އެކަށީގެންވާ ވަރަށް އިލްމީ ބަހުސްކުރައްވާ މެންބަރުންނެއް ނެތް: އަބްދުއްރަހީމް

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އެކަށީގެންވާ ވަރަށް އިލްމީ ބަހުސްކުރައްވާ މެންބަރުންނެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު ވާދަވެރި ސިޔާސީ ޕާޓީތައް އޮންނަ ކަމަށް ވާނަމަ ސިޔާސީ ވާހަކަ ދެކެވޭނެ ކަމަށެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައި އިލްމީ ބަހުސް ކުރައްވާ ބައެއް ބޭފުޅުން ތިއްބަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އަލަށް މަޖިލީހާ ގުޅުނު ބޭފުޅުން ގިނަ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އިލްމީ ބަހުސްތައް ކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެންވެސް މަސައްކަތްތަކަށް "ހޭނެން ވަގުތުކޮޅެއް ނަގާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމު އައީ ފުރަތަމަ އެއްވެސް ވަރަކަށް އެކަމަށް ހޭލުންތެރިނުވެ ތިއްބައެވެ. "މިހާރު މަޑުމަޑުން ރަނގަޅުވަމުން ދަނީ. މިދެންނެވިހެން 17 ވަނަ މަޖިލީހަށްވުރެ 18 ވަނަ މަޖިލީހުގެ ބަހުސްތައް ރަނގަޅު. 19 ވަނަ މަޖިލިސް އެއަށްވުރެ ރަނގަޅުވާނެ. ދެން މިހާރު މިހާތަނަށް އައިއިރު މި މަޖިލިސް ވެސް ދެން ކުރިއަށްދާއިރު އަދި މާ ރަނގަޅުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ. މިސާލު ޖައްސަވައި އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކުގައި ވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ވެރިއަކާ އިދިކޮޅު ފިކުރެއްގެ ސަޕޯޓު ބޮޑު ރަށަކަށް ދެވިއްޖެނަމަ އެ ރަށަކަށް އަރާވަޑައިގަންނަވަން ވެސް އުނދަގޫވާނެ ކަމަށެވެ. ފަހަތުން ދުވެ، ހަޅޭއްލަވައި، ޖަލްސާއެއް ބާއްވާނަމަ އެތަނަކަށް ގޮސް އަޑުގަދަ ކުރުން ފަދަ އެތައް ކަމެއް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ/ މަޖިލިސް ނަމަވެސް މިހާރު މި ސަރުކާރު އައިފަހުން އެކަންކަން ހުއްޓިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިހާރު ނެތެއްނޫންތޯ އެކަމެއް؟ މިހާރު ކޮންމެ ފިކުރެއްގެ މީހަކަށް ވެސް، ރައީސަކަށް ވެސް އަދި ރައީސްކަން ކުރައްވާފައި ހުންނަ ބޭފުޅަކަށް ވެސް [ކޮންމެ ރަށަކަށް] ދެވޭ. ފެނިވަޑައިގަންނަވާނެ މި ދޭތެރެއިން ކުރީގެ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެންފި. ދިއްދޫއަށް ވަޑައިގަތީމަ މަރުހަބާ ވިދާޅުވީ އެއީ ކޮންމެހެން ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ މީހުން ނިކުމެ މަރުހަބާ ކީކީއެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ. "...ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްވީމަ އެ ދައުވަތު ދިން ބޭފުޅުން ނިކުމެ އިހުތިރާމް ކުރެއްވުމުގެ ގޮތުން މަރުހަބާ ވިދާޅުވީ. އޭގެ މާނައަކީ މިހާރު ހޭލުންތެރިވެއްޖެއޭ. ކުރީގަ ނަމަ އެކަން އެހެނެއް ނުވާނެއޭ. [ކުރީގެ ރައީސް] އިބްރާހީމް މުހައްމަދު ޞާލިޙު ހޯރަފުއްޓަށް ވެސް ވަޑައިގަތް. އަޅުގަނޑުމެން ފިކުރުގެ މީހުންނެއް ނުދެއެއް ނޫންތޯ ހަޅޭއްލަވާކަށް؟" އަބްދުއްރަހީމް ވިދާޅުވިއެވެ. އެފަދައިން މިސާލު ޖައްސަވައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް އެ ވިދާޅުވާ ފަދަ ހޭލުންތެރި އަދި ތަހުޒީބު ވެފައިވާ ހިސާބަކަށް ދާ ދުވަސް އަންނާނެ ކަމަށެވެ. ނަމަވެސް އަދި އެންމެ އިލްމީ ފެންވަރަށް ބަހުސްކުރައްވާ ބޭފުޅުން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އެންމެ އެންމެ އެކަށީގެންވާ މިންވަރަށް އެ އިލްމީ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރައްވާ ބޭފުޅުން ތިއްބަވައެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމަކު [ވެސް] އިލްމީ ބަހުސް ކުރައްވާ ބޭފުޅުން އެބަތިބި،" އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އެފަދައިން ވިދާޅުވިއިރު، މަޖިލިސް ތަޅުމުގައި 'ސިޔާސީ ކޯޅުން' އަބަދު އޮންނަ ކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާ ފަދަ މަސައްކަތެއް ކުރުމަށްޓަކައި އިލްމީ ބަހުސެއް ކުރާ މެންބަރަކު މަދުކަން ވަރަށް ގިނަ މީހުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ކޮމިޓީ މަރުހަލާއަށް ފޮނުވާ ގިނަ ބިލުތައް އެއްވެސް އިލްމީ ބަހުސަކާ ނުލައި ފޮނުވާކަމަށް ގިނަ ބަޔަކު ދެކެއެވެ. ފާހަގަކުރެވޭ ގޮތުގައި ތަޅުމުގައި ބައެއް ބިލުތަކަށް އެކަށީގެންވާ ވަރަށް ބަހުސްކުރުމެއް ނެތި އަވަސް އަވަހަށް ކޮމިޓީއަށް ބައެއް ބިލުތައް ފޮނުވާފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ