ސަމާސް، އޯޕެން އޭއައި ބޯޑުން އިސްތިއުފާ ދެއްވައިފި
އެޕްސްޓައިންއާ ގުޅުން އޮތްކަމުގެ ތުހުމަތުތަކާ ގުޅިގެން ލެރީ ސަމާސް، އޯޕެން އޭއައި ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ. އެމެެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ޓްރެޒަރީ އަދި ހާވަޑް ޔުނިވަރސިޓީގެ ކުރީގެ ރައީސް ލެރީ ސަމާސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި، އޯޕެންއޭއައިގެ ބޯޑުން އިސްތިއުފާ ދެއްވާފައިވަނީ، ޖިންސީ ކުށްވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓައިންއާ އޭނާއާ އޮތް ގުޅުންތަކެއް ހާމަވުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށްފަހުއެވެ. އެމެރިކާގެ ކޮންގްރެސްގެ ހައުސް އޯވާސައިޓް ކޮމިޓީން އާންމުކުރި އީމެއިލްތަކެއްގައި ސަމާސް އާއި އެޕްސްޓައިންއާ ދެމެދު މުޢާމަލާތްތަކެއް ހިނގާފައިވާކަން ހާމަވުމާ ގުޅިގެން، ސަމާސްއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. https://sun.mv/211878 ސަމާސް ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާންމު ހުރިހާ މަސައްކަތަކުން ދުރުވެވަޑައިގަންނަވަނީ "އެންމެ ގާތް މީހުންނާއެކު އިތުބާރު އަލުން ބިނާކޮށް، ގުޅުންތައް ރަނގަޅުކުރުމަށް" ފުރުސަތު ހޯއްދެވުމަށް ކަމަށެވެ. އޯޕެންއޭއައި އިން ނެރުނު ބަޔާނެއްގައި ވަނީ ސަމާސްގެ އިސްތިއުފާ ގަބޫލުކުރާ ކަމަށާއި، ބޯޑަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. "ލެރީ އޯޕެންއޭއައިގެ ބޯޑަށް ގެނެސްދެއްވި ގިނަގުނަ އެހީތެރިކަމާއި، ވިސްނުންތަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ. މި މައްސަލައާ ގުޅިގެން، ސަމާސް މިހާރު ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހާވަޑް ޔުނިވާސިޓީން ވަނީ، އެޕްސްޓައިންގެ އީމެއިލްތަކާ ގުޅުންހުރި ފަރާތްތަކާ މެދު އަލުން ތަޙްޤީޤެއް ފަށާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް، ޔުނިވާސިޓީގެ ތަރުޖަމާނު ސީދާ ސަމާސްގެ ނަން ފާހަގަކޮށްފައެއް ނުވެއެވެ. ސަމާސްގެ އިސްތިއުފާ އައިސްފައި މިވަނީ، އެޕްސްޓައިންއާ ގުޅޭ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) ގެ ފައިލްތައް އާންމުކުރުމަށް ކޮންގްރެސްއިން ވޯޓުދީފައި ވަނިކޮށެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ސަމާސްއަކީ، ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި ސެކްރެޓަރީ އޮފް ޓްރެޒަރީގެ މަގާމާއި، ރައީސް ބަރަކް އޮބާމާގެ ދައުރުގައި ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އޯޕެންއޭއައިގެ ބޯޑާ ގުޅިވަޑައިގަތީ، 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން މަގާމުން ވަކިކުރުމުގެ މައްސަލައަށް ފަހު، ބޯޑު އަލުން އެކުލަވާލި ހިސާބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ