ޓެކްސީ ނަފާ ލޯނަކީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ސްކޭމެއްގެ ގޮތުގައި ޑްރައިވަރުންގެ ޖަމްއިއްޔާ އިން ސިފަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓެކްސީ ނަފާ ލޯނުގެ ދަށުން ޓެކްސީ ލޮލަށް ނުފެނި، ލޯނަށް ފައިސާ ކަނޑަންފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުންގެ ޖަމްއިއްޔާ އިން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުުވުމެއް ބާއްވައިފަ އެވެ.
ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރައިވަރުންގެ ޖަމްއިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ނިޔާޒު ވިދާޅުވީ ޓެކްސީ ނަފާގެ ލޯނަކީ ކުރީ ސަރުކާރުން އިއުލާނުކުރި އިރު، ކާރު ގެނެސްގެން ޓެކްސީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް ލޯނު ހަމަޖެހި ފައިސާ ދޫކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭ ކަމަށެވެ.
"ނަމަވެސް ކާރު ލޮލަށް ނުފެނި ކާރު ބޭނުންކުރެވޭނެ ހާލަތެއް ނެތި އިއްޔެ ބައެއް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި ވަނީ 179،000ރ.ގެ ލޯނެއް އަޅުވާފައި. މިއީ ދައުލަތުގެ ނިޝާންޖެހި ވުޒާރާތަކުން އަޅުގަނޑުމެންނާ މެދު ވަރަށް ވިޔާނުދާކޮށް ކޮށްފައިވާ އަމަލެއްގޮތުގައި ސިފަކުރަން، މިއީ ވަރަށް ބޮޑު ސްކޭމެއް އަޅުގަނޑު ދެކޭގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެކަމަށް ހައްލެއް ގެނެސްދެން ޖެހޭ ކަމަށެވެ.
އެ ސްކީމުގެ ދަށުން ލޯނު ހަމަޖެހުނު ޓެކްސީ ޑްރައިވަރު އާދަމް ސަލީމް ވިދާޅުވީ ލޯނުގެ ކަންތައް ދިމާވުން ރައީސް އޮފީހަށް 14 ޖުލައިގައި ސިޓީއެއް ލާފައިވާނެ ކަމަށާއި މި މައްސަލައަށް ހައްލެއް ގެނެސްދެއްވޭނީ ރައީސް އަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ހިތާމައަކީ އަޅުގަނޑުމެންގެ 22 މީހުންނާއި ގެރެންޓާ ލައިގެން 44 އާއިލާ ލޯނެއްގެ ތެރޭ ތާށިވެގެންދާއިރު ރައީސް ދަނޑެއް ހުޅުވަން ރަށަކަށް ވަޑައިގެންނެވި. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންނަށް ކަމަށްވާއިރު ރައީސް އަޅުގަނޑުމެން ބާކީ ނުކުރާނެ ކަމަށް ވިދާޅުވި ދުވަހު ހެނދުނު އިރު އެރިއިރު މި އިންނަނީ ބޭންކުން ބޮޑު ލޯނެއް ކަނޑަން ފަށާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި އިއުލާނުކުރި ލޯނުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މި ސަރުކާރުގައި ކަމަށެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި
މަޖިލިސް އިންތިހާބު ބޯމަތިވެފައި އޮއްވާ ފައިސާ ޖަމާކުރީ ކާރުއެމްވީ ކިޔާ ވެންޑާ އަށް
60% ފައިސާ އެ ކުންފުންޏަށް ޖަމާކޮށްފައިވޭ
އެ ކުންފުނިން ބުނަނީ 14 ކާރު އޮތްކަމަށް؛ އޭގެ ތެރެއިން ތިން ކާރު ރެޖިސްޓާކޮށްފައިވަނީ ބީ ޒޯނަށް
ދެން ހުރި ކާރުތަކަށް ވާނުވާއެއް ނޭނގޭ؛ ލިޔެކިޔުން ހަމައެއް ނުވޭ
ސަލީމް ވިދާޅުވީ އެ މައްސަލައަށް އަހަރެއްވީއިރު ދައުލަތުގެ އެއްވެސް ވުޒާރާއަކަށް އެ ކަމަށް ހައްލު ހޯދައިދެވިފައި ނުވާ ކަމަށެވެ.
ކާރު ނުލިބި، ލޯނު ދައްކަން ޖެހިފައިވާ މައްސަލަ ބެލޭނެ އެއްވެސް ދައުލަތުގެ އިދާރާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"މިއަދު ފުލުހަށް ދިޔައިން މި މައްސަލާގައި. ފުލުހުން ވަރަށް ވާހަކަ ދެއްކެވި. ދައުލަތުގެ ވުޒާރާއެއް ހިމެނޭތީ އޭސީސީ އަށް ދާން އެބޭފޫޅުން ލަފާދިން. އަޅުގަނޑުމެން ބޭނުންވެއްޖެ ނަމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރެވިގެންދާނެޔޭ ބުނި،" ސަލީމް ފާހަގަ ކުރެއްވި އެވެ.
ސަލީމް ވަނީ ޑްރައިވަރުންގެ ހައްގުގައި ތެދުވެ، އެމީހުންގެ ހައްގުގައި ވާހަކަދެއްކުމަށް ކުރީގެ ވެރިންނަށް ގޮވާލައްވައިފަ އެވެ.
މިއީ ދައުލަތަކުން ސްކޭމެއް ޖައްސައިގެން ރައްޔިތުންގެ ބޮލުގައި ލޯނެއް އެޅުވި ފުރަތަމަ ފަހަރު ކަމަށް ލޯނު ލިބުނު ޑްރައިވަރަކު ވިދާޅުވި އެވެ. އޭނާ ވަނީ ލޯނު ފަސްކޮށްދިނުމަށް ނުވަތަ އިންޓްރެސްޓު ނާރާ ގޮތަށް ހަމަޖައްސައިދޭން އެދިފަ އެވެ.
އެނގުން މުހިއްމު - އެސްޑީއެފްސީން 2023 ވަނަ އަހަރު އިއުލާނު ކުރި ޓެކްސީ ނަފާ ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށް އޭރު ބުންޏެވެ. ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތި ލެވޭގޮތަށް ލޯނު ދޫކުރަނީ:
ގިނަ ދުވަސްވެފައިވާ ކާރު ބަދަލުކުރަން
މިހާރު ވެސް ޓެކްސީ ކުރާ މީހުން ކާރު ގަންނަން
އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހުން ކާރު ގަންނަން
6%-8% އިންޓްރެސްޓުގައި 5 އަހަރުން ދައްކާގޮތަށް
ޓެކްސީ ޑްރައިވަރުންނަށް ދޫކުރި ލޯނަކީ ސްކޭމެއް ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ