ދިވެހިން މިފަހަރު ބޭނުންވަނީ ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ކަޕް މުބާރާތުގެ ތަށި ރާއްޖެ ގެނައުންކަމަށް ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ކާވާ މުބާރާތުގައި ތަމްސީލްކުރާ ރާއްޖޭގެ އަންހެން ޤައުމީ ވޮލީޓީމާ ޒުވާނުންގެ މަރުކަޒުގައި މިއަދު ބައްދަލުކުރައްވައި ނައިބުރައީސް ވަނީ ޓީމަށް ޖާޒީ ހަވާލުކޮށްދެއްވާފައެވެ.
ޓީމާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިދިޔަ އަހަރު ކާވާ ކަޕްގައި ދިވެހި ޓީމުން ކުޅުނު ގިނަ އަދަދެއްގެ މެޗުތަކެއް ބައްލަވާލެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ މޮޅު ކުޅުން ބައްލަވައިލެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެދުވަހު ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެ ކުޅުންތެރިން ދެއްކި އާދަޔާ ޚިލާފު ހުނަރުވެރި ކުޅުމަކީ ދިވެހިންނަށް މިހާރު މިފަދަ މުބާރާތެއްގައި ތަށި ހައްޤުވާ މިންވަރުގެ ކުޅުމެއްކަށެވެ.
ނައިބުރައީސް ޤައުމީ ވޮލީ އަންހެން ޓީމާ ބައްދަލުކުރެއްވުން.. ފޮޓޯ: ރައީސް އޮފީސް
އެހެންކަމުން މި އަހަރުގެ މި މުބާރާތުގައި ދިވެހިން އެދޭ އެދުމަކީ އެފަދަ މޮޅު ކުޅުމެއް ދައްކައި، ތަށި ގެނައުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބުރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން މިކަމުގައި ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް އެސޯސިއޭޝަނަށް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދި ރާއްޖޭގައި މި ކުޅިވަރު ތަރައްޤީކޮށް، ކުރިއެރުވުމަށްޓަކައި އަދި އިތުރު ޒުވާން ކުޅުންތެރިން މިކުޅިވަރުގެ ތެރެއަށް ޝައުގުވެރިކޮށް، ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކުވެސް ވޮލީކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅުމާއި އަދި ކުޅުންތެރިން އުފެއްދުމަށްޓަކައި ދޭންޖެހޭ ސަޕޯޓު އެކިއެކި ޖަމިއްޔާތައް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިން މިފަހަރު އެދެނީ ކާވާ ކަޕްގެ ތަށި ރާއްޖެ ހޯދުން: ނައިބުރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ