ކުޅުދުއްފުށީ ސިޓީގައި ގާއިމް ކުރާ 400 ހައުސިން ޔުނިޓްގެ މައްސަލައިގައި ކައުންސިލުން އިހުމާލުވެފައިވާ ކަމަށް ކައުންސިލް މެންބަރު އިބްރާހިމް އަހުމަދު ވިދާޅުވުމުން ހޫނުވެ، ރައްދުތައް ދޭން ފަށައިފި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ ގެއްލުން ބޮޑު ދެ އަހަރު ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އިބްރާހިމް ވިދާޅުވެފައިވަނީ 400 ހައުސިން ޔުނިޓް ކުރިއަށް ނުދިއުމުގައި މި ކައުންސިލްގެ އިހްމާލު އެބައޮތް ކަމަށެވެ.
ކައުންސިލްގައި އިންނަވައި ޕީއެންސީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލަރު އެހެން ވިދާޅުވުމުން މޭޔަރު ވެސް ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ. މޭޔަރު ވިދާޅުވެފައިވަނީ 400 ހައުސިން ޔުނިޓަކީ މައި ސަރުކާރުން އިއުލާންކޮށްގެން މައި ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެއް، އެ މަޝްރޫއު ލަސްކޮށް އަވަސް ކުރެވޭ ވަރުގެ އިހްތިޔާރާ ބާރެއް ކައުންސިލަށް ލިބިގެން ނުވާކަން ކައުންސިލަރުންނަށް ހަމަ ރަނގަޅަށް އެނގޭނެ ކަމަށެވެ.
އަދި އެ މަޝްރޫއުގައި ކައުންސިލްގެ އިހުމާލުއޮތްކަމަށް ކައުންސިލަރު އިބްރާހިމް އަހްމަދު ވިދާޅުވާނަމަ، ޒިންމާދާރުގޮތަކީ އެވީ އިހުމާލަކާއި އެކަމުގެ ސާފު ހެކި ދެއްކުން، އެފަދަކަމެއް ހިނގާފައިވާނަމަ އޭނާއާ ހިސާބަށް ވެސް އެ މައްސަލައާއި އެކަމުގެ މައުލޫމާތު ގެނެސްދެއްވުން ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރުގެ އެ ޕޯސްޓާ ގުޅިގެން އިބްރާހިމް ވަނީ އިތުރު ޕޯސްޓެއް ކުރައްވައި، ކައުންސިލުން ވެފައިވާ ކަމަށް އޭނާ ގަބޫލުކުރައްވާ ތިން އިހުމާލެއް ކިޔައިދެއްވައިފަ އެވެ.
އެގޮތުން އިބްރާހިމް ވިދާޅުވި ގޮތުގައި ފުރަތަމަ ގޯހަކީ އޭރުގެ ސަރުކާރުން މިފަދަ ބޮޑު އަދި މުހިންމު ޕްރޮޖެކްޓެއް ހިންގުމަށް ފޫގަޅާފައި ތިއްބާ ގާބިލިއްޔަތުކަން ނެތް ކުންފުންޏަކަށް ޕްރޮޖެކްޓް ހަވާލުކުރަން ލަފާދިނުމެވެ.
ދެވަނަ ގޯހަކީ އިބްރާހިމް ވިދާޅުވި ގޮތުގައި ޕްރޮގުރެސް ނުފެންނައިރު ވެސް ފިނޭންސް މިނިސްޓްރީން ލާރި ދޫކުރަމުން ދިޔަ ދިޔުން ހުއްޓުވަން މަސައްކަތެއް ނުކުރެވޭތާ 120 މިލިއަނާ ގާތަށް ފައިސާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިހުރުމެވެ. އަދި މުޅި ޕްރޮޖެކްޓްގެ ތިރީހަކަށް އިންސައްތަ ކޮންޓެރެކްޓަރަށް ދޫކުރެވުން އިރު 600 ދުވަހުން މަސައްކަތުގެ 7% އާ ހަމައަށް ވެސް މަސައްކަތް ނިންމުންތޯ މޭޔަރު ވެސް، ކައުންސިލަރުން ވެސް އަދި ރައްޔިތުން ވެސް ސުވާލު އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިންވަނަ އިހުމާލަކީ މިކަމާ ގުޅިގެން ސައިޓް މޮބިލައިޒޭޝަން ފައިސާ ހޯދުމަށް އިދާރީ ގޮތުން ގެނައި ބޮޑު ބަދަލު ކަމަށާއި އެ ވާހަކަ އެހާބޮޑަށް ތަފްސީލުކުރާކަށް ނެތީން އިދާރީ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ކަމެއްވީމަ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ހަތަރު ވަނަ ގޯހަކީ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާ އިރުވެސް މަސައްކަތް ހުއްޓުވަން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ.
"ވިސްނާ މިގޮތަށް ކޮންޓްރެކްޓް ކުރެވޭ މަޝްރޫއުތައް ކުރިއަށް ނުދިއުމުން ދެން އަންނަ ސަރުކާރުތަކަށް ކޮންޓްރެކްޓް ބާތިލުކުރުމަކީ ވަގުތު ނަގާ ކަމެއް ކަން އެނގިލައްވާނެ ކަމަށް އަޅުގަނޑު ހީކުރީ. އެހެންނަމަވެސް މީގެ ތިން މަހެއްހާ ދުވަސް ކުރިން މި މަޝްރޫއު ބާތިލުކޮށް މި އަހަރު އޯގަސްޓް ފަހުކޮޅު އެޗްޑީސީއާ ވަނީ ހަވާލުކޮށްފައި،" އިބްރާހިމް ވިދާޅުވި އެވެ.
"ﷲ ގެ އިރާދަފުޅާއެކު މި ޕްރޮޖެކްޓް ފުރިހަމަކޮށް ކުޅުދުއްފުށީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން."
ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި މި ހައުންސިން ޔުނިޓްތަކަކީ އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިން މަޝްރޫއު އެވެ. އެ ހައުންސިން ޔުނިޓްތަކުގެ މަސައްކަތް ހުއްޓުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށްވެ އެވެ.
މަސައްކަތް ނިންމަމުންދާ ވަރަކަށް މިނިސްޓްރީއަށް ބިލްތައް ހުށަހަޅާއިރު ބިލްތަކަށް ފައިސާ ނުދައްކާ ކަމަށާއި އެހެންވުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށް ވެސް މީގެކުރިން ރިޕޯޓްކޮށްފައިވެ އެވެ.
ޑިޒައިން އެންޑް ބިލް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
މޭޔަރަށް ރައްދު ދެއްވައި ކައުންސިލުންވީ ހަތަރު އިހުމާލެއް އިބްރާހިމް ކިޔައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ