ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑްކަޕް ލޯންޗުކޮށް ލޯގޯ ދައްކާލައިފި
ރާއްޖޭގައި ބާއްވަން ނިންމާފައިވާ ދުނިޔޭގެ ކެރަމްގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކެރަމް ވޯލްޑްކަޕުގެ ހަތްވަނަ މުބާރާތް ލޯންޗުކޮށް ލޯގޯ ދައްކާލައިފިއެވެ. އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އިން ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕް ލޯންޗުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި އަހަރުގެ ފަހުކޮޅު ބާއްވާ މި މުބާރާތް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 2-7 ގެ ނިޔަލަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ބާސެލޯ ނަސަންދުރާގައެވެ. މި މުބާރާތުގައި މިއަހަރު ވިހި ގައުމަކުން 200އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. މުބާރާތް ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ މުބާރާތުގެ ސަބަބުން ރާއްޖެއަށް އަލަށް ތަޢާރަފުވަމުން އަންނަ ސްޕޯޓްސް ޓޫރިޒަމް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެގެން ދިއުމަށް ބާރަކަށް ވާނެ ކަމަށާއި ރާއްޖެއަކީ މީގެކުރިންވެސް ކެރަމް މުބާރާތްތަކުން ރަންވަނަތަކެއް ހޯދި ގައުމެއްކަމަށެވެ. ވަޒީރު ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ކުޅިވަރު އެންމެ އުސް ހަރުފަތަށް އެރުވުމާއި ރާއްޖެއަކީ މިފަދަ ކުޅިވަރު މުބާރާތްތައްތައް ބޭއްވޭނެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުންކަމަށެވެ. ރާއްޖޭގައި 2014 ވަނަ އަހަރުވެސް ވަނީ ކެރަމް ވޯލްޑްކަޕް ބާއްވާފައެވެ. ސަން އައިލެންޑް ރިސޯޓުގައި އެފަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އިތުރުން ކެރަމްގެ ވަރުގަދަ ގައުމުތަކަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަން އިންޑިއާގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ސައުތު ކޮރެއާ، ކެނެޑާ އަދި އެމެރިކާ، މެލޭޝިއާ ފަދަ ގައުމުތައް މި މުބާރާތުގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ