ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން، މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. ދުވާލު ހަތަރުދަން ހޭދަކުރަނީ މަސައްކަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގަ. އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް. އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ. އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހު ވިދާޅުވި އެވެ.
މަޖިލިސް މެންބަރުން ހަމައެކަނި ކުރާ މަސައްކަތަކީ ތަޅުމުން އެ ފެންނަ މަންޒަރު ނޫން ކަމަށާއި އޭގެ އިތުރުން ކުރާ ކަންކަން އިހުސާސް ކޮށްލަން އާންމުންނަށާއި މެންބަރުކަން ނުކުރާ މީހުންނަށް އުނދަގޫ ވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަ މި ކުރާ މަސައްކަތުގެ ހަ ގުނަ އިތުރު މަސައްކަތް، މީގެން ބޭރުން އަޅުގަނޑުމެންނަށް ކުރަން ހުރޭ. ކޮމިޓީ ނިންމުމަށްފަހު ރައްޔިތުންގެ ދާއިރާތަކުގައި ހުންނަ އެކި މަސައްކަތްތަކުގަ. ގައުމުގެ ކަންކަމުގަ. ރައްޔިތުން އެދޭ އެހެނިހެން ކަންކަމުގައި."
ފަލާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ކޮންމެ ދުވަހަކު ހޭލައިގެން ނިދަން ވަންދެން ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން ގޮތެއްގައި ވަގުތު ހޭދަ ނުކުރެ އެވެ. އޭނާ އެހެން ވިދާޅުވިއިރު، އާންމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަނީ ހަފުތާއަކު ތިން ދުވަހު އެވެ.
މަޖިލިސް މެންބަރުންގެ ހާޒިރީ އާއި މެންބަރުން ކުރާ މަސައްކަތް މަދު ކަމަށް ބުނެ ގިނަ ބަޔަކު މެދުކެނޑުމެއްނެތި އާންމުންނާއި ސިޔާސީން ދަނީ ފާޑުކިޔަމުންނެވެ.
މިއަދުގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދުނުކުރާކަން ހާމަކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.
އެ ބަހުސްގައި ފަލާހު މި ވާހަކައިގެ އިތުރުން ވިދާޅުވީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށްފަހު އެ ޕާޓީއަށް އެ މެންބަރެއްގެ ހިދުމަތް ކަމުނުދާ ކަމަށް ދެކި، ޕާޓީއަށް ބޭވަފާތެރިވާ ކަމަށް ފެންނަ ހިނދެއްގައި މެންބަރަކު ވަކިކުރުމަކީ މައްސަލައެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތަށް ޕީއެންސީ އިން އޭނާ ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ދަރިއެއް ވިހާއިރު މައެއްގެ ގައިގައި އަޅާ ވޭން ނޭނގޭހެން މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ: ފަލާހު ދަރިއެއް ވިހާއިރު މައެއްގެ ގައިގައި އަޅާ ވޭން ނޭނގޭހެން މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ