ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެ، ފިލިޕީންސްގެ ދެ ވަޒީރުން އިސްތިއުފާދީފި
ފިލިޕީންސްގެ ފެންބޮޑުވުން ހައްލު ކުރުމަށް ހިންގި ބިލިއަން ޑޮލަރުގެ ފްލަޑް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމުން ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ ކެބިނެޓުން ދެ ވަޒީރަކު އިސްތިއުފާދީފިއެވެ. އިސްތިއުފާ ދީފައި ވަނީ އެގްޒެކެޓިވް ސެކްރެޓަރީ ލޫކަސް ބެރްސާމިން އާއި ޑިޕާޓްމަންޓް އޮފް ބަޖެޓް އެންޑް މެނޭޖްމަންޓް ސެކްރެޓަރީ އަމެނާ ޕަންގަންޑާމަންއެވެ. ރިޔާސީ ގަނޑުވަރުގެ ޕްރެސް އޮފިސަރު ކްލެއާ ކާސްޓްރޯއާ ހަވާލާދީ ފިލިޕީންސްގެ އިންކުޔާ ނޫހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދިނުމަށް ނިންމީ އެ މަޝްރޫއާ ގުޅޭ ތުހުމަތުތަކުގައި އެމީހުންގެ ޑިޕާޓްމަންޓްތަކުގެ ނަން ފާހަގަ ކުރުމުންނެވެ. އަދި އެ މައްސަލަ އެކަށީގެންވާ ގޮތަށް ހައްލު ކުރުމުގެ ފުރުސަތު ސަރުކާރަށް ދިނުމުގެ ގޮތުންނެވެ. ފިލިޕީންސްގެ ސިޔާސީ މާހިރެއް އަދި ސިންގަޕޫރުގެ އައިއެސްއީއޭއެސް-ޔޫސޮފް އިޝާކް އިންސްޓިޓިއުޓްގެ ވިޒިޓިން ސީނިއާ ފެލޯ އެރިސް އަރޫގޭ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ޖުލައި މަހު އެ މައްސަލަ ފެންމަތިވި ފަހުން ބެރްސާމިން އާއި ޕަންގަންޑާމަން އަކީ އެ މައްސަލައިގައި ތުހުމަތުވާ ސަރުކާރުގެ އެންމެ އިސް ދެ ފަރާތެވެ. ދެހާސް ބާވީސް ވަނަ އަހަރު މާކޯސް ޖޫނިއާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާގެ ވެރިކަމުގައި ވަނީ 546 ބިލިއަން ޕެސޯ (9.2 ބިލިއަން ޑޮލަރު) ގެ 9،855 ފްލަޑް ކޮންޓްރޯލް އިންފްރާސްޓްރަކްޗާ މަޝްރޫއު ފަށާފައެވެ. ފެންބޮޑުވުމާ ގުޅުންހުރި އެހެން ގިނަ މަޝްރޫއުތަކެއް 2022 ވަނަ އަހަރުގެ ކުރިންވެސް ކުރިއަށް ގެންދިޔައިރު، މި މަޝްރޫއުތަކުގެ ބޭނުމަކީ ފެންބޮޑުވުން މަދުކޮށް، އެކަމަށް ހައްލެއް ހޯދުމެވެ. ނަމަވެސް މިއަހަރު އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ބޮޑު ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި މާޔޫސްކަން ފާޅުކޮށް، ސަރުކާރުން އެ މައްސަލައަށް ހައްލެއް ހޯދަމުންދަނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އޭގެ ފަހުން ކުރެވުނު ތަހުގީގުތަކުން އެނގުނު ގޮތުގައި ފެންބޮޑުވުމަށް ހައްލެއް ހޯދުމަށް ފެށި ގިނަ މަޝްރޫއުތައް ފާސްކޮށްފައިވާ ސްޕެސިފިކޭޝަންތަކަށް ބިނާކޮށްފައި ނުވާއިރު، ބައެއް ހާލަތްތަކުގައި ފައިސާ ދޫކޮށްފައިވީ ނަމަވެސް މަޝްރޫއުތައް އެއްގޮތަކަށް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ސެޕްޓެމްބަރު މަހު ސެނެޓުން ކުރި ތަހުގީގެއްގެ ތެރެއިން ހެކިބަސް ދިން ގޮތުގައި ސަރުކާރުގެ އިންޖިނިއަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިމާރާތްކުރުމުގެ ކޮންޓްރެކްޓަރުން ވެސް ކޮރަޕްޝަން ހިންގުމުގައި ވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ. އަދި އެ މަޝްރޫއުތަކުން އެ މީހުން ވަނީ ބޮޑެތި އަދަދުން ފައިސާ ނަގާފައެވެ. ސަރުކާރުގައި މީގެކުރިން މަސައްކަތްކުރި އިންޖިނިއަރަކު ބުނީ ގޮތުގައި ކޮންމެ މަޝްރޫއެއްގެ ބަޖެޓުގެ މަދުވެގެން 25 ޕަސަންޓު ނަގާފައި ވަނީ އެ މީހުންގެ އަމިއްލަ ޖީބުތަކަށެވެ. އަދި ގެއްލުނު ފައިސާ ފޫބައްދަން، މަޝްރޫއުތަކުގައި ފެންވަރު ދަށް ތަކެތި ބޭނުންކޮށް، އިމާރާތް ކުރުމުގެ ޚަރަދު ބޮޑު ކަރުދާހުން ފެންނަ ގޮތަށް ހަދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ސެނެޓުގައި ތަހުގީގު ލީޑް ކުރައްވާ ސެނެޓަރު ޕެންފިލޯ ލެކްސަން ވިދާޅުވި ގޮތުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 67 ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުން ފައިސާ ދީގެން ހިންގާ އަމިއްލަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނެވެ. އޭގެތެރޭގައި ރައީސް މާކޯސް ޖޫނިއާގެ ދެބެން ދެ ދަރިއެއް ކަމަށްވާ ހައުސްގެ ރައީސް މާޓިން ރޮމުއަލްޑޭޒް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ