ޑްރަގް ޑީލަރުން މިހާރުވެސް ދައުލަތުގެ މުވައްޒަފުން ރެކްރޫޓްކުރޭ، ބައެއް މީހުން ތިބީ މަޖިލީހުގައި ޕާޓީތަކުގެ ނިވަލުގައި: އުމަރު
ދައުލަތުގެ ވަޒީފާގައި ތިބި ގިނަ ބަޔަކަށް އުޖޫރަދޭ ގޮތަށް ޑްރަގް ޑީލަރުންގެ އެތައް ބަޔަކު މިހާރުވެސް ރެކްރޫޓުކޮށްފައިވާ ކަމަށާއި، ގިނަ ޑްރަގް ޑީލަރުން މިވަގުތު ތިބީ މަޖިލީހުގެ މެންބަރުކަމާއި ދައުލަތުގެ އެކި މަގާމުތަކުގައި ސިޔާސީ ޕާޓީތަކުގެ ނިވަލުގައި ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ކުށް ސާބިތުވާ މީހުން ޖަލުތަކުގައި ނުބޭތިއްބެނީ އިންތިޚާބުތަކާ ދިމާކޮށް، މަސްތުވާތަކެތީގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންނާ އެކި އެކި ޑީލް ހަދައިގެން އެ މީހުން ދޫކޮށްލާތީ ކަމަށެވެ. އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނެ އެއް ގޮތަކީ ސިޔާސީ ޕާޓީތަކާއި ޑްރަގް ވިއްކާ މީހުންނާ އޮންނަ ގުޅުން ކަނޑާލުމެވެ. މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އުމަރު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ އެތެރޭގައިވެސް މަސްތުވާތަކެތީގެ މުއާމަލާތްކުރާ މެންބަރުން އެބަތިއްބެވި ކަމަށާއި، އޭގެ ތެރެއިން ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެބަތިބި ކަމަށެވެ. "މަސްތުވާއެއްޗެހި ބޭނުންކުރާ ގިނަ މީހުންނަކީ މީގެ ވިކްޓިމްސް، ހަގީގަތުގައި މީގެ ކުށްވެރިންނަކީ މަސްތުވާއެއްޗެހި ރާއްޖެއަށް އެތެރެކޮށް އެ އެއްޗެހި ޑިސްޓްރިބިއުޓްކޮށް ވިއްކައި އޭގެން ވިޔަފާރި ހަދާ މީހުން، އެ މީސްމީހުން އެ ތިބީ ސިޔާސީ ޕާޓީތަކުގެ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލިސްގެ ތެރެއަށް ވަދެ، އެކި ޕާޓީތަކުގެ ޓައީ އަޅައިގެން ހުދު ގަމީސް ލައިގެން، ބައިވަރު ފިހާރަތައް ހިންގަމުން އެ ގެންދަނީ،" އުމަރު ވިދާޅުވިއެވެ. "އެ މީހުން (މަސްތުވާތަކެތީގެ މުއާމަލާތުކުރާ މީހުން) އެ ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެތައް ބަޔަކު ވަނީ ރެކްރޫޓްކޮށްފަ، ގިނަ ފަހަރަށް މަންތްލީ ޕޭކޮށްގެން،"އުމަރު ނަސީރު އޭނާ ވިދާޅުވި ގޮތުގައި ގޭންގުތަކުން، ގާތްގަނޑަކަށް ދައުލަތުގެ 3،000 މުވައްޒަފަކަށް މަހުން މަހަށް ފައިސާ ދެއެވެ. އެ މުވައްޒަފުންގެ ތެރޭ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން އެބަ ތިބި ކަމަށާއި، އެ މުވައްޒަފުން މަސައްކަތްކުރަނީ އެކި ގޮތްގޮތުން ގޭންގުތަކުގެ މީހުން ސަލާމަތްކުރުމަށް ކަމަށް، އުމަރު ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު 500 ފުލުހުން ނެރެ މުޅި ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަށް އިޝާރާތްކުރައްވައި އުމަރު ވިދާޅުވީ، އެ އޮޕަރޭޝަނަށް މަހެއްވާ ފަހުން، އެ އޮޕަރޭޝަންގައި ހައްޔަރުކުރި 90 މީހުން މިނިވަނުންނަށް ވާނެ ކަމަށެވެ. https://sun.mv/213863 ކޮންމެ ސަރުކާރެއްގައިވެސް ހިންގާ މިފަދަ އޮޕަރޭޝަންތަކުން ހަގީގަތުގައި އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ވިދާޅުވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ހަރުކަށި އަދަބު ހިމަނާނެ ކަމަށް ސަރުކާރުން ބުނުމަކުން ނުފެދޭ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖެއަށް ބޭނުންވަނީ އިސްލާމީ ޝަރީއަތް ގާއިމްކޮށް، ގާނޫނުގައިވާ ހުކުމްތައް ތަންފީޒުކުރެވޭނެ ވަރުގަދަ ވެރިއެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން، އެހެނިހެން މައްސަލަތައް ހައްލު ނުވަނީ ގާނޫނުތައް ތަންފީޒު ނުކުރާތީކަން އޭނާ ފާހަގަކުރެއްވިއެވެ. އުމަރު ވިދާޅުވީ އެއްވެސް ސަރުކާރަކަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ރަނގަޅު ނުކުރެވޭ ކަމަށެވެ. އޭނާ ހުށަހެޅުއްވީ ރާއްޖެ މިހާރު އަމަލުކުރަމުންދާ ނިޒާމު ދޫކޮށްލުމަށްފަހު، ފަރުވާގެ ނިޒާމު އެއްކޮށް ބަދަލުކޮށްލުމަށެވެ. އެއާއެކު އެއްފަހަރާ ގިނަ މީހުންނަށް ފަރުވާދީ، ނަތީޖާ ނެރެވޭނެ ގާބިލުކަމެއް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގައި ނެތްކަން ފާހަގަކުރައްވައި، އެކި ސަރުކާރުތަކުން އެންޑީއޭއަށް މީހުން އައްޔަންކޮށް ވަކިކުރާ މައްސަލަ އުމަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފަރުވާއަށް ގެންދެވޭ މީހުން އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާ ރޭޓަކީ 80 ޕަސެންޓެވެ. "އެހެންވީމަ އެބަޖެހޭ ހަމަ ކޮމްޕްލީޓްލީ އަޅުގަނޑުމެން މި ގެނެސްފަ އޮތް އޮސްޓްރޭލިއާ މޮޑެލް ދޫކޮށްލާފަ ހަމަ އިސްލާމީ ޝަރީއާގެ މޮޑަލަކަށް ދަތުރުކުރަން، އެ މޮޑެލްގެ ދަށުން މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް ކަމަށް ތުހުމަތުވެއްޖިއްޔާ 24 ގަޑިއިރުގެ ތެރޭގަ އޭނާގެ ރީހެބިލިޓޭޝަން ފެށެން ޖެހޭނެ، ދެން އޭނަ ޑްރަގް ކޯޓަށް ދަމައި، މީ އެހެން ކަންކަން ކުރަންޖެހޭ ގޮތެއްނޫން އެއްވެސް ވަރަކަށް،" އުމަރު ވިދާޅުވިިއެވެ. އުމަރު ވިދާޅުވީ އެތައް ސަތޭކަ ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ކަމަށެވެ. އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި މަސްތުވާތަކެތި ހިފައިގެންދާ ބޯޓުފަހަރު ބަޑިޖަހައި ފައްތާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ. އުމަރު ވިދާޅުވީ ވޭތުވެދިޔަ 20އަކަށް އަހަރުތެރޭ މަސްތުވާތަކެތީގެ މުއާމަލާތުކުރާ އެއްވެސް މީހެއްގެ މުދަލެއް ސަރުކާރުތަކުން ނުނަގާ ކަމަށާއި، ނަމަވެސް އެ މުދާތައް ނެގޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ގައުމީ ބޭންކް ބީއެމްއެލުން މަސްތުވާތަކެތީގެ މުއާމަލާތްކުރާ ގޭންގުތަކުގެ ބޮޑެތި މީހުންގެ އެކައުންޓްތައް ފްރީޒްކޮށް، އެ މީހުން ފައިސާ ނެގުން ނުހުއްޓުވޭނެކަމަށް އުމަރު ވިދާޅުވިއެވެ. ކޮންމެ ސަރުކާރެއްވެސް އަންނަނީ ގޭންގުތަކުގެ ދަށުވެ ގޭންގުތަކުގެ ނުފޫޒުން ކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ރެކޯޑު ތިބި ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އެބަ ތިބި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ