ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްްޓުވާ، ސުވާލުކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ފުލުހުންނަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވާފައިވާއިރު، މާލެ އާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ހަދާ ބިދޭސީންގެ ހާލަތާއި ރާއްޖޭގައި އެމީހުން އުޅެނީ ގަވައިދާ އެއްގޮތަށްތޯ ވެސް ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ގަލޮޅު ރައްޔިތުންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި އާންމުންގެ ތެރެއިން ބަޔަކު ވަނީ ރޭގަނޑު ދަންވަރު ބޭރުގައި އުޅޭ ބިދޭސީންގެ ފަރާތުން މުޖުތަމައުގެ އިޖުތިމާއީ މިންގަނޑަށް ނުފެތޭ ކަންތައް ކުރާކަން ފާހަގަވާކަމަށް ބުނެ އެކަމާ ފިޔަވަޅު އަޅައިދެއްވުމަށް ރައީސް އަރިހުން އެދިފަ އެވެ.
ތަފްސީލް - އެއާ އެކު ރައީސް މުއިއްޒު މިއަދު ވަނީ ދަންވަރު 12 އިން ފެށިގެން ހެނދުނު 6:00އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވައިފަ އެވެ.
ރައީސްގެ އެންގެވުމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ މިރެއިން ފެށިގެން ކޮންމެ ރެއަކު ވެސް 12އިން ފެށިގެން ހެނދުނު 6:00އަށް މަގުމަތީ އުޅޭ ބިދޭސީން ބަލާފާސްކުރާނެ ކަމަށެވެ.
މި މަސައްކަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ
ދަންވަރުގެ ވަގުތު ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ މައުލޫމާތު ސާފުކުރާނެ
ހާއްސަކޮށް މާލެ އާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލާނެ
އެމީހުން ރާއްޖޭގައި އުޅެނީ ގަވައިދާ އެއްގޮތަށްތޯ ބަލާނެ
ބިދޭސީން ބަލާފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެ، ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލު ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ