ބޯޑަރު ކޮންޓްރޯލް ކިއޫތައް ކުޑަކުރުމަށް ވެލާނާ އެއާޕޯޓުގައި އީ-ގޭޓުތައް ހަރުކުރަނީ

ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރާ ކައުންޓަރުތަކުގެ ކިއޫތައް ކުޑަކުރުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ އަހަރުގެ ކުރިން އީ-ގޭޓު ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެފަދައިން ނިންމުން ނިންމެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ކަމަށެވެ. އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީ-ގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ. އަންނަ އަހަރު ފެށުމުގެ ކުރިން ވެލާނާ އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު މިފަދަ އީ-ގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. https://x.com/MMuizzu/status/1991140868179501488 އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވީ އެކަމުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަކަމުގެ އިތުރުން ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމަށް ޑިޖިޓަލް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެއީ ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވިއެވެ. ވީއައިއޭ ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. އާ ޓާމިނަލް ހުޅުވީ 60ވަނަ މިނިވަން ދުވަހާ ގުޅުވައި ޖުލައި މަހުގެ 26 ގައެވެ. އާ ޓާމިނަލަކީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ޓާމިނަލެކެވެ. އެ މަޝްރޫއަށް ޖުމުލަ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އާ ޓާމިނަލް ހުޅުވި ނަމަވެސް އެ ޓާމިނަލް މިހާތަނަށް ބޭނުންކުރީ މޯލްޑިވިއަނުން އެކަންޏެވެ. އެމްއޭސީއެލުން ކުރިން ބުނީ، ފަހަރަކު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކޮށް، ޚިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮންނަނީ ވީއައިއޭގެ އިތުރުން އިންޓަނޭޝަނަލް ދެ އެއާޕޯޓެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ