ގައުމީ ފުޓްބޯޅަ ޓީމުގެ ހާލަތު ބަދަލުކުރެވޭނީ ޒުވާން އާ ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށް ގިނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅެގެން ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ތިން މަހުގެ ކޮންޓްރެކްޓެއްގައި ގައުމީ ޓީމާ ހަވާލުވި، މޯހަން ޓީމަށް އިރުޝާދުދިން ފަހު މެޗަކީ، އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސް އަތުން 2-0 އިން ރާއްޖެ ބަލިވި މެެޗެެވެ.
އެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ، އެހެން މެޗުތަކަށް ވުރެން ފެށުން ރަނގަޅުވި ކަމުގައި ވިޔަސް ނަތީޖާ އަށް ބަލާއިރު ބަލިވުމަކީ ހިތްހަަމަޖެހުމެއް ނޫން ކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި، ފުރަތަމަ ފަސް މިނިޓް ތެެރޭ ކޮޅަށް ގޯލެއް ވަންނަ ކަމަށާއި މި މެޗުގައި 20 މިނިޓް ރަނގަޅަށް ކުޅެފައި، ކޮޅަށް ގޯލެއް އައީ ސަމާލުކަން ދޭން ޖެހޭ މިންވަރަށް އެކަންކަން ނުކުރެވުމުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"ކޮންސަަންޓްރޭޝަން މި ދައްވާ ކަންތައް މިއީ މައްސަލަ އަކީ، ބޯޅަ ބޭރުވީމަ އެ އަށް އަވަހަށް ތައްޔާރުވުމާއި މި ކަހަލަ ކަންތައްތަކަކީ ކުޅުންތެރިން ވަރަށް ވިސްނަން ޖެހޭ ކަންތައް، ޕްރެކްޓިސް ކޮށްފައި ހުރި ކަންތައް އޭގެ ތެރެއިން މި އައި ފުރަތަމަ ގޯލަކީ ފުދޭ ވަރަކަށް ރަނގަޅަށް ކުޅެނިކޮށް އައި ގޯލެއް، ޖުމްލަކޮށް ގޭމް ރަނގަޅު ކުޅުނު، ޗާންސް ލިބުނު ކްރިއޭޓް ވެސް ކުރެވުނު، ހިތްހަމަޖެހޭ އަނެއްގޮތަށް ބަލާއިރު ނަތީޖާ ދެން، ބަލިވުމަކީ ހިތްހަމަޖެހޭނެ ކަމެއް ނޫން،" މޯހަން ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، މޯހަން ފުރަތަމަ ނުކުތީ، ސެޕްޓެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް އަށެވެ. ލަންކާ އަތުން ފުރަތަމަ ލެގުގައި 3-0 އިން މޮޅުވެ، ދެ ވަނަ ލެގުގައި 1-1 އިން އެއްވަރުވެ، ރާއްޖޭން އެގްރިގޭޓުން ކުރިހޯދީ 4-1 އިންނެވެ. އޭގެ ފަހުން، އޭޝިއަން ކަޕް ކޮލިފައިން އަށް ނުކުމެ، ތަޖިކިސްތާން އަތުން ރަށުންބޭރުގައި، 2-0 އިން ބަލިވިއިރު، މާލޭގައި އެ ޓީމު އަތުން 3-0 އިން ބަލިވި އެވެ. އަދި، އިއްޔެ، ފިލިޕީންސް އަތުން 2-0 އިން ބަލިވެ، ކޮލިފައިންގައި ކުޅުނު ފަސް މެޗުން ވެސް ރާއްޖެ މި ވަނީ ބަލިވެފަ އެވެ.
އިއްޔެގެ މެޗުގެ ތެރެއިން ގައުމީ ކޯޗު މޯހަން: އޭނާ ވަނީ އަލަށް ބޭނުންކުރި އީތަން އާއި ތޯއިފްގެ މަސައްކަތް ފާހަގަކޮށްފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ
ރާއްޖެއާ ދެކޮޅަށް އެންމެ ފަހުން ކޮލިފައިންގައި ކުޅުނު ފިލިޕީންސް އާއި ތަޖިކިސްތާނަކީ، މި ގްރޫޕުން އޭޝިއަން ކަޕަށް ވާދަކުރާ ދެ ޓީމެވެ. މި ދެ ޓީމު ވެސް ކޮލިފައިން މެޗުތައް ކުޅެން ރާއްޖެ އައިސްފައިވަނީ، ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް، އެކުވެރިކަމުގެ މެޗުތައް ކުޅެ، ރަނގަޅަށް ތައްޔާރުވެގެންނެވެ. އެކަމަކު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން، އެކަށީގެންވާ ވަރަށް ތައްޔާރުވާން ފުރުސަތު ނެތެވެ.
"ވަގުތު ނަގައިގެން ގިނަ ފްރެންޑްލީ އެއްޗެހި ކުޅެން ޖެހޭނީ، ގިނަ ޅަ ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތެއް ރާވަން ޖެހޭނީ އެއީ ކޮމްޕެޓިޓީވް މެޗެއްގައެއް ނޫން، ފްރެންޑްލީތައް ގިނައިން ކުޅެގެން އެ ކުދިން މީގެ ތެރެއަށް ވެއްދޭތޯ ކުރަން ޖެހޭ މަސައްކަތް އެއީ މުހިންމު ކަމަކީ، އެ ކަންކަމާ އެކީގައި ކުރިއަށްދާން ޖެހޭނީ،" ހުރި ގޮންޖެހުންތަކުގެ ހައްލަށް އިޝާރާތްކޮށް މޯހަން ބުންޏެވެ.
ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ޓީމުން މުޅިން އަލަށް ފުރުސަތު ދިނީ ޑިފެންޑަރު، ތޯއިފް ގާސިމް (ތޯއްޕެ) އާއި އީތަން އިބްރާހިމް ޒަކީ އެވެ. އީތަން އާއި ތޯއިފް ވެސް ރަނގަޅަށް މަސައްކަތްކުރިކަން ފާހަގަކުރަމުން މޯހަން ބުނީ، އެ ލެވަލްގެ އިތުރު ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި އެކަމަކު ކުއްލިއަކަށް ގައުމީ ޓީމަށް އަރުވަން ބަލާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެެވެ.
"(ޒުވާން ކުޅުންތެރިން ޓީމަށް) ލާން އެއްބައި ފަހަރު އުނދަގޫވާކަން އިނދޭ، ރަސްމީ މެޗެއްގައި ވީމަ، މުބާރާތެއްގެ މެޗެއްގައި ވީމަ، ކުދިންނަށް ވެސް ވަރަށް ބޮޑު ޕްރެޝަރަކަށް ވެގެންދަނީ، އެ ކުދިން ޕްރެޝަރު ހޭންޑަލް ކުރެވޭތޯ ނުކުރެވޭނެތޯ މި ކަހަލަ ލެވަލްގެ ސުވާލު އުފެދޭ، އެހެން ނަމަވެސް ފްރެންޑްލީ ކުޅޭއިރު، މިސްޓޭކް ހެދުނަސް އޯކޭ، ރިޒަލްޓެއް ނޫން. މުހިންމީކީއެއް ނޫން، އެ ކަހަލަ މެޗުތައް ގިނައިން ކުޅޭ ކަމަށްވެއްޖިއްޔާ ގިނަ ކުޅުންތެރިން ނެރެވޭނެ، ސްކޮޑު ހަމަ، ތި ފާހަގަކުރި ގޮތަށް އޭޖް. އެ އެންމެނަށް ވެސް އެނގޭ،" މޯހަން ބުންޏެވެ.
މި ވަގުތަށް ބަލާއިރު، ގައުމީ ފުޓްބޯޅަ ޓީމަށް ދެން އެންމެ އަވަހަށް މެޗެއް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަހަރުގެ މާޗް 31 ވަނަ ދުވަހު އީސްޓް ޓީމޯއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ހާލަތު ބަދަލުކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެގެން ގައުމީ ފުޓްބޯޅަ ޓީމުގެ ހާލަތު ބަދަލުކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ