ގޮނޑިގެއްލުމުގެ ކުރިން ވޯޓަކަށްދިއުން; އެމްޑީޕީ ހިމެނޭހެން ސަރުކާރުގެ ބައެއް މެމްބަރުންނަށް ކަމަކު ނުދިޔަ

މެމްބަރަކު ޕާޓީ ބަދަލުކުރުމާ ގުޅިގެން މެމްބަރުކަން ގެއްލުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހް ކަމުނުދާކަމަށްބުނެ، އިދިކޮޅު އެމްޑީޕީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވާހަކަދައްކަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާއަކަށް ނިސްބަތްވާ މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭގޮތަށް ޤާނޫނަށް އިސްލާހް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އޭނާ ހުށަހެޅި މި އިސްލާހްގައި ބުނެފައިވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭކަމަށް އޮތްނަމަވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނޭކަމަށް ނިންމޭނީ އެ މެމްބަރެއް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކަށްފަހުގައިކަމަށެވެ.
އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރު ހުށަހެޅި އިސްލާހާ ދެކޮޅުކަމަށާއި، މީގެ ކުރިން އެ މެމްބަރުން ބިލް ފާސްކޮށްފައިވަނީވެސް އުސޫލްތަކާ ހިލާފަށް ކަމަށެވެ. ނާޒިލް ވިދާޅުވީ ޕާޓީގަ އޮންނަ ފިޔަވަޅު އަޅާ ކޮމިޓީގަ ތިބޭ ފަސް މެންބަރަކު ނޫނީ ތިން މެންބަރަކު ނިންމާ ނިންމުމެއްގެ މައްޗަށް ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މެމްބަރަކު ވަކިކުރެވޭ ގޮތަށް އޮތުމަކީވެސް އެމްޑީޕީން ގަބޫލުކުރާ ހަމައެއް ނޫންކަމަށެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ވިދާޅުވީ ސަރުކާރުން ގެންނަން އުޅޭ އިސްލާހުން ހާސިލްވާނޭ އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށާއި، މިއީ ތަހްޒީބް މުޖުތަމައުގައި ކަންކަންކުރެވޭނެ ގޮތެއް ނޫންކަމަށެވެ. 
މި  އިސްލާހަށް ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕާޓީއަށް ބޭވަފާތެރިވެ ޕާޓީއަކުން އެ މެމްބަރަކު ވަކިކުރުމުން އެހިސާބުން ގޮނޑި ގެއްލުނީ ކަމަށާއި، ދެން އޮތީ އޭނާއަށް އަލުން އިންތިހާބުގައި ވާދަކުރުންކަމަށެވެ. އިސްލާހް އޮތްގޮތުން މިކަމަކީ އަނެއްކާ ދައުލަތުގެ ހަރަދުތައް ބޮޑުވެގެންދާނޭ ކަމެއްކަން ފަލާހް ވަނީ ފާހަގަކޮށްފައެވެ. 
ޕީއެންސީގެ ބައެއް މެމްބަރުން އިސްލާހާ ދެކޮޅަށް ވާހަކަދެއްކެވި ނަމަވެސް ބައެއް މެމްބަރުން ވަނީ ސުޖާއު ހުށަހެޅުއްވި އިސްލާހާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. އެއްކޮޅަށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ އެ އިސްލާހްގެ ސަބަބުން މެމްބަރު އިންތިހާބުކުރި މެމްބަރުންނަށް އެ މެމްބަރު ވަކިކުރުމުގެ ފުރުސަތު ލިބިގެންދާކަމަށާއި، އެއީ ޑިމިކްރަސީގެ ހެޔޮ ނަމޫނާއެއްކަމަށް އެ މެމްބަރުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ