ކުރިއަށް އޮތް ކައުންސިލު އިންތިހާބާ ދިމާކޮށް، އިންތިހާބުކުރާ ކައުންސިލަރުން މަދުކުރުމާއި އަތޮޅު ކައުންސިލުތައް އުވާލާ ގޮތަށް ހުށަހެޅި އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މި ބިލަކީ:
ދެހާސް މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީތަކަށް ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށް ހުށަހެޅި ބިލެއް
މި އިސްލާހުގައިވާ ގޮތުން ފުވައްމުލައް ފިޔަވައި ސިޓީތަކުގެ ކައުންސިލަރުންގެ ގޮތުގައި ތިބޭނީ މަޖިލީހުގައި އެ ސިޓީއެއް ތަމްސީލުކުރާ ދާއިރާގެ އަދަދަށް
މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމަށް ގާނޫނުއަސީއަށް އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ތަފްސީލް - އަތޮޅު ކައުންސިލުތައް އުވާލުމުގެ ބިލު ބަލައިގަނެ މަޖިލީހުގެ މުޅި ކޮމިޓީއަށް ފޮނުވާން ފާސްކުރީ، މިއަދު އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގަތީ ވެސް ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާގުޅޭ މި ބިލު ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ދިރާސާކުރާ ވަގުތީ ކޮމިޓީގައި ތިބެނީ:
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
މައްޗަންގޯޅި މެދުދާއިރާގެ މެންބަރު އަހުމަދު ޒަމީރު
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، 10،000 އާއި 30،000 އާ ދެމެދުގެ ސިޓީއެއްގެ އާބާދީއަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަން ޖެހެ އެވެ. އަދި، 30،000 އާއި 60،000 އާ ދެމެދުގެ އާބާދީތަކުގައި 13 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު، 60،000 އިން މަތީ އާބާދީތަކަށް 19 ކައުންސިލަރުން ތިބެން ޖެހެ އެވެ.
އަލަށް ހުށަހެޅި އިސްލާހުގައި އޮތީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީތަކުގައި ތިން ކައުންސިލަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.
ފުވައްމުލަކާއި މާލެގައި ތިބެން ޖެހޭ ކައުންސިލަރުންގެ އަދަދު މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ. ދެން ސިޓީތަކުގައި ގޮތުގައި އޮތް ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ ކައުންސިލްގައި ތިބޭ މެންބަރުންގެ އަދަދަށް ބަދަލެއް ގެނައުމަށް ހިމަނާފައެއް ނުވެ އެވެ.
މި އިސްލާހުގެ ނަތީޖާއަކީ:
މާލެ ސިޓީ ކައުންސިލަރުންގެ އަދަދު 19 އިން 16 އަށް ދަށްކުރުން
މިހާރު މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ފުވަމުލަކުގައި، މޭޔަރާއެކު ނުވަ ކައުންސިލަރުން އިތުރުވުން
އައްޑޫ ސިޓީ ކައުންސިލްގައި ތިބޭނީ، 13 ކައުންސިލަރުންގެ ބަދަލުގައި ހަތް ކައުންސިލަރުން
ކައުންސިލަރުން މަދުކުރުމާއި އަތޮޅު ކައުންސިލުތައް އުވާލުމުގެ އިސްލާހު ބަލައިގަނެ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ