"އަތޮޅުކުރި އޮޅާލަމާ"އަކީ ލޭހަދިޔާކުރަން ހިތްވަރުދޭ ކެމްޕެއިނެއް

ސޯޝަލް މީޑިއާގައި ކުރިއަށްދާ ކެމްޕެއިން "އަތުކުރި އޮޅާލަމާ" އަކީ ކޮންކަމަކާއި ގުޅޭ ކެންޕެއިނެއްކަން ލޯންޗްކޮށްފިއެވެ.
ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭގޮތުން އެކި އުމުރުފުރާގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މިއީ ކޮންބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
އަތުކުރި އޮޅާލަމާ ކެމްޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ މިއީ ކޮން ކެންޕެއިނެއްކަން ލޯންޗްކޮށްފައެވެ. މިއީ ލޭހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ވަކިން ހާއްސަގޮތެއްގައި އަމިއްލައަށް ފެނިގެން، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރު ކުރުމަށް މި ކެމްޕެއިންގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބެޗްލާސްއޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެންޕެއިނެކެވެ.
ކެމްޕެއިން ޓީމުން ބުނީ ކެމްޕެއިނަށް "އަތުކުރި އޮޅާލަމާ" މި ނަން ދީފައިވަނީ ވަރަށް ހާއްސަ މަގްސަދެއްގައި ކަމަށެވެ. އެގޮތުން ކެމްޕެއިނަށް މި ނަން ދީފައިވަނީ ލޭހަދިޔާކުރުމަށް އެންމެންވެސް އަތުކުރި އޮޅާލުމަށް ގޮވާލުމުގެ ގޮތުން ކަމަށް ކެމްޕެއިން ޓީމްއިން ވަނީ ބުނެފައެވެ.
ރާއްޖެއަކީ އެކިއެކި ސަބަބުތަކާއި ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. އެހެންކަމުން މި ކެމްޕެއިންގެ ތެރެއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، އަމިއްލައަށް އިސްނަގައިގެން ލޭ ދޭމީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެކަން އަތުކުރި އޮޅާލަމާ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ