ދިރާގު ރޯޑް ރޭހުން 13 ޖަމިއްޔާއަކަށް 678،800ރ. ހަދިޔާކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ތޭރަ އެންޖީއޯއަކަށް ޖުމްލަ ހަލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ރުފިޔާ ދިރާގުން ހަދިޔާކޮށްފިއެވެ. މިއަހަރުގެ ރޯޑް ރޭސް ބާއްވާފައިވަނީ މިދިޔަ މަހުގެ 24ގައި ހުޅުމާލޭގައެވެ. މި އަހަރުގެ ދުވުމަށް ރަސްޖިސްޓަރީ ކުރި އިރު ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު އިހްތިޔާރުކުރާ އެންޖީއޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވެއެވެ. ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަށް ބަހާލާ ގޮތަށް ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ދިރާގުން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800 ރުފިޔާ، ދިރާގުން ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރު އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. އެއާއެކު، މި އަހަރު ޑީއެމްއާރްއާރް މެދުވެރިކޮށް ޖުމްލަ 678،800 ރުފިޔާ ވަނީ އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފަށައިގަތުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މިއަހަރު ބޭއްވި ދިރާގު ރޯޑު ރޭހުގެ ތެރެއިން: އެ ދުވުމުން ވަނަތައް ހާސިލުކުރި ބައިވެރިންނަށް ވަނީ އިނާމުތައް ހަވާލުކޮށްފައި --- ފޮޓޯ: ދިރާގު ދުވުންތެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް ވެސް ދިރާގުން ވަނީ 76،831 ރުފިޔާ ހަދިޔާކޮށްފައެވެ. އެ އެން.ޖީ.އޯތަކަކީ: 1. ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް 2. ޓައިނީ ހާޓްސް އޮފް މޯލްޑިވްސް 3. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން 4. މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ 5. އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އެންޑޯސްކޮށްފައިވާ އިތުރު ހަތް އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް ދިރާގުން ވަނީ 36،831 ރުފިޔާ ހަދިޔާކޮށްފައެވެ. އެ އެން.ޖީ.އޯތަކަކީ: • ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ • ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) • ކެއަރ ސޮސައިޓީ • މޮމްސް އެއިޑް • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) • ވީލްޗެއާ އެސޯސިއޭޝަން އޮފް މޯލްޑިވްސް • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް https://s1.sun.mv/213903 އަދި، މި ދުވުން އަންނަ އަހަރުގެ އޮކްޓޫބަރު 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް ދިރާގުން ވަނީ އިއުލާނުކޮށްފައެވެ. ޑީ.އެމް.އާރް.އާރް 2025ގެ އިނާމު ދިނުމަށާއި އެން.ޖީ.އޯތަކަށް ޑޮނޭޝަން ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ މި ރޯޑް ރޭހުގެ ޝިޔާރަކީ ދިރާގުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ދާއިރާއެއް ކަމަށްވާ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުން ކަމަށެވެ. "މި ގޮތުން މި އަހަރު އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ކުޑަކުދިން ރައްކާތެރިކުރުމަށާއި، ހުރިހާ ކުދިން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ 13 އެންޖީއޯއަކާ ގުޅިގެން" ބިޝާރާ ވިދާޅުވެފައިވެއެވެ. ދިރާގުން ބުނީ މި މަގުސަދުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، މި އަހަރު ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން 100 އިންސައްތަ އޮފް-ސެޓްކޮށްފައި ކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ޓެކްނޮލޮޖީ އަދި ސަސްޓެއިނަބިލިޓީ އިސްކޮށް ޒިންމާދާރު އަދި މުހިންމު އިޖުތިމާއީ މަގުސަދުތަކެއް ހާސިލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެކުންފުނިން ބުންޏެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވައިފައިވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވާލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ