ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ، ބަލި ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މާލޭގެ މަގުތަކަށް ނުކުތީ އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމާއި މުޒާހަރާ ކުރުމަށް ހުރަސް އެޅޭނެހެން މިހާރު އޮތް ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައިސްފައިވަނީ "ތާހިރުކޮށް" ނޫން ކަމަށެވެ. ޑީއާރުޕީ، ޕީޕީއެމް، އަދި ޕީއެންސީ ނިސްބަތްވާ ފިކުރުން ހަޑިހުތުރުކޮށް މީގެ ކުރިން އެތައް މުޒާހަރާއެއް ކުރިކަން އަމީން މިއަދު ހަނދާން އައު ކޮށްދީފައިވެ އެވެ.
"ކޮވިޑުގެ ދަތި ހާލަތުގަ އެބޭފުޅުންނެއް ނޫންތަ ބުނީ ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ. [މަޖިލީހުގެ] ރައީސް ނުހުންނަންތަ އެބޭފުޅުންނާ އެކީގަ. އެއީތަ ގައުމަށް ލޯބިވާ މެންބަރުންނަކީ. މިއަދު އަރާ އަޑުގަދަ ކުރެވިދާނެ. ހަގީގަތް، ތާރީހުން ފެންނަން އޮތީ ހަމަ އެއްގޮތަކަށް. ވަކި ތާހިރު ބައެއް ނޫނޭ ތި ޕީއެންސީ އަކީ،" އަމީން ވިދާޅުވި އެވެ.
ކޮވިޑު ދުވަސްވަރު އޭރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާން ތަކާއި އިންޒާރުތަކަށް ބެލުމެއްނެތި ކުރި މުޒާހަރާތަކުގެ ކުރީ ސަފުގައި ރައީސް މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވި އެވެ.
ސިޔާސީ މަސައްކަތަށް ވަނުމުގެ ކުރިން މުދައްރިސެއްގެ ގޮތުގައި އުޅުނިން ކަމަށާއި އޭރު އެ މަގާމު އަދާކުރަން ދަތިވާނެހެން މިހާރު ވެރިކަމުގައި އޮތް ފިކުރުން ސިޔާސީ ހަރަކާތް ހިންގިކަން އަމީން ފާހަގަކުރެއްވި އެވެ.
"އޭރުގަ ވެސް ބޮޑުންނަށް ތިބި މީހުން މިއަދު ވެސް ބޮޑުންނަށް ތިބީ އިއްޒަތްތެރި ރައީސް. އޭރުގެ ޑީއާރުޕީ، ދެން ޕީޕީއެމް، ޕީއެންސީ. މި ހާވަނީ އިއްޒަތްތެރި ރައީސް ހަމަ އެކައްޗެއް. ޓޫރިޒަމް ވެސް ބޮއިކޮޓުކުރީ. އިންޑިއާ އައުޓް ވެސް ޖެއްސީ،" އަމީން ވިދާޅުވި އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، މުޒާހަރާ ކުރުމާ ދެކޮޅަށް މިއަދު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކިޔަސް އެ ޕާޓީން ވެރިކަމަށް އައީ އިންޑިއާ އައުޓް އަދި ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށެވެ.
ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެ ގާނޫނު އޮންނަން ޖެހޭ ކަމަށާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
އެ ކަމަށް ރައްދު ދެއްވާ ޒިޔާދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅުން ކުރި ބޮޑެތި މުޒާހަރާތައް ކަމަށެވެ. އޭރު މުޒާހަރާ ކުރި މީހުންނަށް ދައުވާ ނުކުރާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މަގުތަކަށް ނުކުތީ ވެސް މި ސަރުކާރުގެ ވެރިން: އަމީން ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މަގުތަކަށް ނުކުތީ ވެސް މި ސަރުކާރުގެ ވެރިން: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ