މާލޭގައި ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރު ހުޅުވައިފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް މިއަދު ހުޅުވައިފިއެވެ. ރަސްފަންނު ބީޗުގައި މޫދު ކުރިމައްޗަށްވާ ގޮތަށް ހުރި އެ އިމާރާތް ހަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހުހަށް ހުއްޓެވެ. "އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު"ގެ ނަމުގައި މިއަދު ހުޅުވި ކްލިނިކް ތަރައްގީކުރުމަށްފަހު ކުނި މެނޭޖްކުރާ ސަރުކާރު ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އާ ހަވާލުކޮށްފައެވެ. ވެމްކޯގެ ފަރާތުން އެމްސީޖީއެޗާ އިމާރާތް ހަވާލުކުރެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އަދި އެމްސީޖީއެޗްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމެވެ. ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ އިމާރާތް އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމާ ހަވާލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް ހެލްތު ސެންޓަރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މިއަދު ހުޅުވި ހެލްތު ސެންޓަރަކީ ސިއްހީ ޚިދުމަތް ދިނުމުގެ ތެރެއިން ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. "މި ސެންޓަރުގައި ޖެނެރަލް ޕްރެކްޓިޝަނާ، ނުވަތަ ޖީޕީ ކްލިނިކްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ، މި ކްލިނިކްގައި އެކަމަށް ތަމްރީނުވެފައިވާ ޖެނެރަލް ޕްރެކްޓިޝަނަރުންގެ އެހީގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެވިގެން ދާނެ،" ހަލީމް ވިދާޅުވިއެވެ. "އަދި އިތުރު ފަރުވާއަށް އެ ދާއިރާއަކާ ގުޅޭ ޚާއްސަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ފަސޭހައިން ގުޅުންހުރި ދާއިރާތަކުގެ ކޮންސަލްޓަންޓުންނަށް ދެއްކޭނެ އިންތިޒާމުތައް މި ކްލިނިކްގެ ފަރުވާގެ ނިޒާމުގެ ތެރެއިން ހަމަޖެހިފައިވާނެކަން ވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ހަލީމް އިތުރަށް ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް ހަލީމް ވިދާޅުވީ، މި ހެލްތު ސެންޓަރުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޗައިލްޑް ހެލްތު ކްލިނިކްގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ކުދިން ހެދިބޮޑުވަމުން އަންނަ ގޮތް ފަސޭހައިން މޮނިޓާކުރެވޭނެ ގޮތް ހަމަޖެހި ބެލެނިވެރިންނަށް ކައުންސިލިން ގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ސެންޓަރުގައި ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގައިން ގަޔަށް ނާރާ ބަލިބައްޔާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާއި ދުރުވުމުގެ ކްލިނިކްތަކާއި ގައުމީ ފެންވަރުގެ ޕްރޮގްރާމްތައްވެސް ހިންގާނެއެވެ. ޖެނެރަލް ޕްރެކްޓިސް ކްލިނިކަކާއި ޗައިލްޑް ހެލްތު ކްލިނިކެއްގެ އިތުރުން ފަރުވާދޭ ކޮޓަރިއަކާއި ފަޅާ ކޮޓަރިއަކާއި ވެލްނެސް ކްލިނިކަކާއި ކައުންސިލިން ރޫމަކާއި އެކްސްރޭ ކޮޓަރިއެއް މި ސެންޓަރުގައި ހިމެނެއެވެ. ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހަ ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ހުޅުވަން ނިންމައި، މާލޭގައި ކްލިނިކެއް މިއަދު ހުޅުވައިފައެވެ. އެއަށްފަހު މާލޭގައި އިތުރު ތިން ކްލިނިކަކާއި ހުޅުމާލޭގައި އިތުރު ކްލިނިކެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ