ހައިކޯޓު ހިންގެވުމާ ހަވާލުވިތާ 8 މަސް ފަހުން ފައިސަލް އިސްތިއުފާ؛ ވަގުތީ ގޮތުން މަގާމަށް ޖަމީލް

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ، ފަނޑިޔާރު މުހައްމަދު ފައިސަލް، އެ މަގާމުން އިސްތިއުފާ ދެއްވުމުން، ހައިކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ. ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކު، ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މުހައްމަދު ފައިސަލްއެވެ. އެއީ މިދިޔަ މާރިޗު މަހެވެ. މާރިޗު މަހު، ފައިސަލް އިސްފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމި ނަމަވެސް މިހާތަނަށްވެސް އިސްފަނޑިޔާރު ކަމުގެ ފަތްކޮޅު އޮތީ ފައިސަލަށް ނާރުވައެވެ. އެހެން އެކަން އޮވެ، އަށް މަސް ފަހުން ފައިސަލް އެންމެ ފަހުން އިސްތިއުފާ ދެއްވީއެވެ. ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރެއެވެ. https://sun.mv/209445 އެކަމަކު ޖޭއެސްސީއާ ހަވާލާދީ، ހައިކޯޓު ހިންގުން ޖަމީލްއާ ހަވާލު ކުރަން ނިންމިކަން ހައިކޯޓުންވަނީ ސޯޝަލް މީޑިއާގައި މިއަދު އިއުލާން ކޮށްފައެވެ. ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، މިދިޔަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހެވެ. އޭނާ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، ސެޕްޓެންބަރު 23، 2003 އިން ޖަނަވަރީ 31، 2009 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވިއެވެ. އަދި ފެބްރުވަރީ 01، 2009 އިން އެ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަގާމު އަދާކުރައްވާފައިވެއެވެ. ޖަމީލްއާއެކު ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން ފަނޑިޔާރުންނާއި އަށް ފިރިހެން ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ