ތާރާގެ އުފަންދުވަސް ފާހަގަކުރުމަށް ލޯބިވެރިޔާއާ އެކު ރާއްޖޭގައި
މި ފަހަކަށް އައިސް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބެމުން އަންނަ ބޮލީވުޑް ބަތަލާ ތާރާ ސުތާރިއާ ރާއްޖެ އަތުވެއްޖެއެވެ. ތާރާ ރާއްޖެ އައިސްފައި ވަނީ އެކްޓަރު އަދި ލޯބިވެރިޔާ ވީރް ޕަހަރިޔާއާ އެކު ބަތަލާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދު 30 އަހަރު ފުރުނު ބަތަލާ ވަނީ މީގެ ތިން ދުވަސް ކުރިން އެކަމަށްޓަކައި ރާއްޖެ އައިސްފައެވެ. އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ތާރާ ވަނީ ދެ މީހުން މަޑުކޮށްލައިގެން ތިބި ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާ އެކު ތާރާ ބުނެފައި ވަނީ އުފަންދުވަސް އަންނަ ހާއްސަ ހަފްތާ ފެށުނީ ކަމަށެވެ. ތާރާ އާއި ވީރް ޗުއްޓީ ހޭދަކުރަމުން އަންނަ ލަގްޒަރީ ރިސޯޓު ކަމަށްވާ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގައި ހޭދަކުރާ ކޮންމެ ރެއަކަށް 1.7 ލައްކަ އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 1،921 އެމެރިކާ ޑޮލަރު) ހޭދަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބަތަލާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ލިޔުންކޮޅު ރަތް ކުލައިގެ ފެއަރީ ލައިޓްސްއިން ފަރުމާކޮށްފައިވާ މަންޒަރާ އެކު އެ ރިސޯޓުގެ ހިތްގައިމު މާހައުލުގެ ބައެއް ފޮޓޯތައް ބަތަލާ ވަނީ ފޭނުންނާ ހިއްސާކޮށްފައެވެ. ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވެސް ރާއްޖެ އައިސްފައިވެއެވެ. ތާރާ އަދި އެކްޓަރު ވީރް ޕަހަރިޔާ--ފޮޓޯ/އިންޑިއާފޯރަމްސް އެ ދަތުރުގައި ތާރާ ޗުއްޓީ ހޭދަކޮށްފައި ވަނީ ޕަޓީނާ މޯލްޑިވްސްގައެވެ. ކުރިން އެކްޓަރު އާދަރު ޖެއިންއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ބަތަލާ ވަނީ އާދަރުއާ އެކު ވެސް އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ފިލްމު "ސްކައި ފޯސް"އިން ބޮލީވުޑަށް ތައާރަފްވި ވީރް ޕަހަރިޔާއާ އެކު ލޯބީގެ ގުޅުން ބާއްވަން ފެށިފަހުން ދެ ތަރިން ވެފައި ވަނީ އިންޑިއާގެ މީޑިއާތަކުގެ ކެމެރާމަނުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ދެ ލޯބިވެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ