ޓީމު ރެލިގޭޝަނުގައި އޮއްވައި ނޭމާ އަށް ސީރިއަސް އަނިޔާއެއް ޓީމު ރެލިގޭޝަނުގައި އޮއްވައި ނޭމާ އަށް ސީރިއަސް އަނިޔާއެއް

ސަންޓޯސް، ބްރެޒިލް (ނޮވެމްބަރު 26) - ބްރެޒިލްގެ ލީގުގެ ރެލިގޭޝަން ޒޯނުގައި، ސަންޓޯސް އޮއްވައި، އެ ޓީމުގެ ތަރި، ނޭމާ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، މި އަހަރުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި މަހު 19 ވަނަ ދުވަހު ބްރެޒިލްގެ ލީގުގައި މިރާސޯލްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ނޭމާ ލަނޑެއް ޖެހިއިރު، މިއީ، ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެ މެޗުގެ 30 ވަނަ މިނިޓްގައި މިރާސޯލްގެ ޑިފެންޑަރު، ޖެއްމެސް ކައިރިން ނައްޓާފައި ދާން އުޅުމުގެ ތެރޭގައި ވެއްޓިގެން، އަނިޔާވެ ދަނޑުމަތީގައި ފަރުވާ ދިނެވެ. ނޭމާ ވަނީ ފަރުވާ ހޯދައި އެ މެޗު އެއްކޮށް ކުޅެފަ އެވެ.
އެކަމަކު، ސަަންޓޯސް އަށް ޖެހިގެން އައި މެޗުގައި، މިދިޔަ ހޯމަ ދުވަހު، އިންޓަނަސިއޮނާލްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ނޭމާ ނެތެެވެ. ބްރެޒިލްގެ ނޫސްތަކުން ބުނާގޮތުގައި، ނޭމާގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް މި ވަގުތު ކުޅެެވެން ނެތެވެ.
ނޭމާ އަށް ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގިގެންދިޔައީ، ނޭމާގެ ވާތު ކަކުލުގެ މެނިސްކަސް އަށް ސީރިއަސް އަނިޔާއެއް ދިމާވެ، މި އަަހަރުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ، 2023 ވަނަ އަހަރު ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވި ނޭމާގެ ކަކުލެވެ.
ވިހި ޓީމު ވާދަކުރާ ބްރެޒިލް ލީގުގައި މި ވަގުތު ސަންޓޯސް އޮތީ 17 ވަނައިގަ އެވެ.
އަލް ހިލާލް ދޫކޮށް، ނޭމާ، 33، މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ ވަނީ، މީގެ ހަތަރު މަސް ކުރިން، އަންނަ މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށް، މުސްތަގުބަލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.
އެކަމަކު މި ލިބުނު އަނިޔާއާ އެކު، ސަންޓޯސްގެ ކޮންޓްރެކްޓް އަނެއްކާ ވެސް އާ ނުކޮށް ނޭމާ، އެ ޓީމުގެ ޖޯޒީގައި މެޗަކުން ފެނުމުގެ ފުރުސަތެއް ނެތެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ