ކޯމޯ އަތުން ރޯމާ އަށް އުނދަގޫ މޮޅެއް ކޯމޯ އަތުން ރޯމާ އަށް އުނދަގޫ މޮޅެއް

ރޯމް (ޑިސެމްބަރު 16) - އިޓާލިއަަން ލީގުގައި ރޭ ރޯމާ އިން ކޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ރޯމާ އޮތީ ލީގުގެ ހަތަރު ވަނައިގައި، އެއް ވަނައިގައި އޮތް އިންޓަ މިލާނަށް ވުރެން ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. ލީގުގެ ކޮންމެ ޓީމެއް ވެސް 15 މެޗު ކުޅެފައިވާއިރު، އިންޓަ އަށް 33 ޕޮއިންޓް، ދެ ވަނައިގައި އޮތް އޭސީ މިލާނަށް 32 ޕޮއިންޓް، ތިން ވަނައިގައި އޮތް ނަޕޯލީ އަށް 31 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ރޯމާ އަށް ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.
ސެސް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ އިން މި މެޗުގައި ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނު މި މެޗުގައި، ފެނުނު ހަމައެކަނި ލަނޑަކީ، މެޗުގެ 61 ވަނަ މިނިޓްގައި ރޯމާގެ ވެސްލީ ފްރާންކާ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މެޗުގައި ރޯމާގެ ބްރަޔަން ކްރިސްޓަންޓޭ ޖެހި ގޯލެއް ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. ޖިއަން ޕިއޭރޯ ގަސްޕެރިނީ ކޯޗުކޮށްދޭ ރޯމާ ކޮޅަށް ގޯލެއް ޖަަހަން ކޯމޯ އިން ކުރި މަސައްކަތް ކާމިޔާބުނުވެ، ޖެހިޖެހިގެން ދެ ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ.
ކޯމޯ މި ވަގުތު އޮތީ 24 ޕޮއިންޓާ އެކު، ލީގުގެ ހަތް ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ