އެންމެން އަތުކުރި އޮޅަނީ ލޭ ހަދިޔާކުރުމަށް ހިތްވަރުދޭން

އެންމެން އަތުކުރި އޮޅަމުންދަނީ ލޭ ހަދިޔާ ކުރުމަށް ކަމަށް، 'އަތުކުރި އޮޅާލަމާ' ކެމްޕެއިން ޓީމުން ހާމަކޮށްފިއެވެ. އެކި މީހުން އަތުކުރި އޮޅާލާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް ވަނީ ކެމްޕެއިނެއް ފަށައިފައެވެ. ފާއިތުވި ދުވަސްތަކުގައި އެކި އުމުރުފުރާގެ އެކި މަގާމުތައް އަދާކުރާ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރުގެ ބައެއް މެންބަރުންނާއި އެމްއެންޔޫގެ ބައެއް ދަރިވަރުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ވައިރަލްވެފައިވެއެވެ. އެކަމަކު މިއީ ކޮންބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. މިއަދު 'އަތުކުރި އޮޅާލަމާ' ކެމްޕެއިން ޓީމުން ވަނީ އެ ކެމްޕެއިންގެ މަގްސަދު ހާމަކޮށްފައެވެ. އެ ކެމްޕެއިން ޓީމުގެ ފަރާތުން ބުނީ މިއީ ލޭހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް، ވަކިން ޚާއްސަކޮށް އަމިއްލައަށް ބޭނުންވެގެން ލޭ ދޭ މީހުންގެ އަދަދު އިތުރުކުރުމަށް ފެށި ކެންޕެއިނެއް ކަމަށެވެ. https://www.sun.mv/214006 މި ކެމްޕެއިން ކުރިއަށް ގެންދަނީ އެމްއެންޔޫގައި ބެޗެލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވާ ދަރިވަރުން އިސްނަގައިގެންނެވެ. ކެމްޕެއިން ޓީމުގެ ފަރާތުން ބުނީ، މި ކެމްޕެއިނަށް "އަތުކުރި އޮޅާލަމާ"ގެ ނަމުން ނަން ދިނީ ޚާއްސަ މަގްސަދެއްގައި ކަމަށާއި، މާނައަކީ ލޭ ހަދިޔާކުރުމަށް އެންމެންވެސް "އަތުކުރި އޮޅާލާށޭ" ކަމަށެވެ. ރާއްޖެއަކީ އެކިއެކި ސަބަބުތަކާ ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެއްކަން ފާހަގަކޮށް، "އަތުކުރި އޮޅާލަމާ" ކެމްޕެއިން ޓީމުން ބުނީ މި ކެމްޕެއިންގައި ލޭ ހަދިޔާކުރުމަށް މީހުން އިތުރުކުރުމާއި އެކަމަށް ހޭލުންތެރިކޮށް، އަމިއްލައަށް އެދިގެން ލޭ ދޭމީހުންގެ އަދަދު އިތުރުކޮށް އަދި ވަކިން ޚާއްސަކޮށް ލޭ ހަދިޔާކުރެވޭ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ