މި ޒަމާނުގައި ކައިވެނި ހެދުން، މޭކަޕް އަދި އިސްތަށިގަނޑުގެ ސްޓައިލުން އެކަންޏެއް 'ބްރައިޑަލް ލުކް'އެއް ފުރިހަމައެއްނުވެ އެވެ. އަތުގެ ނިޔަފަތިތައް ވެސް މުޅި 'ލުކް'އާ ގުޅެން ޖެހެ އެވެ. ކައިވެނި ފޮޓޯ އާއި ވިޑިއޯތަކުގައި ކައިވެނި ހަފްލާއަކުން ފެންނަ އެންމެ ކުދިކުދި ކަންކަން ވެސް ދައްކާލާ ޒަމާނެއްގައި، އިނގިލީގައި އަޅުވާފައި އޮންނަ ކައިވެނި އަނގޮޓިއާ އެކު ސާފުކޮށް ނަލަކޮށް ތައްޔާރުކޮށްލައިފައިވާ ނިޔަފަތިތަކެއް ވެސް ހުރުން އެކަށީގެންވެ އެވެ.
ދިވެހިންގެ ތެރޭގައި މިހާރު މެނިކިއޯ އަދި ޕެޑިކިއޯގެ ސަގާފަތް ވަނީ އަށަގެންފަ އެވެ. ކޮންމެ މަހަކު ގަވައިދުން ސެލޯންތަކަށް ގޮސް އަތްފައި ރަނގަޅަށް ސާފުކޮށް ހެދުމަކީ، ޒަމާނުއްސުރެން ދިވެހިންގެ ތޮބިއްޔަތުގައި ހުންނަ ސާފުތާހިރުކަމުގެ ސިފަ ކަށަވަރުކޮށްދޭ ނިޝާނެކެވެ.
ކައިވެނި ފަދަ ބޮޑު ހަފްލާއަކަށް ހިތްގައިމު ސްޓައިލެއްގެ ޖެލް، އެކްރިލިކް މެނިކިއޯއެއް ނުވަތަ 'ސްޓިކް އޮން ނެއިލްސް' ހަރުކޮށްލަން ބޭނުން ނަމަ ތިރީގައި ހަ ސްޓައިލްއެއް ހިމަނާލާނަމެވެ.
މިއީ މިވަގުތު އެންމެ 'ޓްރެންޑިން' ސްޓައިލްތަކުގެ ބްރައިޑަލް މެނިކިއޯ އެވެ.
'ކެޓް އައި ނެއިލްސް' ނުވަތަ ބައެއް މީހުން ކިޔާ 'ވެލްވެޓް ނެއިލްސް' އަކީ އޭގެ ތްރީ-ޑީ އިފެކްޓުގެ ސަބަބުން މަޝްހޫރުވެފައިވާ ސްޓއިލްއެކެވެ. ކައިވެނި ކުރާ ޒުވާނުންނަށް މި ޓްރެންޑް އެކަށީގެންވަނީ ނިއުޓްރަލް އަދި މަޑު ކުލަތަކުންނެވެ. އައިވަރީ، ރިހި ނުވަތަ ފިޔާތޮށި ކުލައަށް ބަލާށެވެ.
މިކަހަލަ މަޑު ކުލަތަކާއި ސާދާ ސްޓައިލްއެއް ބޭނުންކުރުމުން 'ލުކް' ކޮންމެ ޒަމާނަކާ ވެސް ގުޅޭނެ އެވެ. ގޮތްބޮޑު ސްޓައިލްތަކާ ދުރުހެލިވުން ބުއްދިވެރި އެވެ.
މި އަހަރު ފާހަގަވި ބްރައިޑަލް މެނިކިއޯ ޓްރެންޑް އަކީ ސާދާ، ގޮތްބޮޑު ނޫން ސްޓައިލްތަކެވެ. ސާފުކޮށް އިނގިލީގެ ނިޔަފަތިތައް މެނިކިއޯ ކުރުމަށް ފަހު ނެއިލް ޕޮލިޝްގެ ގޮތުގައި މަޑު ފިޔާތޮށި، އައިވަރީ ނުވަތަ ހަމުގެ ކުލައާ ގާތް ކުރާ ކުލަތައް ޖައްސާލުން އެކަށީގެންވެ އެވެ. އަދި ވަރަށް 'ގްލޮސީ' 'ކްލިއާ ކޯޓް'އެއްގެ ޕޮލިޝްއެއް ޗާލުވާނެ އެވެ.
މަތީގައި ފާހަގަ ކޮށްލި ޓްރެންޑްއަށް ވުރެން ތަންކޮޅެއް ކުލަ ތަފާތު 'ބްލަޝް' ސްޓައިލްއަކީ މަޑު އެކި ކުލައިގެ ފިޔާތޮށިން ނިޔަފަތި ތައްޔާރުކޮށްލުމެވެ.
'ސޮފްޓް ބްލަޝް ނެއިލްސް' އަކީ މިހާރު ދުނިޔޭގައި އެންމެ މަގުބޫލު ސްޓައިލް ވެސް މެ އެވެ. މި ސްޓައިލްއަށް ނިޔަފަތީގެ ބައްޓަން ވަށްކޮށް، ދިގުކޮށް ބަހައްޓާފައި ހުރެ އެވެ. އަދި މިއީ ކައިވެނި ހަފްލާއަށް ފަހު ވެސް ކޮންމެ މުނާސަބަތަކާ ވެސް ގުޅުވާލެވޭނެ، ގިނަ ދުވަހު ދެމެހެއްޓޭނެ ވައްތަރެކެވެ.
އާދައިގެ ސްޓައިލްއަކަށްވުރެން ތަފާތު އަދި ހިތްގައިމު ނިޔަފަތި ސްޓައިލްއެއް ބޭނުން ނަމަ މިއީ ވަރަށް އެކަށީގެންވާ ޓްރެންޑެކެވެ. ސްޓިކް އޮން ނިޔަފަތި ވިއަސް ނުވަތަ ޖެލް މެނިކިއޯ އަކަސް، ނިޔަފަތީގައި އެކި ވައްތަރުގެ އިތާމުއި، ރައިންސްޓޯން ނުވަތަ ފްލޯރަލް ޑިޒައިންއެއް ވެސް ބޭނުންކޮށްލެވޭނެ އެވެ.
އެކަމަކު ކައިވެނި ހަފްލާތަކަށް މުނާސަބު ހުދު އަދި މަޑު ފިޔާތޮށި ފަދަ ކުލަތައް ބޭނުންކުރުން ބުއްދިވެރި އެވެ. ނުވަތަ އެ މީހަކު ހުދު ނޫން އެހެން ކުލައެއްގެ ކައިވެނި ހެދުމެއް ލާ ނަމަ އެ ހެދުމެއްގެ ކުލައަކާ ގުޅުވާލައިގެން ތަފާތު މެނިކިއޯ ސްޓައިލްއެއް ބޭނުންކޮށްލެވިދާނެ އެވެ.
'ފްރެންޗް ޓިޕްސް' އަކީ ކޮންމެ ޒަމާނަކާއި މުނާސަބަތަކާ ވެސް ގުޅޭ ނިޔަފަތި ސްޓައިލް އެކެވެ.
ކްލެސިކް ހުދު ފްރެންޗް ޓިޕް މެނިކިއޯ އަކީ ކައިވެނި ހަފްލާތަކަށް އެންމެ މަގުބޫލު ސްޓައިލް އެވެ. އެކަމަކު ހުދު ކުލަ ނިޔަފަތިތަކުގެ ކޮޅުގައި ޖެއްސުމުގެ ބަދަލުގައި މެޓަލިކް ރިހި ނުވަތަ ރަން ކުލައިން ޖައްސާލުން ނަލަ އެވެ. 'މާމެއިޑް އިންސްޕަޔާޑް ލުކް'އެއް ހޯދުމަށް ރިހި އަދި މުތް ހުދު ކުލަ އިހްތިޔާރު ކުރާށެވެ.
މަތީގައި ފާހަގަ ކުރި 'ފްރެންޗް ޓިޕްސް'ގެ ވައްތަރެއް ކަމަށްވާ އޮމްބްރެ މެނިކިއޯ އަކީ ނިޔަފަތީގެ ކޮޅުން ހުދު ކުލަ މަޑުކޮށް ފަނޑުވަމުން ކުލަ ބަދަލުކޮށްފައި ހުންނަ ސްޓައިލްއެކެވެ.
ކައިވެނި ހަފްލާގައި ވަކި ސެގްމެންޓުތަކަކަށް އެއް ހެދުމަށްވުރެން ގިނަ ހެދުން ލާ ނަމަ އެ ހުރިހާ ހެދުމަކާ ގުޅޭ ކުލައެއް ނިޔަފަތީގައި ޖެއްސުން ބުއްދިވެރި އެވެ. އެގޮތުން މެޓަލިކް ކުލަތަކުގެ ތެރެއިން ރިހި ނުވަތަ ރަން ކުލަ އެކަށީގެންވެ އެވެ. އެކަމަކު އެއަށްވުރެން ތަފާތު ކޮށްލަން ބޭނުން ނަމަ ހިތްގައިމު ރަތް ކުލައެއްގެ އޮމްބްރެ މެނިކިއޯއެއް ޗާލު ވާނެ އެވެ.
ކައިވެނި ހަފްލާއަށް ނިޔަފަތި ނަލަކޮށްލަން 6 ސްޓައިލްއެއްގެ މެނިކިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ