ފައިސާ ނުދީގެން، ކަތިވަޅިއަކުން މަންމަގެ ކޮޓަރި ދޮރު ހަލާކުކޮށްލި ދަރިފުޅު ގޭ ބަންދުކޮށްފި

ފައިސާ ނުދީގެން ކަތިވަޅިއަކުން ޖަހައި، މަންމަގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލި ދަރިއަކު ގޭ ބަންދުކުރަން ހުކުމްކޮށްފިއެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މި މައްސަލަ، އެ ރަށު ކޯޓުން ނިންމީ އަންގާރަ ދުވަހެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފިރިހެން ދަރިއަކު ވަނީ އޭނާގެ މަންމަގެ ކޮޓަރީގެ ދޮރު އަދި ކުޑަދޮރު، ކަތިވަޅިއަކުން ޖަހައި ހަލާކުކޮށްލާފައެވެ. އޭނާ މި ހަމަލާތައް ދީފައިވަނީ އެއް ރޭގެ ފަތިހެވެ. މި މައްސަލައިގައި ދައުލަތުން އެ ދަރީގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް، ދައުވާ ރައްދުވީ މީހާ އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވީއެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެ ހަމަލާދިން ދަރީގެ މަންމަ އަދި އޭނާގެ އެއްބަނޑު މީހަކު ހިމެނެއެވެ. ޝަރީއަތުގައި ދައުވާއަށް އިންކާރުކުރި ނަމަވެސް އޭނާ ވަނީ ހަލާކުކޮށްލި ދޮރު ހަދާފައިވާނެ ކަމަށް ބުނެފައެވެ. އަދި، އެ ހަމަލާ ދިނީ ބިރުން ކަމަށާއި، ގަސްދުގައި ދޮރު ހަލާކުކޮށްލީ ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލައިގައި ދޮރަށް ގެއްލުން ދީފައިވާތީ އޭނާގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ދައުލަތުގެ ދައުވާގައި ހިމަނާފައިވެއެވެ. އެހެންނަމަވެސް، އެ ބަދަލު ދަރިއެއްގެ އަތުން ހޯދަން ބޭނުން ނޫން ކަމަށް ޝަރީއަތުގައި މަންމަ ބުނުމުން، އެ ބަދަލު ނަގައިދީފައެއް ނުވެއެވެ. މި މައްސަލައިގައި، އެ ދަރި، އެއް މަހާއި 26 ދުވަހަށް ޖަލަށްލާން ހުކުމް ކުރުމަށް ފަހު، އެ ހުކުމް ޝަރިއަތުން ވަނީ ގޭ ބަންދަށް ބަދަލުކޮށްދީފައެވެ. ގޭ ބަންދުކުރަން ހުކުމްކުރީ ތިން މަހާއި 22 ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ