ހައި ކޯޓުގެ ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލް އާ ހަވާލުކޮށްފި
ހައިކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާ ހަވާލު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ޖޭއެސްސީން މިދިޔަ އޭޕްރީލް މަހު އޮތީ ނިންމައިފަ އެވެ.ނަމަވެސް މިހާތަނަށް ފަނޑިޔާރު ފައިސަލް އިސް ފަނޑިޔާރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފައިސަލެވެ. މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.ފަނޑިޔާރު ފައިސަލްގެ އެ ނިންމުމާ އެކު ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލްއާ ހަވާލުކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ފަނޑިޔާރު ޖަމީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ