާލަތަށް ވެއްޓުމެކެވެ. އަދި އެކަމުގެ ސަބަބުން 500 މިލިއަން ރުފިޔާ ކޮންމެ މަހަކު ސަރުކާރުގެ އާމްދަނީން މަދުވާނެ އެވެ.
ހަނގުރާމަ އެއް މަހަށް ވުރެ ގިނަ ވެއްޖެ ނަަމަ އެއީ ބިލިއަނެއްހާ ރުފިޔާ ގެއްލުމެކެވެ.
އެހެން ނަމަވެސް، ތެލުގެ ސަބްސިޑީއަށް އިތުރު 2-3 ބިލިއަން ރުފިޔާ ބަޖެޓްކުރި ވަރަށް ވުރެ ގިނައިން ހަރަދުކުރަން ޖެހިދާނެ ކަމަށް މިހާރު ލަފާކުރެވެ އެވެ. އެހެން ވެއްޖެ ނަމަ ބަޖެޓް ދަރަނި ބޮޑުވުމާއި ބަޖެޓް ސަޕޯޓަށް އިތުރަށް ފައިސާ ބޭނުންވާނެ އެވެ. ނުވަތަ ޖެހޭނީ ހަރަދުތައް އެކި ގޮތްގޮތް ބަލައިގެން ކުޑަކޮށް އާމްދަނީގެ ސައިޒަށް ތިރިވެލާށެވެ.
އެހެން ހާލަތުގައި އިގްތިސާދީ ކުރިއެރުމަށް ފާހަގަކޮށްލެވޭ ވަރުގެ މަޑުޖެހުމެއް އަންނާނެ އެވެ. އަދި ހަމަ އެ ދަނޑިވަޅުގައި ތެލުގެ އަގު ބޮޑުވެ ކުރިމަތިވާ އިންފްލޭޝަނާ އެކު ވިޔަފާރިތައް މަޑުޖެހި ވަޒީފާތައް ގެއްލި އިގްތިސާދު އެތައް ތަނެއް ފަހަތައް ދިޔުމުގެ ހާލަތް، ސްޓޭގްފްލޭޝަނަކާ ވެސް ރާއްޖެއަށް ކުރިމަތިވެދާނެ އެވެ.
އެހެންވީމާ، ހުރިހާ ގޮތަކުން ވެސް މިއީ އިގްތިސާދަށް އަދި ރާއްޖޭގެ މާލިއްޔާއަށް ނުރައްކާ ބޮޑު ވަގުތެކެވެ.
ފެކްޓް ޗެކް - މި ވަގުތަށް ތެލަށް ނުޖެހިދާނެ؛ އެކަމަކު މިތިބީ ކަނޑީގެ މިޔަމަތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ