ބީބީސީއާ ދެކޮޅަށް ޓްރަމްޕް ފަސް ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް ހުށަހަޅުއްވައިފި

މީގެ ފަސް ވަރަކަށް އަހަރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެެއްވި ތަގުރީރެެއް އެޑިޓްކޮށްގެން ދެއްކި ގޮތާ ދެކޮޅަށް ޓްރަމްޕް ބީބީސީއާ ދެކޮޅަށް 5 ބިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެމެރިކާގެ ފްލޮރިޑާގެ ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓްރަމްޕް ވަނީ ބީބީސީގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފަ އެވެ. 
ބީބީސީން ވަނީ މިދިޔަ މަހު ޓްރަމްޕްގެ ކިބައިން މައާފަށް އެދިފަ އެވެ. ނަމަވެސް ބަދަލު ދިނުމަށް އިންކާރު ކުރި އެވެ. އަދި އަބުރުގެ ދައުވާ އުފުލުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕްގެ ގާނޫނީ ޓީމުން ތުހުމަތު ކުރި ގޮތުގައި ބީބީސީން ވަނީ ގަސްދުގައި ޓްރަމްޕްގެ އަބުރަށް ހުތުރުވާ ނުބައި ގޮތަކަށް އެކަންކޮށްފަ އެވެ. އެ މައްސަލައަށް ބީބީސީން އަދި އެއްޗެއް ނުބުނެ އެވެ.
އެ ޑޮކިއުމެންޓްރީއާ ގުޅިގެން ބީބީސީއާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ. އެ ޑޮކިއުމެންޓްރީ އަކީ 2024 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ބީބީސީން ދެއްކި ޑޮކިއުމެންޓްރީއެކެވެ.
"އަޅުގަނޑު ދެކެން އަޅުގަނޑު އެކަން ކުރަން ޖެހޭ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
"އެ މީހުން އޮޅުވާލި. އެމީހުން އަހަރެން ދެއްކި ވާހަކަތައް ބަދަލުކުރީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޖެނުއަރީ 6 2021ގައި، ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކުގެ ކުރިން، ޓްރަމްޕް ވިދާޅުވި "އަޅުގަނޑުމެން ހިނގާފައި ދާނީ ކެޕިޓޮލް އަށް" ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންގެ ހިތްވަރުގަދަ ސެނެޓަރުންނާއި ކޮންގްރެސްގެ މެންބަރުންނަށް އަޅުގަނޑުމެން މަރުހަބާ" ވިދާޅުވާނެ ކަމަށެވެ.
އަދި އެ ތަގުރީރު ދެއްވަމުން ދިޔަތާ 50 މިނިޓަށް ވުރެ ގިނަ އިރުފަހުން ޓްރަމްޕް ވިދާޅުވީ "އަހަރެމެން ފައިޓް ކުރާނެ" ކަމަށާއި "އަހަރެމެން ހަނގުރާމަ ކުރަނީ ނުގުޑާ ފަދަ އަޒުމެއްގައި" ކަމަށެވެ.
ބީބީސީން ގަބޫލުކުރާ ގޮތުގައި އެ އެޑިޓްގެ ސަބަބުން ޓްރަމްޕް "ސީދާ އަނިޔާވެރި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ" ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ބީބީސީން ބުނީ އަބުރުގެ ދައުވާއެއް އުފުލަން ޖެހޭ އެއްވެސް އަސާސެއްވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ލީކުވި ބީބީސީގެ އެތެރޭގެ މެމޯއެއްގައިވާ ގޮތުން، އެ ތަގުރީރު އެޑިޓް ކުރި ގޮތާ މެދު ފާޑު ކިޔައި، ބީބީސީގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވީ އާއި އެ ނޫހުގެ ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް އިސްތިއުފާ ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ