ވަޓްސްއެޕް މަލްޓި އެކައުންޓް ފީޗާ އައިފޯނަށް ޓެސްޓްކުރަނީ

އެންމެ އައިފޯނަކުން އެއްފަހަރާ ވަޓްސްއެޕްގެ ދެ އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ޔޫޒަރުންނަށް ލިބިދިނުމަށް، ވަޓްސްއެޕުން އެ ކުންފުނީގެ އައިއޯއެސް އެޕްލިކޭޝަނަށް "މަލްޓި-އެކައުންޓް" ސަޕޯޓް ޓެސްޓްކުރަން ފަށައިފިއެވެ. މިއީ ގިނަ ބަޔަކު އެދެމުން އައި ފީޗާއެއް ކަމަށާއި، މި ފީޗާގެ ސަބަބުން ޝަޚްސީ އަދި ވަޒީފާގެ ނަމްބަރު ފަދަ ދެ ނަމްބަރު އެއް އެޕްލިކޭޝަނެއްގެ ތެރެއިން ބޭނުންކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިހާތަނަށް މި ފުރުސަތު އައިފޯނު ޔޫޒަރުންނަށް ލިބެމުން އައީ "ވަޓްސްއެޕް ބިޒްނަސް" ފަދަ އިތުރު އެޕެއް ބޭނުންކޮށްގެންނެވެ. ނަމަވެސް މި އާ ފީޗާ އައުމާއެކު، އެއް ވަޓްސްއެޕް އެޕްލިކޭޝަނެއްގެ ތެރެއިން ދެވަނަ އެކައުންޓެއް އިތުރުކޮށް، އެކައުންޓުތަކުގެ މެދުގައި ފަސޭހައިން ސްއިޗްކޮށްލެވޭނެއެވެ. ވަޓްސްއެޕްގެ ފީޗާތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ "ޑަބްލިއުއޭބީޓާއިންފޯ" އިން ބުނާ ގޮތުގައި، މި ފީޗާ މިވަގުތު ލިބެމުންދަނީ ވަޓްސްއެޕްގެ އައިއޯއެސް ބީޓާ ވާޝަން 25.34.10.72 ބޭނުންކުރާ މަދު ޓެސްޓަރުންކޮޅަކަށެވެ. https://sun.mv/213730 މި ފީޗާގެ ދަށުން، އެޕްގެ ސެޓިންގްސްގައި "އެކައުންޓް ލިސްޓް" ގެ ނަމުގައި އާ ބައެއް ހިމަނާފައިވެއެވެ. މި ބައި މެދުވެރިކޮށް ދެވަނަ އެކައުންޓެއް އިތުރުކުރެވޭނެއެވެ. މި ފީޗާގެ އެންމެ މުހިންމު އެއްކަމަކީ، ކޮންމެ އެކައުންޓެއްގެ ޗެޓްތަކާއި، ނޮޓިފިކޭޝަންތަކާއި، ޕްރައިވެސީ ސެޓިންގްސް އަދި ޗެޓް ބެކަޕްތައް ވެސް ވަކިން ބެލެހެއްޓޭނެ ކަމެވެ. އަދި އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވުމަށް ކުރީގެ އެކައުންޓުން ލޮގްއައުޓްވާކަށް ނުޖެހޭނެއެވެ. ނޮޓިފިކޭޝަންތައް ވެސް މި ފީޗާއާއެކު އަޕްޑޭޓްކޮށްފައިވެއެވެ. އެގޮތުން، އެވަގުތު ބޭނުންނުކުރާ (އެކްޓިވް ނޫން) އެކައުންޓަށް މެސެޖެއް އައި ނަމަވެސް ނޮޓިފިކޭޝަން ލިބޭނެއެވެ. އަދި ކޮންމެ ނޮޓިފިކޭޝަނެއްގައި އެއީ ކޮން އެކައުންޓަކަށް އައި މެސެޖެއްކަން ސާފުކޮށް އެނގޭނެއެވެ. އެކައުންޓުތައް ބަދަލުކުރުމަށް ސެޓިންގްސް ޓެބަށް ފިތާލައިގެން ހުރުން ނުވަތަ ދެ ފަހަރު ޓެޕްކޮށްލުން ފަދަ ކުރުގޮތްތައް ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން، ފޭސް އައިޑީ، ޓަޗް އައިޑީ ނުވަތަ ޕާސްކޯޑް ބޭނުންކޮށްގެން އެކައުންޓްތައް "އެޕް ލޮކް" ކުރުމުގެ ފުރުސަތު ވެސް މި ފީޗާގައި ހިމެނެއެވެ. ވަޓްސްއެޕުން އެންޑްރޮއިޑް ޔޫޒަރުންނަށް މި ފީޗާ 2023 ވަނަ އަހަރު ތައާރަފްކޮށް، މިހާރު ވަނީ އާންމުކޮށް ލިބޭނެ ގޮތް ހަދާފައެވެ. އެހެންކަމުން، މި ފީޗާ ވަރަށް އަވަހަށް އައިފޯނު ބޭނުންކުރާ ހުރިހާ ޔޫޒަރުންނަށް ވެސް ކުރިމަގުގެ އަޕްޑޭޓަކާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ