ސަރުކާރު ކުންފުނިތަކުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފި: ވިޔަފާރިވެރިން ސަރުކާރު ކުންފުނިތަކުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފި: ވިޔަފާރިވެރިން

ސަރުކާރުގެ އެސްއޯއީތަކުން އަމިއްލަ ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ހަރުމުދާ ވިއްކަންޖެހޭ ހާލަތަށް ވިޔަފާރިތައް ގޮސްފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދި ފައިސާ ނުލިބޭ ކަމަށެވެ.
"ސަރުކާރުގެ އެސްއޯއީތަކުން އަދިވެސް އަޅުގަނޑުމެންނަށް ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި އެބަހުރި، އެހެންނަމަވެސް މީރާއަށް އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސް ހަމަ އޭގެ ޒާތުގައި ވަގުތުން ވަގުތަށް ދައްކަމުން ދާންޖެހޭ، މި ކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރައި މާލީ ދަތިކަމުގެ ތެރެއިން އަރައިގަންނަން ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި،" އޭނާ ބުންޏެވެ.
އަމިއްލަ ވިޔަފާރިވެރި މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާއިން ކެނޑޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހަދައިދިނުމަށް އޭނާ އެދުނެވެ.
މިރޭގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރި އެހެން ވިޔަފާރިވެރިއަކު ބުނީ، އެމީހުން ކުރަނީ ވަރަށް ކުދިކުދި ވިޔަފާރިތައް ކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްވާތީ އެ ވިޔަފާރިތައް އޮތީ ހަނާވާ ހިސާބުގައި ކަމަށެވެ.
"އަޅުގަނޑުމެން މިތިބަ ހަނާވަނީ، އަޅުގަނޑުމެން ޓެކްސް ދައްކަންޖެހޭ ޖީއެސްޓީ ދައްކަންޖެހޭ، ގެންގޮސް ކޮމްޕިއުޓަރު ހުޅުވާލާއިރު މި އަންނަނީ، ދައްކަންޖެހޭ ކޯޓާ ފީ ދައްކަންޖެހޭ ވިސާ ފީ ދައްކަންޖެހޭ، އޮބި ނުއޮވޭ، މުސާރަ ދޭންޖެހޭ، ލާރިއެއް ސަރުކާރުން ނުލިބޭ،" އޭނާ ބުންޏެވެ.
"މި ބުނީއޭ ދެ އަހަރު ބައިވީއޭ އެޑިއުކޭޝަން މިނިސްޓަރީގައި އަޅުގަނޑުގެ 13 ލައްކަ ރުފިޔާ ހުންނަތާ، އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ވެސް ދަތިވާނެ، އަޅުގަނޑުމެންނަކީ ކުޑަކުޑަ ބައެއް އިނގޭތޯ؟"
އޭނާ ބުނީ ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ބުނެ ވައުދުވާ ކަމަށެވެ. ނަމަވެސް، އެ ވާހަކައާ ސަރުކާރުތަކުގެ އަމަލުތަކާ ދިމާނުވާ ކަމަށް އޭނާ ބުންޏެވެ.
މުއިއްޒުގެ އަރިހުން އޭނާ އެދުނީ ވިޔަފާރިވެރިން ކުރާ މަސައްކަތަށް 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ