ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ޑްރޯންގެ އެހީގައި އަތުލައިގެންފި
ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު, ބޭރުގެ ބޯޓެއް, އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގެންފިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް, އަދި ކީއްކުރަން ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު އުޅަނދެއް ކަމެއް އެމްއެންޑީއެފްއިން އަދި ނުބުނެއެވެ. ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ޑްރޯން -- ފޮޓޯ: ރައީސް އޮފީސް މީގެ އިތުރުން އެމްއެންޑީއެފްއިން ވަނީ އެހެން އޮޕަރޭޝަނެއްގައި ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މިއަދު ބުނެފައެވެ. މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. https://www.sun.mv/213546 މިދިޔަ ބުދަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމްއެންޑީއެފްގެ އެންމެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވައި ދެއްވައިފައެވެ. އެމްއެންޑީއެފުން ބުނީ 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އޭޕްރަންއެއް އޮންނަ މި އެއާ ސްޓޭޝަންގައި ސިފައިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. މި އެއާ ސްޓޭޝަން ގާއިމްކުރި ސަރަހައްދަކީ އިސްތިރާޖީގޮތުން މުހިންމު ސަރަހައްދެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި އެއާ ސްޓޭޝަން ހުޅުވުމަށްފަހު ރައީސް ވިދާޅުވީ، ދެން އެންމެ އަވަހަށް އެއާ ސްޓޭޝަނެއް ހުޅުވައި އެތަނުގެ މަސައްކަތް ފަށާނީ މިއަހަރު ނިމުމުގެ ކުރިން، ށ. ފުނަދޫގައި ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތައް އިފްތިތާހުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15ގައެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯންތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ. އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ. ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ އެއާ ކޯއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ