ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، 1 ޖަނަވަރީ 2026 ގެ ކުރިން، އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމުގައި ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރު އަންނަން ވާއިރަށް، ދިވެހިރާއްޖޭގެ އެންމެހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކަށް މި ޚިދުމަތް ފުޅާކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން، ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒްކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށް، 26 ޖުލައި 2025 ގައި ހުޅުވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ޚިދުމަތްތަކެއް ވަނީ ރާއްޖެއަށް ތަޢާރަފުކުރެވިފައެވެ. އަދި ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.
ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ