ގަބްރިއެލް އަށް އަނިޔާވެ އާސެނަލް ކިބައިން އަންޗެލޮޓީ މާފަށް އެދެފި ގަބްރިއެލް އަށް އަނިޔާވެ އާސެނަލް ކިބައިން އަންޗެލޮޓީ މާފަށް އެދެފި

ލަންޑަން (ނޮވެމްބަރު 16) - ސެނެގާލް އަތުން 2-0 އިން ބްރެޒިލް މޮޅުވި އެކުވެރިކަމުގެ މެޗުގައި ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް އަށް އަނިޔާވުމުން، އޭނާ ކުޅެމުން އަންނަ ކްލަބްގެ ކިބައިން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ މާފަށް އެދެފި އެވެ.
ގަބްރިއެލް، 27، ގެ އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން، ސެނެގާލް އަތުން ބްރެޒިލް މޮޅުވި މެޗުގެ 64 ވަނަ މިނިޓްގައި ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ބްރެޒިލުން ދެން މި އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުގައި ގަބްރިއެލް ނުފެންނާނެކަން ޔަގީންވެފައިވާއިރު، މިހާރު އަންނަނީ އޭނާގެ އަނިޔާގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން މި ސީޒަން ފެށިގެން މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުމުގައި ގަބްރިއެލްގެ ހިއްސާ ބޮޑެވެ. އެހެންވެ، އޭނާ އަށް އަނިޔާވެ، މުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހިއްޖެނަމަ، އެ ވެގެންދާނީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ އަށް އޮންނާނެ ބޮލުގެ ރިހުމަކަށެވެ.
"އަހަންނަށް އެނގޭ މުހިންމު ކުޅުންތެރިއަކަށް އަނިޔާވުމުން ކޯޗުންނަށް އަންނާނެކަންކަން. ގަބްރިއެލް އަކީ ވަރަށް ފޯމުގައި ހުރި ކޮންމެ ޓީމަކަށް ވެސް މުހިންމު ކުޅުންތެރިއެއް. އަހަންނަށް މި ވަގުތު ބުނެވޭނީ ހަމައެކަނި މާފުކުރާށޭ. އުންމީދު ކުރަމާހޭ ރަނގަޅުވާނެ ކަމަށް،" ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި، އަންޗެލޮޓީ ބުންޏެވެ.
ބްރެޒިލުން ދެން އެންމެ އަވަހަށް ކުޅޭނީ އަންގާރަ ދުވަހުގެރޭ ޓިއުނީޝިއާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ