އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 64.2 ބިލިއަންގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ އޮތްގޮތަށް އެ ބަޖެޓް ދިރާސާކުރި ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމަން ކޮމެޓީން ނިންމަން ޖެހެ އެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ނިންމުމަށް ފަހު ކޮމެޓީން ބަޖެޓް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރުން ހުށައަޅާފައި އޮތްގޮތަށް ބަޖެޓް ފާސްކުރަން ހުށައެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ނަމަވެސް އެ ހުށައެޅުމާއި ދެކޮޅަށް ހަތަރު މެންބަރަކު ވޯޓް ދެއްވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށެވެ.
މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަަމަށް ވަޒީރު ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީގައި ބައެއް މުއައްސަސާތަކުން ވަނީ އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ކުޑަކަން ފާހަގަކޮށްފަ އެެވެ. ނަމަވެސް ބަޖެޓް ބޮޑުކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ކޮމެޓީން ވަނީ އެެ ބަދަލު ނުގެންނަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ