މުސާރަ އެއްހަމަކުރާ ގޮތުން ލީގަލް މުވައްޒަފުންނަށް 396 ރުފިޔާ ކެނޑޭތީ، މަޖިލީހަށް ޕެޓިޝަނެއް
ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ. ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. ނަން ހާމަކުރަން ބޭނުން ނުވާ، ކޯޓު މުވައްޒަފަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ކޯޓުތަކުގެ މުވައްޒަފުންތަކެއް ދަނީ ޖުޑީޝަރީ ކޮމިޓީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އަދި ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުންދާއިރު މިހާތަނަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 120 މުވައްޒަފުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެ މުވައްޒަފުން ތައްޔާރުކުރި ސިޓީގައި ވަނީ ލީގަލް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ، ކޯޓުތަކުގެ ވެރިންގެ ގޮތުގައި އިދާރީ ހިންގުމުގައި މަސައްކަތް ކުރަމުން އައި އެހެނިހެން މުވައްޒަފުންނާ ވަކިން ކަނޑައެޅި ތަންފީޒުކުރަމުން އައި އޮނިގަނޑެެއް ކަމަށެވެ. ނަމަވެސް މުސާރައަށް ގެނައި ބަދަލުތަކުގެ ތެރޭގައި މި މިންގަނޑު ހިފެހެއްޓިފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކަށް ބަލާނަމަ، ލީގަލް މުވައްޒަފުންގެ މުސާރައިން 396 ރުފިޔާ ކުޑަވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. https://sun.mv/213516 މީގެ އިތުރުން، މުސާރައިގެ އޮނިގަނޑަށް އައި ބަދަލުތަކަށް ބަލާއިރު، ކޯޓުތަކުގައި އިދާރީ ގޮތުން މަސައްކަތްތައް ކުރަމުން އައި ބައެއް މަގާމުތަކަށް މުސާރައިގެ ކުރިއެރުން ލިބުނު ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އެގޮތުން، އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމެއްގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއްގެ މުސާރައަށް 9,346 ރުފިޔާ ރުފިޔާ ވަނީ އިތުރުވެފައި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. ލީގަލް މުވައްޒަފުން މުސާރައާ ގުޅޭގޮތުން ޝަކުވާކުރަމުންދާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ވަނީ، މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/213386 މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ