ދިރާގުގެ މުވައްޒަފުންގެ ތަޖުރިބާ ރަނގަޅުކަން ސާބިތުކޮށްދީ، "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހޯދައިފި

ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފިއެވެ. ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ"ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. މިގޮތުން، މި ސާވޭ މެދުވެރިކޮށް މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިޙުތިރާމާއި، ކުންފުންޏާމެދު ފަޚުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެއެވެ. "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަންއާއެކު ދިރާގު ހިމެނިފައިވަނީ ރާއްޖޭގައި ވެސް އަދި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރޭގައި ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުނިތަކުގެ ތެރޭގައެވެ. މި ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ލިބުމަކީ ވަރަށް ބޮޑު ފަޚުރެކެވެ. އެކަމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއް އޮތް ކަމާއި، މުވައްޒަފުންގެ އިހުސާސްތައް އަޑުއަހާ، މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން ކަމަށް އޭނާ ވިދާޅުވިއެވެ. "އަދި، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް. މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މި ވަނީ ސާބިތުކޮށްދީފައި," އިސްމާއީލް ރަޝީދު ވިދާޅުވިއެވެ. އެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު، އަޒްހާ ޒަމީރު ވިދާޅުވީ އެ ސެޓްފިކޭޝަނަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ބިނާކޮށްފައިވާ މަސައްކަތުގެ ސަގާފަތުގެ އެހީގައި ހޯދައިފައިވާ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން، ދިރާގަކީ މަސައްކަތުގެ ފުރިހަމަކަމުގެ މައްޗަށް ކުރިއެރުން ލިބޭ، ކުރިއެރުމަށް ހިތްވަރުދޭ، އެކަކު އަނެކަކުގެ ދުޅަހެޔަކަމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންކަމުން، މި ކާމިޔާބީ ހާސިލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް، އަދި އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން،" އަޒްހާ ވިދާޅުވިއެވެ. ދިރާގުން ބުނީ، އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި 99.9 ޕަސެންޓް ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ އެ ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސްއަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ