މޫދަށް އެރި އުޅެނިކޮށް ކުއްލިއަކަށް ދިޔަބޮޑުވެ ސަލާމަތްނުވެވިގެން އުޅެންޖެހޭތަން ވަރަށް ގިނަ ރޭރޭ ހުވަފެނުން ފެނިއްޖެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވމަށެވެ. ބޭނުންވެލައްވާ މައުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ސިހުރުގެ ތެރެއިން ސިހުރު ހެދުމަށްފަހު މޫދަށް ގިރުވަނީ އެމީހަކު ކުރާ ހުރިހާ ކަންކަން ފޭލް ކުރުވުމަށެވެ. ދިރިއުޅޭ ކުރާ މަސައްކަތާއި ޢާއިލީ ގުޅުންވެސް ފެން ފަދައިން ދިޔާވެ ނެތިގެން ދިއުމަށެވެ. އަތުގައި ހުންނަ މުދައު ވެސް ގެއްލި ހުރިހާ ކަމަކުން ގެއްލުން ދިނުމަށެވެ. މިބާވަތުގެ ސިހުރަކީ އެންމެ ބޮޑަށް ގެއްލުންދޭ އަދި ފަސޭހަކުރަން އުނދަގޫ ސިހުރުކަމަށްވެސް ބެލެވެއެވެ.
މީހަކަށް ހުވަފެނުގަ ފެނާއި ގުޅުން ހުރި ކަންކަން ފެންނަ ނަމަ އިތުރަށް ވިސްނައިލަން ޖެހޭނެއެވެ. ބައެއް މީހުންނަށް ހުވަފެނުގައި މޫދު، ކޯރު، ފެންބޮޑުވެގެން އުޅޭތަން، ފަތާތަން، ބޮޑެތި ފެންގަނޑުގަނޑު ފަދަ ކަންކަން ތަކުރާރުކޮށް ފެންނަ ނަމަ އެއީ އެމީހަކަށް ހަދާފައިވާ ސިހުރެއް މޫދަށް ގިރުވާލާފައިވާތީ ފެންނަ ހުވަފެން ކަމަށްވެދާނެއެވެ.
ސިހުރު ހެދުމަށްފަހު އުސް ތަންތަނުގައި ވަޅުލުން ފަދަ ކަންކަން ވެސް ކުރެއެވެ. ގަސްގަހުގެ ކުރީގައި ބަނުން ފަދަ ކަންކަންވެސް ކުރެއެވެ. މިބާވަތުގެ ކަންކަން ކުރުމުން ސިހުރު ޖެހިއްޖެ ނަމަ މީހާގެ ވިސްނުން "ގޮވާނެ" އެވެ. އަބަދުވެސް ހުންނާނީ ކަންބޮޑުވެފައެވެ. ޝައްކެއްގެ މަތީގައެވެ. ކުރާ އެއްވެސް ކަމެއް މިކުރެވެނީ ރަނގަޅަށް ކަމުގެ އެއްވެސް ޔަޤީންކަމެއް ނުލިބޭނެއެވެ. އަދި އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނުމުގެ ފުރުޞަތު ވަރަށް ބޮޑަށް ގެއްލިގެންދާނެއެވެ.
މިފަދަ ސިހުރެއް ޖެހިއްޖެ ނަމަ އެއްވެސް ކަމެއްގައި ކުރިއަށް ދާން ވަރަށް އުނދަގޫކުރާނެއެވެ. ކުރިއަށްދާން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވާނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކުރި ނުއަރާތީއެވެ.
މިފަދަ ސިހުރެއް ހަދައިފިނަމަ އެމީހަކަށް އުސްތަންތަން ފެނުން ގިނަވާނެއެވެ. ތަންތަނަށް އަރާ ތަނާއި އުދުހެވޭތަންވެސް ފެންނާނެއެވެ. ފްލައިޓުގައި ދަތުރުކުރެވޭތަންވެސް ފެނިދާނެއެވެ.
މިބާވަތުގެ ކޮންމެ ކަމެއް ވެސް ކުރިމަތިވަނީ ސިހުރުގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުންނެވެ. ވީމާ މިބާވަތުގެ އެއްވެސް ކަމެއް ހުވަފެނުގައި ފެންނަނަމަ އަޅައި ނުލައި ނުހުންނާށެވެ! އެނގޭ، އިތުބާރުކުރެވޭ މީހުންގެ ކިބައިން ލަފާ ހޯދައިގެން ސިހުރު ބާޠިލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރާށެވެ! ރުޤްޔާކުރާށެވެ! ސިހުރު ބާޠިލުކުރަން ކިޔަވަން ހުރި ކީރިތި ޤްރުއާނުގެ އާޔަތްތައް ކިޔަވާށެވެ! މީހެއްގެ ލަފާ ހޯދި ނަމަވެސް ކިޔެވުން ރަނގަޅީ އަމިއްލައަށެވެ. އެމީހަކަށް ކުރިމަތިވެފައިވާ ކަމަކުން ސަލާމަތްވާން އެމީހަކު ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުޞަތު އެތައް ގުނައެއް ބޮޑުވާނެއެވެ.
ސިހުރު ޖެހިދާނެތީ ބިރުގަތުމަށްވުރެ މުހިންމީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެންހުރުމެވެ.
- "ދަ ޕްރޮފެޓްސް ޕާތު"ގެ ދަރުސަކުން
އެންމެ ނުބައި ސިހުރު ޖެހުމުން ހުވަފެނުގަ ފެނުން ގާތް ބައެއް ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ