ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ފެމިލީ ކޯޓުން ވެސް ހުކުމްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަރައިގަތް ކަމަށް ނިންމައި، އެމްޑީޕީ ހިންގަވާ ފަރާތުގެ ހައިސިއްޔަތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށް، ފެމިލީ ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ. މިދިޔަ މާޗް މަހުގެ 12، 13 އަދި 14ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި މަންދީ ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކައިފައެވެ. އެހެންވެ މި މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ހުށަހަޅުއްވައިފައެވެ. ފެމިލީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އުމައިރަށް ގާނޫނުއަސާސީއިންނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ހައްގުތަކާއި، ކަރާމާތާއި ރައްކާތެރިކަން ނަގާލާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށްވެސް ކޯޓުގެ ހުކުމްގައިވެއެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ ދެ މައްސަލައިގައި ފެމިލީ ކޯޓުން ފާހަގަކޮށްފައި ވަނީ އެމްޑީޕީގެ އެއްވުމުގައި މަންދީގެ އިތުރުން އަހްމަދު ސަލީމް (މާޒް ސަލީމް) ވާހަކަދެއްކީ އުމައިރަށް ކަމަށް ކޯޓަށް ސާބިތުވާ ކަމަށާއި، އެ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށެވެ. މަންދީއާއި، އެމްޑީޕީއާއި، ފައްޔާޒުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް އެބައޮތް ކަމަށް ކަނޑައަޅައި ކޯޓުން ކުރި ހުކުމްގައި އިތުރަށް ބުނީ، މަންދީއާއި ސަލީމް ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެ ވާހަކަތަކަށް ފައްޔާޒު ހިތްވަރުދީފައިވާކަން ކޯޓުގައި ސާބިތުވާ ކަމަށެވެ. މި މައްސަލައިގައި މަންދީއާއި އެމްޑީޕީގެ ފަރާތުން ބަދަލު ހޯދާނެތޯ ނުވަތަ ނޫންތޯ 'ސަން' އިން ސުވާލުކުރުމުން ރައީސްގެ އާއިލާ ތަމްސީލުކުރެއްވި ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ބަދަލު ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. "ގެއްލުމުގެ ބަދަލު ހޯދާކަށް ރައީސް އަދި އަނބިކަނބަލުންގެ ފަރާތްޕުޅުން ހުށަނާޅުއްވާނެ. ސިވިލް ކޯޓުން ވެސް ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅާފައި. އެކަމަކު ގެއްލުމުގެ ބަދަލު ހޯއްދެވެމުގެ މަސައްކަތެއް ނުކުރައްވާ. މިއީ އެއްވެސް ހާލެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެއްވި ދައުވާއެއްނޫން،" އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެއީ ދަރިކަލުންގެ ރައްކާތެރިކަން ގެއްލިގެންދާ ހިސާބަށް ދިޔުމުން ކުރެއްވި ދައުވާއެކެވެ. އަދި ސިޔާސީ ހަނގާކުރުމާއި، ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރެއްވުމަށް ކުރެއްވި ދައުވާއެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖުލައި މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ވެސް ވަނީ އުމައިރުގެ ކަރާމާތަށް މަންދީ އަރައިގަތްކަން ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން އެ ދުވަހު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ފައްޔާޒާއި އެމްޑީޕީ ޒިންމާ ނަގަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. ސިވިލް ކޯޓުން ވަނީ، އެ ވާހަކައިގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިފައެވެ. ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި މާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މާފަށް އެދުމަށް އަމުރުކުރާނެ ގާނޫނީ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. މަންދީއާއި އެމްޑީޕީއާއި ފައްޔާޒަށް ދައުވާކުރާނެކަން، ރައީސްގެ އާއިލާގެ ފަރާތުން އިއުލާންކުރެއްވީ މާޗް 15ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާޒިމާއެވެ. އެ ބައްދަލުވުމުގައި އާޒިމާ ވަނީ ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި ވަނީ ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކައި ފަތުރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި ކަމަށް ވެސް ސާޖިދާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ