ކާރު އިތުރުކޮށްގެން ޓެކްސީ މައްސަލަ ހައްލެއް ނުވާނެ: ޑްރައިވަރުންގެ ޖަމްއިއްޔާ

މާލެއަށް އިތުރުކުރާ ކާރުގެ އަދަދުން ޓެކްސީ މައްސަލަ ހައްލު ނުވާނެ ކަމަށް ޑްރައިވަރުންގެ ޖަމްއިއްޔާ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ޓެކްސީ ލައިން ތައާރަފު ކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަމުން އިބްރާހިމް ނިޔާޒު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް މުވައްޒަފުންނަގަން އިއުލާނުކުރުމާ ހަމައަށް ވެސް ޓެކްސީ ޑްރައިވަރުން ވަރަށް ބޮޑަށް ބާކީކޮށްލާފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ނިޔާޒު ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ޑްރައިވަރުންނާ ހިއްސާކޮށްފައި ނުވާ ކަމަށާއި އެކަމުގެ އެއްވެސް މަޝްވަރާއެއް ވެސް ޑްރައިވަރުންނާއި ޑްރައިވަރުންގެ ޖަމްއިއްޔާއާ އެކު ކޮށްފައި ނުވާ ކަމަށެވެ.
"މިކަންކަން ކުރިއަށް ގެންދަނީ ވަރަށް ސިއްރު ޕްރޮސީޖާއެއްގެ ތެރޭގައި. މީގައި އަޅުގަނޑުމެން ޓެކްސީ ޑްރައިވަރުންނަށް އޮތީ ކޮންކޮން ފުރުސަތެއްކަން، އަޅުގަނޑުމެންނަށް ބައިވެރިވެވެނީ ކިހާ މިންވަރަކަށްކަން ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މާލެ އަށް ކާރުތަކެއް އިތުރުކޮށްގެން ޓެކްސީގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިކަމަށް ހައްލެއް ގެނެވޭނީ އަޅުގަނޑުމެންނާ މަޝްވަރާކޮށް، އަޅުގަނޑުމެން [ޑްރައިވަރުންގެ] ވެސް ބައިވެރިވުމާ އެކު." ނިޔާޒު ފާހަގަ ކުރެއްވި އެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި:
ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް 2024 ވަނަ އަހަރު ރައީސަށް ސިޓީއެއް ފޮނުވި. މިހާތަނަށް ވެސް އޭގެ ޖަވާބެއް ނުލިބޭ
ޓެކްސީ ޑްރައިވަރުން ތިބީ ބިކަކޮށް ނިކަމެތިކޮށްފައި
ޓެކްސީ ފްލީޓަށް ޑްރައިވަރުން ނެގުން ވެސް ވާނީ ސްކޭމަކަށް
"ޓެކްސީ ފްލީޓު ވާނީ ފެއިލް. ޑްރައިވަރުންގެ ބަހެއް ނެތި، ޑްރައިވަރުންގެ މަޝްވަރާނެތި މިތަނުގައި ޓެކްސީ މައްސަލަ ހައްލެއް ނުކުރެވޭނެ އިތުރު ކުރެވޭ ކާރަކުން،"
ނިޔާޒު ވިދާޅުވީ މާލެ އަށް އެންމެ ފީޒިބަލް ވާނީ ޓެކްސީ މީޓަރު ހަރުކޮށްގެން ކަމަށާއި ޑްރައިވަރުންގެ ޖަމްއިއްޔާ އިން ކުރިއަށް ގެންދިޔަ ސާވޭއަކުން ވެސް އެކަން ހާމަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުކޮށް، އަޅުގަނޑުމެންނަށް ދަތިކޮށްގެންނެއް މި ގްރޭޓާ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ލިބުމުގެ މައްސަލައަށް ހައްލެއް ނާންނާނެ."
ނިޔާޒު ވިދާޅުވީ ޑްރައިވަރުން ބާރުވެރިކުރުމަށް ދައުލަތުން ހޭދަކޮށްފި ނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ.
"ދައުލަތުން ކުރެވޭ ވަރަށް ބޮޑު އިސްރާފެއް، އެދެވޭ  ހައްލެއް ނުލިބި މިކަން ނާކާމިޔާބުވެގެން ދާތަން ރައްޔިތުންނަށް ފެންނާނެ."
ފާހަގަ ކުރެވޭ - ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން އެ ހިދުމަތުގައި ބޭނުންކުރަން ނިންމާފައިވަނީ އިލެކްޓްރިކް ކާރެވެ. އެމްޓީސީސީ އިން ވަނީ ޓެކްސީ ލައިންގައި މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ