ޝަމާއިލް، ގައުމީ ވޮލީ ޓީމުން ވަކިކޮށްފި ޝަމާއިލް، ގައުމީ ވޮލީ ޓީމުން ވަކިކޮށްފި

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން، ގައުމީ ވޮލީބޯޅަ ސްކޮޑުން ވަކިކުރަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެެވެ.
ވީއޭއެމް އިން އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ރިލީޒްގައި ހުރެ، އަދި އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފުވެ، ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، މެޗުތައް ކުޅެފައިވާތީ، ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރެވިފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން، ވީއޭއެމް އިން ވަނީ، ލ. އަތޮޅުގެ އަތޮޅު ކައުންސިލްގެ އިދާރާގެ ރައީސް އިސްމާއިލް އަލީ އަށް އެޑްރެސްކޮށް އިއްޔެ ސިޓީއެއް ފޮނުވައިފަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުން އެއްވެސް ސަބަބަކާ ހުރެ ދުރަށް ދެވޭނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ އުސުލުތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، އެ އުސޫލާ ހިލާފަށް ޝަމާއިލް، ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅެން ގޮސްފައިވާތީވެ، ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލައި ގޮތް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން، ވީއޭއެމް އިން ނިންމި ނިންމުން ކަމަށް އަންގާފައިވަނީ، ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ބާކީކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކާއި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި، ހަރަކާތްތެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ ޝަމާއިލް ދިޔައީ އޮންނަ އުސޫލުން ފުރިހަަމަކުރަން ޖެހޭ ކަންކަން ނުކޮށް ކަމަށެވެ.
"ޝަމާއިލް ދިޔައީ (އުސޫލުތަކުގެ ތެރެއިން) އެ ކަހަަލަ އެއްވެސް ކަމެއް ފުރިހަަމަނުކޮށް، ފޮޓޯތަކުން އެނގުނީ، ނިލާމް ވެސް އެބަކުޅޭ އެ މުބާރާތް. ގައުމި ޓީމުގެ އެހެން ކުޅުންތެރިން އެބަ ކުޅޭ ތި މުބާރާތުގައި، އެ މީހުން ދިޔައީ ޗުއްޓީ ނަގައިގެން، އޮންނަ އުސޫލުގެ ތެރެއިން ޗުއްޓީ ނަގައިގެން، އަހަންނަށް މައުލޫމާތު ލިބުނު ގޮތުގައި ޓީމުގެ މެނޭޖަރު ވެސް ލީވް ފޯމު އޭނަ އަށް ފޮނުވި، އެ ވަރުން ވެސް އަޅައިނުލައި ކުޅެން ގޮސް އެ ހުރީ،" ލަތީފް ވިދާޅުވި އެވެ.
މި ކަމާ ގުޅޭގޮތުން، ލ. މާވަށަށް އުފަން، ޝަަމާއިލް "އަދަދު ސްޕޯޓްސް" އަށް ބުނީ، މެޑިކަލް ކަމެއް ދިމާވެފައި އޮތުމުން، ގައުމީ ޓީމަށް ކުރިއަށް އޮތް މުބާރާތުގެ އެ ތާރީހުގައި ނުކުޅެވޭތީ އެ މުބާރާތުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ.
އަދި، ގައުމީ ޓީމުން އޭނާ ވަކިކުރިކަން ވަކިން އޭނާ އަށް އަންގާފައިނުވާ ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިން ރަށްރަށަށް މުބާރާތްތަކަށް ދިއުމަށް އުސޫލުތަކެއް ހަދާފައި އޮންނަކަމުގެ ރަނގަޅު މައުލޫމާތު ލިބިފައިނުވާ ކަމަށާއި މި ކަމާ ގުޅޭގޮތުން ކުޅުންތެރިޔާއާ އެކު އެއްބަސްވުމެއް ނޫނީ އިގުރާރެއް ހަދާފައި ނެތް ކަމަށް ވެސް ޝަމާއިލް ވަނީ ބުނެފަ އެވެ.
މި ކަމާ ގުޅޭގޮތުން، އެސޯސިއޭޝަނުން އޭނާއާ ރަނގަޅަށް މުއާމަލާތު ކުރުމެއް ނެތި މި ގޮތަށް ފިޔަވަޅު އެޅުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޝަމާއިލް ބުނެފައިވެ އެވެ. އަދި، ގައުމީ ޓީމުން އޭނާ ވަކިކުރިކަން ވެސް ގްރޫޕަކަށް ލިޔުމެއް ފޮނުވައިގެން ކުރިއަށްގެންދިއުމަކީ ވެސް މިކަމުގައި އެންމެ ރަނގަޅު ގޮތް ގޮތުގައި ނުދެކޭ ކަމަށް ވެސް، ލ. މާވަށު ޓީމަށް ލާމަސީލު ލާމު މުބާރާތުގައި ކުޅެން ގޮސް ހުރި ޝަމާއިލް ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ