ކޮޅުވެއްޓި ދުއްވާއިރު ސަލާމަތީ ގޮތުން ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފި

ކޮޅުވެއްޓި ފަދަ އުޅަނދުތައް ދުއްވާއިރު އަދި އޮޕަރޭޓު ކުރާއިރު ސަލާމަތީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އަހަރު ތެރޭ ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ހިތާމަވެރި ތިން ހާދިސާއެއް ހިނގައި މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
ތަފްސީލް - މިދިޔަ އާދިއްތަ ދުވަހު ހަވީރު އެމްޕީއެލް ސަރަހައްދުގައި ވެސް އެފަދަ ހާދިސާއެއް ހިނގާފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ވަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުތައް ދުއްވުމުގައި އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ކޮޅުވެއްޓި އާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
އެފަދަ އުޅަނދު އޮޕަރޭޓު ކުރަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން މިނިސްޓްރީން ބެލި ބެލުމުން ފާހަގަވެފައިވާ ކަމަށް ޓްރާންސްޕޯޓުގެ ބަޔާނުގައި ބުންޏެވެ.
ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވައިދާ ހަވާލާދީ ޓްރާންސްޕޯޓުން ބުނީ:
ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސް ޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށް ކަމަށް
ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށް ކަމަށް 
އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ އުޅަނދުފަހަރު އޮޕަރޭޓު ކުރުމަށް އެކަމުގެ ހުއްދަ އޮތް ކެޕްޓަނުން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެ ގޮތަށް ބަރުކުރުމަށާއި މުދާ ރަނގަޅަށް ލޭޝްކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި - އާދިއްތަ ދުވަހުގެ ހާދިސާ އާ ގުޅިގެން އެމްޕީއެލް އިން ހިންގި އެތެރޭގެ ތަހުގީގަށް ފަހު އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން، އެ ދުވަހު ބަންޑުން ޖަހާލި ކޮޅުވެއްޓި އޮޕަރޭޓު ކުރި ކެޕްޓަން އަތުގައި އެ ކެޕޭސިޓީގެ އުޅަނދު އޮޕަރޭޓު ކުރުމުގެ ލައިސަންސެއް ނެތެވެ.
މީގެ އިތުރުން، އުޅަނދުގެ ސްޓެބިލިޓީ ގެއްލިދާނެ ކަންތައް ވެސް ހުރިކަން އެ ތަހުގީގުން ފާހަގަވި ކަމަށް އެމްޕީއެލް އިން އިއްޔެ އާންމު ކުރި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ