ތިނަދޫ ހޮސްޕިޓަލުގައި ރަހިމުގެ ކާމިޔާބު ސަރޖަރީއެއް

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ސާޖަރީއެއް ކޮށްފިއެވެ.
މި ސާޖަރީއަކީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ކޭމްޕެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ސާރޖަރީއެކެވެ. މި ކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ މި އޮޕަރޭޝަންގައި ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޑރ. ޢުބައިދު ޢަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސާޖިކަލް ކޭމްޕުގައި، މި އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމު ކަމުގައިވާ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދުގެ އިތުރުން ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މިންނެތް މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
މިއީ، އެ ހޮސްޕިޓަލުން ސިއްޙީ ޚިދުމަތް ދިނުމުގައި ހޯދި ފާހަގަކޮށްލެވޭ މުހިއްމު ކުރިއެރުމެކެވެ.
ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކް ސާޖަރީއަކީ، ބަނޑުގެ ފާރުގައި ހަދާ ކުދި ލޯވަޅުތަކެއްގެ ތެރެއިން، ހިމަ އަލިގަދަ ކެމެރާއަކާއި ކުދި އާލާތްތައް ބޭނުން ކޮށްގެން އަންހެނުންގެ ދަރިމައިވުމާ ބެހޭ ގުނަވަންތަކަށް ދޭ ފަރުވާއެކެވެ. މިއީ، އާންމުކޮށް ބަނޑު ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ޚިލާފަށް ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ، ތަދުވުން މަދު އަދި އަވަހަށް ފަސޭހަވާ ފަރުވާއެކެވެ. މިފަދަ އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ކުރަނީ، އެންޑޯމެޓްރިއޯސިސް، އޯވަރީގައި އުފެދޭ ސިސްޓު އަދި ފައިބްރޮއިޑް ފަދަ ބަލިތަކަށް ފަރުވާ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ