އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގު އީރާނަށް އޮތް ނަމަވެސް، އަވަށްޓެރި ގައުމުތަކަށް ގެއްލުންވާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިއަދު ގޮވާލައިފި އެވެ.
މި ހަނގުރާމަ ފެށުނު ފަހުން އީރާނުގެ އަސްކަރީ ހަރަކާތްތަކާ ގުޅޭ ގޮތުން ހަމާސްއިން ނެރުނު ފުރަތަމަ ބަޔާނުގައި، އީރާނަށް ތާއީދުކުރާކަން ހާމަކުރަމުން، ސަރަހައްދީ އޮޕަރޭޝަންތަކުގައި ކެތްތެރިކަން އިސްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"ބައިނަލްއަގުވާމީ އުސޫލުތަކާއި ގާނޫނުތަކުގެ ތެރެއިން، ކުރިމަތިވާ އުދުވާންތަކަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްދު ދިނުމަކީ އީރާނަށް ލިބިގެންވާ ހައްގެއްކަން މި ޖަމާއަތުން ގަބޫލުކުރާ ހާލު، އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް އީރާނުގެ އަހުންނަށް ގޮވާލަމެވެ،" ހަމާސްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މި ހަނގުރާމަ ވަގުތުން ހުއްޓުވުމަށްޓަކައި ސަރަހައްދީ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފިޔަވަޅު އެޅުމަށް ވެސް ހަމާސްއިން ވަނީ ގޮވާލާފަ އެވެ.
މީގެ ކުރިން ވެސް ހަމާސްއިން ވަނީ އީރާނާ އެކު ސާބިތުކަމާ އެކު ތިބިކަން ހާމަކޮށްފަ އެވެ. ނަމަވެސް، ބަދަލުހިފުމުގެ ހަމަލާތަކާ ގުޅޭ ގޮތުން ސީދާ އިންޒާރެއް ދިނުމުން މީގެ ކުރިން ވަނީ ދުރުހެލިވެފަ އެވެ.
މި ހަނގުރާމައިގެ ނުފޫޒު މިހާރު ވަނީ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ފެތުރިފަ އެވެ. އެގޮތުން، ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތުން އިޒްރޭލަށް ހަމަލާ ދީފައިވާއިރު، މީގެ ރައްދުގައި އިޒްރޭލުން ވެސް ދަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހަމަ އެއާ އެކު، ޔަމަނުގެ ހޫތީން ވެސް ވަނީ އީރާނަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
ގާޒާގައި މިދިޔަ އޮކްޓޯބަރުން ފެށިގެން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާތީ ދޭތެރެއަކުން ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.
އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭން ހަމާސްއިން އީރާނަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ