ބިލިއަނުން ޚަރަދުކުރާ ޚާރިޖިއްޔާ ސިޔާސީ ހަރުގެއަކަށް، އަސްލު ޑިޕްލޮމެޓުން ބޭކާރުވެފައި!
ކޮންމެ މީހަކު ވެސް ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި ހިލޭ ދިރިއުޅެލަން ބޭނުންވާނެއެވެ. އަދި، އެ ގައުމުތަކުގެ ސްކޫލުތަކުން އެ މީހުންގެ ދަރިންނަށް ހިލޭ ތައުލީމު ފޯރުކޮށްދޭން ވެސް ބޭނުންވާނެއެވެ. އެ ގައުމަކީ އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާ މީހަކު ކުޅޭހިތްވާ ކުޅިވަރެއް, ނުވަތަ ގޭމަކަށް ޚާއްސަ ގައުމެއް ނަމަ އަދި އެ ފުރުސަތު މާ ބޮޑަށް ބޭނުންވާނެއެވެ. ކުރުކޮށް ބުނާނަމަ ދައުލަތުގެ ޚަރަދުގައި ޗުއްޓީގައި އުޅެލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ނަމަވެސް، ދުނިޔޭގެ ތަހުޒީބީ, ހިންގަންވާ ގޮތަށް ހިންގާ ގައުމުތަކުން އެހެން ގައުމުތަކުގައި ހުންނަ އެ ގައުމުތަކުގެ އެމްބަސީތަކަށް މީހުން ފޮނުވަނީ އެ ގޮތަށް ޗުއްޓީ ހޭދަކުރާކަށް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ, ސިންގަޕޫރާއި ޖަޕާނާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ކެނެޑާއަށް ބެލި ނަމަވެސް, ޚާރިޖީ ދާއިރާގައި އެ ގައުމުތަކުން ފުރުސަތު ދޭނީ މުޅިންހެން ޕްރޮފެޝަނަލް ކެރިއާ ޑިޕްލޮމެޓުންނަށެވެ. އެއީ، އެކަން އޮންނަން ވާނެ ގޮތެވެ. https://www.sun.mv/203862 ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެ ތަފާތެވެ. ޚާއްސަކޮށް މިދިޔަ އެމްޑީޕީގެ ވެރިކަމާއި މިއަދުގެ ސަރުކާރަށް ބަލާއިރު ފެންނަނީ, އެ މުހިންމު ދާއިރާ ސިޔާސީ ހަރުގެއަކަށް ހަދާފައިވާ މަންޒަރެވެ. މިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ރާއްޖޭން ބޭރުގެ އެމްބަސީތަކުގައި ގިނަ އަދަދަކަށް ތިބީ ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ, ޚާރިޖީ ދާއިރާގެ ތަޖުރިބާއެއް, ތައުލީމެއް ނެތް މީހުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް މީހުންނާއި އޭރުގެ މަޖިލިސް މެންބަރުންގެ ދަރިން ހިމެނެއެވެ. ފަސް އަހަރު އެ ހޭދަކޮށްލީ ދައުލަތުގެ ޚަރަދުގައި ބޭރު ގައުމެއްގައި, އަރާމު ދިރިއުޅުމެކެވެ. ސުވާލަކީ ގައުމަށް ލިބުނީ ކޮން ފައިދާއެއްތޯއެވެ؟ ކަންކަން އިސްލާހުކުރައްވާނެކަމުގެ ވައުދު އަބަދުމެވެވަޑައިގަންނަވާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ބެލި ނަމަވެސް ކަންކަން ހުރީ ވަރަށް ދެރަވަރުކޮށެވެ. ރާއްޖެ ތަމުސީލުކުރަން ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމުލަ 21 މިޝަންއެއް މިހާރު ވެސް އެބަހިންގައެވެ. ޖުމުލަ 17 ސަފީރުން އައްޔަންކުރައްވާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޚާރިޖީ ދާއިރާއިން ބޭރުން އެ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންނެވެ. ކެރިއާ ޑިޕްލޮމެޓުންނަށް ތިއްބެވީ ދެތިން ބޭފުޅެކެވެ. "މި ސާވިސްގެ ބޭފުޅުންނަށް ފުރުސަތެއް ނުލިބޭ. މިހާރު ވެސް ފުރުސަތު ނުލިބި މިނިސްޓްރީގައި އެބަ ތިއްބެވި 15 ވަރަކަށް ބޭފުޅުން. އެއީ ސަފީރުކަން ކުރެއްވޭ ފެންވަރުގެ ބޭފުޅުން. އެ ބޭފުޅުންނަކީ ޚާރިޖީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ތިއްބެވި ބޭފުޅުން. އެކަމަކު، ފުރުސަތެއް ނުލިބޭ. ސިޔާސީ މީހާއަށް ފުރުސަތު މި ލިބެނީ," ފޮރިން މިނިސްޓްރީގެ އިސް މަގާމެއްގައި މިހާރު ވެސް ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ. ފޮރިން މިނިސްޓަރު ޚަލީލާއި ރައީސް މުއިއްޒު: ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިސާބުކުރި އަދަދުގެ 92 އިންސައްތަ ނުލިބޭ --- ފޮޓޯ/ ރައީސް އޮފީސް ހަމައެކަނި އެމްބެސެޑަރުގެ މަގާމެއް ނޫނެވެ. ބޭރުގެ މިޝަންތަކުގައި ދެން ހުންނަ މަގާމުތަކުން ވެސް އެ ދާއިރާގެ ތަޖުރިބާކާރުންނަށް ފުރުސަތު ނުދީ ގިނައިން ފުރުސަތު ދެނީ ސިޔާސީ ގޮތުން އަންނަ, ދާއިރާގެ ތައުލީމެއް, ތަޖުރިބާއެއް ނެތް މީހުންނަށް ކަމަށް މިނިސްޓްރީގެ ތެރެއިން މައުލޫމާތު ލިބުނެވެ. "ޚާރިޖީ ދާއިރާއިން ކިޔަވައިގެން އަންނަ ކުއްޖާ މި ޖެހެނީ މިނިސްޓްރީގެ ކޮންމެ ވެސް ޑެސްކެއްގައި މަސައްކަތްކުރަން. ކުރިއަށް ދާނެ ފުރުސަތެއް ނުލިބޭ. ކެރިއާއެއްގައި އުޅޭ ކަމަށްވާނަމަ ކުރިއަށްދާން ބޭނުން ވާނެ ދެއްތޯ," ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާތާ 19 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅަކު ވިދާޅުވިއެވެ. ފޮރިން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން, އެމްބަސީތަކަށް މަހަކު އެވްރެޖުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު އެކަކުން، މި އަހަރުގެ ޖަނަވަރީ 31ގެ ނިޔަލަށް ހިނގި ޚަރަދަށް އެކަނި ބެލި ނަމަވެސް, އޮޕަރޭޝަން ޚަރަދަށް ޖުމުލަ 21،655،475.30 ރުފިޔާ ޚަރަދުކުރިއެވެ. މިއީ އެވްރެޖުކޮށް މަހަކަށް 7.2 މިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި އެކަނި މުވައްޒަފުންގެ ޚަރަދުތަކަށް 74،278،670.94 ރުފިޔާ ޚަރަދުކުރިއެވެ. މިއީ އެވްރެޖުކޮށް މަހަކަށް 24.8 މިލިއަން ރުފިޔާއެވެ. މުވައްޒަފުންނަށް ބޮޑު ހޭދައެއް ހިނގާއިރު އެމްބެސެޑަރުން ހިމެނޭ ގޮތަށް މުވައްޒަފުންނަށް ގިނަ އިނާޔަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި، ބޮޑު މުސާރައަކާއި ގެ ކުއްޔާއި ދަރިންގެ ސްކޫލު ފީ ހިމެނޭ ގޮތަށް އެކިއެކި އިނާޔަތްތައް ހިމެނެއެވެ. އެ އިނާޔަތްތައް ދެނީ އދ. އިން އެ ގައުމަކަށް ކަނޑައަޅާފައި ހުންނަ ރޭންޖަކަށް ބަލައިގެންނެވެ. މިއީ ދަރައި ވިކިފައިވާ މި ގައުމަށް ވަރަށް ބޮޑު އަދަދެކެވެ. https://www.sun.mv/211274 ބޮޑު ޚަރަދެއް ކޮށްގެން އެހެން ގައުމުތަކުގައި މިޝަންތައް ގާއިމުކުރަނީ ބޭނުންތަކެއް އޮތަތީއެވެ. އޭގެ ތެރެއިން އެއް ކަމަކީ, އެ މިޝަން ގާއިމުކުރާ ގައުމެއްގައި ދިރިއުޅޭ ނުވަތަ ގޮސް އުޅޭ ދިވެހީންނަށް އެކިއެކި ޚިދުމަތްތައް ދިނުމެވެ. އަނެއް ބޭނުމަކީ އިގުތިސާދީ ގުޅުންތައް ބަދަހިކޮށް ރާއްޖެއަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައި ދިނުމެވެ. ހަމައެހެންމެ ގައުމީ ސަލާމަތާ ގުޅޭގޮތުން ކުރަން ޖެހޭ މަޝްވަރާތައް ކުރުމާއި ހަދަން އެއްބަސްވުންތަކަށް މަގުފަހިކުރުމެވެ. ޖުމުލަކޮށް ބުނާނަމަ އެހެން ގައުމުތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމެވެ. އެހާ ބޮޑު ހޭދައެއް ދައުލަތުން ކުރަނީ އެ މުހިންމު ބޭނުމަށެވެ. އެހެންވެ، ސަފީރުންނާއި ޑިޕްލޮމެޓުންގެ ގޮތުގައި ގައުމުތަކުން މުޅިންހެން އައްޔަންކުރާނީ މުއާމަލާތްކުރަން ގާބިލު ބޭފުޅުންނާއި ޕްރެޝަރާއި ގޮންޖެހުންތައް ހައްލުކުރަން ދަންނަ ފަދަ ބޭފުޅުން ބަލައިގެންނެވެ. އަދި، ޑިޕްލޮމެޓުން ވާންވާނީ ދުނިޔޭގެ ޚާރިޖީ ދާއިރާއަށް ލޯ ހުޅުވިފައި ހުންނަ, ޖިއޯ ޕޮލިޓިކްސް ރަނގަޅަށް ދަންނަ ބޭފުޅުންނަށެވެ. ރަނގަޅު އަހުލާގެއް ހުރުމާއި އެހެން ސަގާފަތްތަކާއި އެ ގައުމުތަކުގެ އަމިއްލަވަންތަ ކަމަށް އިހުތިރާމުކުރާ ބަޔަކަށް ވެސް ޑިޕްލޮމެޓުން ވާންވާނެއެވެ. ހަމައެހެންމެ ސިޔާސީ ޕާޓީ ނުވަތަ ސިޔާސީ ވިސްނުމުގެ ބަދަލުގައި ގައުމަށް އިޚުލާސްތެރި, ތެދުވެރި މީހަކަށް ވެސް ޑިޕްލޮމެޓުން ވާން ޖެހޭނެއެވެ. ދުރުވިސްނޭ ބޭފުޅަކަށް ވުމާއި, ކޮރަޕްޝަން ފަދަ ކަންކަމުގެ ތުހުމަތުނުކުރެވޭ މީހަކަށް ވުމަކީ ވެސް ޑިޕްލޮމެޓެއްގެ މުހިންމު ސިފައެކެވެ. މި މުހިންމު ސިފަތައް ހުންނާނީ ކެރިއާ ޑިޕްލޮމެޓުންގެ ގޮތުގައި އުޅުމާ އެކު އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށެވެ. "ސިޔާސީ މީހުން އެގޮތަށް މިޝަންތަކަށް ފޮނުވީމާ ލިބޭ ގެއްލުން ވަރަށް ބޮޑު. އެ މީހުން އެ އަޅާ ނެޓްވޯކް ވެސް އެ ދައުރެއް ހަމަވީމާ އެ ގެއްލުނީ ނޫންތޯ. އެކަމަކު، މި ސާވިސްގެ ބޭފުޅަކު އަޅާ ނެޓްވޯކެއްގެ ފައިދާ ގައުމަށް އަބަދުވެސް ކުރާނެ ދެއްތޯ," ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ޚާރިޖީ ދާއިރާގެ އުޑެއްބުޑެއް ނޭނގޭ މީހުން ދާއިރާގެ އިސް މަގާމުތަކަށް އައުމުން ގައުމަށް ލިބޭ ހުތުރު ނަންތަކާއި ޕްރެޝަރުތައް ވެސް ގިނައެވެ. މި ސަރުކާރުގައި އޭޝިއާގެ ގައުމަކަށް ކަނޑައެޅި ސަފީރަކު, ރާއްޖެ އަދި ބަލައިގެންފައިނުވާ ގައުމެއްގެ އިސް ބޭފުޅަކާ ބައްދަލުކުރެއްވި ކުރެއްވުމާއި، ދެން ކަން ހިނގައި ދިޔަ ގޮތަކީ އޭގެ އެއް މިސާލެވެ. ހަމައެހެންމެ ބޭރުގެ މިޝަންތަކަށް މިހާ ބޮޑު ހޭދައެއް ކުރާއިރު އެ ތަންތަނުން ނެރެވޭ ނަތީޖާއާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އެ އެމްބަސީތައް ނުވަތަ މިޝަންތަކުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރެވޭތޯ, ނުވަތަ ރާއްޖެއަށް އިގުތިސާދީ ފުރުސަތުތައް ފަހިކުރެވޭތޯ ނުވަތަ ނޫންތޯ ވެސް ބަލަންޖެހެއެވެ. ހަމަ ގައިމު ވެސް ރަނގަޅު އޮޑިޓެއްކޮށްފިނަމަ މިހާރު މި ކުރެވެނީ ބޭކާރު ޚަރަދެއްކަން އިހުސާސްކުރެވުން ނޫން ކަމެއް ނުވާނެއެވެ. އަދި، ރާއްޖޭގެ މިޝަން ކޮންމެހެން ހުންނަން ނުޖެހޭ އެތައް ގައުމެއްގައި މިޝަންތައް ހަދައިގެން މި ކުރަނީ ވެސް ބޭކާރު ޚަރަދެވެ. މި ސަރުކާރަށް ދެ އަހަރު ވީއިރު ޚާރިޖީ ދާއިރާއަކީ އެންމެ ނަތީޖާ ދަށްކޮށް ފެންނަ އެއް ދާއިރާއެވެ. އެހެން ވެރިކަންތަކުގައި ރާއްޖެއަށް ލިބޭ ހިލޭ އެހީއާ ގާތަށް ވެސް ގައުމަކުން އެއްޗެއް މިހާރު ނުހޯދެއެވެ. އެކަން އެހެން އެންމެ ބޮޑު އަވައްޓެރިޔާއާ ގުޅުން އެހާ ގޯސްވިއެވެ. މިހެން ގޮސް އެތައް ކަމެކެވެ. ސިޔާސީ ބޭނުމަށް ވެސް ކޮށްފައި ނުކުރާނެ ކަންކަން ހުންނާނެއެވެ. ބެހިފައި ނުބެހެންވީ ކަންކަން ވެސް ހުންނާނެއެވެ. އޭގެ ތެރެއިން އެއް ދާއިރާއަކީ ޚާރިޖީ ދާއިރާއެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކުރީގެ ފޮރިން މިނިސްޓަރު ފަތުހުالله ޖަމީލްމެން ފަދަ ބޭފުޅުންގެ ޒަމާނުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރާއި އިހުތިރާމު ހޯދާފައިވާ ގައުމެކެވެ. ގައުމުތަކުން އެތައް މިލިއަން ރުފިޔާއެއްގެ އެހީ ހޯދި ގައުމެކެވެ. ފަތުހުالله އެކަން ކުރެއްވީ އެ ދާއިރާ ސިޔާސީ ނުކޮށް ތަޖުރިބާކާރުން ބޭނުން ކުރައްވައިގެންނެވެ. ހުރިހާ ކަމެއްހެން ފާލުން ނައްޓާފައިވާ ރާއްޖޭގެ ޚާރިޖީ ދާއިރާ އިސްލާހުކުރަން އެބަޖެހެއެވެ. މި ކުރާ ބޮޑު ހޭދައާއި ލިބޭ ނަތީޖާ ދެކޮޅެއް ނުޖެހެއެވެ. އެކަން ހައްލުކުރެވޭނީ ގާބިލު މީހުންނަށް ފުރުސަތު ދީގެންނެވެ. ރާއްޖޭގައި އެ ދާއިރާއިން ގާބިލު މީހުން އެބަތިއްބެވެ. ގޯސްވެގެން މި އުޅެނީ އެ މީހުންނަށް ފުރުސަތު ނުދީ ސިޔާސީ މީހުން ލައިގެން ހަރުގެއަކަށް ޚާރިޖިއްޔާ ހެދުމުންނެވެ. މިއީ މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ ދާއިރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ