ބޭންކްގެ ލޯނަކަށް އެދެން މީހަކު ދިޔަ އެވެ. ދެން ދެއްކި ވާހަކަތައް ތިރީގައި އެހުރީ އެވެ.
ބޭންކް: މަހަކު ލިބޭ އާމްދަނީ ކިހާ ވަރެއް؟
މީހާ: މިހާރު ލިބޭ މަހަކު 80،000ރ
ބޭންކް: އެއްވެސް ލޯނެއް އޮންނާނެތަ؟
މީހާ: އާނ، މިހާރު ވެސް ތިން ލޯނަކަށް ލާރި ދައްކަން، 15،000 ،10،000 ،8،000؟
ބޭންކް: އެހެންވީމާ އެއީ މަހަކު 33،000ރ ލޯނު ދައްކަން. ދެން މުސާރައިން ބާކީ އޮންނާނީ 47،000 ރުފިޔާ. މިހާރު ނަގަން ތި އުޅޭ ލޯނަށް މަހަކު ދައްކަން ޖެހޭނެ 30،000ރ. އެހެންވީމާ ޝަރުތެއް ހަމައެއް ނުވާނެ.
މީހާ: ބަލަ ލޯނަށް ދައްކަން ޖެހޭ ބައި ހިމަނާނެތަ މަށަށް ލިބޭ އާމްދަނީގެ ތެރޭގައި؟
ބޭންކް: ދަރަންޏެއް އޮތިއްޔާ އެ ނުކަޑާ އާމްދަނީ މިންކުރާނީ ކިހިނެއް؟
މީހާ: ބަލަ، ސަރުކާރުން ކުރީ ދުވަހު އެ ބުނީނު ލޯނު ދައްކަން ޖެހޭ ފައިސާ ނުހިމަނާ ނަމަ ބަޖެޓް ބޮޑެއް ނުވާނެއޭ. ދަރަނި ދައްކަން ހުރީމައޭ ބަޖެޓް ބޮޑުވަނީ.
ބޭންކް: ސަރުކާރުން ދައްކާ ވާހަކައާ އަހަރެމެންނާ ބެހޭ ކަމެއް ނޫން، ދޯ.
މީހާ: ދަރަނި ވިއްޔާ ހަމަ އެއްގޮތެއް ނޫންތަ ވާނީ؟
ބޭންކް: (އެއްވެސް ވާހަކައެއް ނުދެއްކި)
އެ ހިސާބުން ވާހަކަ ނިމުނީ އެވެ. މިއީ ލޯނެއް ނަގަން ބޭންކަކަށް ހިނގައްޖެ ނަމަ ވާނެ ގޮތެވެ. އެކަމަކު ސަރުކާރުން ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން ވެއްޖެ ނަމަ ދައްކަނީ އެހެން ވާހަކައެކެވެ. ހަމައެއް އުސޫލެއް ނޯވެ އެވެ. ސަރުކާރަށް ފާޑުކިއުން އަންނަ ކޮންމެ ފަހަރަކު، ކުރީ ސަރުކާރުގެ ލޯނުތަކާ ހެދި މި އުޅެނީ ހިންދަމާނުލެވިގެންނޭ، ބުނާނެ އެވެ. އަހަރަކު ލޯނަށް ދައްކަން ޖެހޭ އަދަދުތައް ކިޔާލަ އެވެ.
އެކަމަކު އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަކުރާ ލޯނުގެ ވާހަކަ އަންނަނީ ކަމަކުން ބޯދަމައިގަންނަން ބޭނުންވާ ހިނދުކޮޅުތަކުގަ އެވެ. ކުރީ ސަރުކާރުގެ ލޯނަކުން ހަދާ ތަނެއް ނިންމާފައި ހުޅުވަންވީމާ އަމިއްލައަށް ނަގަނީ ކްރެޑިޓެވެ. އޭގެ މިސާލަކީ ރޭ ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލެވެ. މި ސަރުކާރަށް އެކަހަލަ 'އުފާވެރި' ބޮޑު ދެ ފުރުސަތު ލިބިއްޖެ އެވެ. މިދިއަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު މަޝްރޫއު (ގައުމު ދަރައިގެން) ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި އިގުތިސާދު ފުޅާކުރުމުގެ އަމާޒުގެ ތެރެއިން ފެއްޓެވި މަޝްރޫއުއެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރީގެ ޑިޒަައިންތައް ބަދަލުކޮށް އެއަށް ވުރެ ފުރިހަމަ ޓާމިނަލެއްގެ ސިފަތަކާ އެކު މަޝްރޫއުގެ ބޮޑު ބައި އޮތީ ނިންމައިފަ އެވެ.
މި ސަރުކާރުން ދެން ހުރި ކަންކަން ފުރިހަމަކޮށް ހުޅުވުމުގެ ޝަރަފު ލިބިގަތެވެ.
ހަނިމާދޫ އެއާޕޯޓަކީ ސޯލިހު ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ހާއްސަކުރި 800 މިލިއަން ޑޮލަރު (މިއީ ހުސް ދަރަންޏެވެ.)ގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ހޭދަކޮށް އެ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. ޓާމިނަލްގެ ޑިޒައިނަކީ ވެސް ކުރީ ސަރުކާރުގެ ނިންމުމެކެވެ.
ކުރީ ސަރުކާރުން ވާރުތަކުރި ދަރަނީގެ ވާހަކަ ދެއްކުމެއް ރޭގައި ނެތެވެ. އޮތީ ބޮޑު ތިލަދުންމައްޗަށް އަންނާނެ ކުރިއެރުމުގެ ވާހަކަ އާއި ޓާމިނަލްގެ ފުރިހަމަކަމުގެ ވާހަކަ އެވެ.
ރައްޔިތުން އަބަދުމެ މި ތިބެން ޖެހެނީ ދަރަނީގެ މައްސަލާގައި އެއް ސަރުކާރުން އަނެއް ސަރުކާރަށް ކިޔާ އެއްޗެހި އަޑުއަހާށެވެ. ކަމުގެ ހަގީގަތް އޮޅުވާލަންކުރާ މަސައްކަތުގެ ދަލުގައި ޖެހިފަ އެވެ.
އެކަމަކު ހަގީގަތް ހޯދަން ބޭނުން މީހުންނަށް ހަގީގަތް ވަރަށް ސާފެވެ: ރާއްޖެ މި އޮތީ ދަރާވިކިފަ އެވެ. މި ސަރުކާރުން ވެސް ދަރަނި ނަގާ މިންވަރު އެހާ މައްޗެވެ. ކުޑަކުޑަ ހިސާބެކެވެ.
125 ބިލިއަން ރުފިޔާ: އެމްޑީޕީ ސަރުކާރު 2023ގައި ނިމުނު އިރު ދައުލަތުގެ ދަރަނި
148 ބިލިއަން ރުފިޔާ: މި އަހަރުގެ ޖޫން މަހާ ހަމައަށް ދައުލަތުގެ ދަރަނި
23 ބިލިއަން ރުފިޔާ: މި ސަރުކާރުގެ ދޮޅު އަހަރުގެ ތެރޭގައި ނެގި ދަރަނި
ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު
118%: އެމްޑީޕީ ސަރުކާރު 2023ގައި ނިމުނު އިރު
124%: މި އަހަރުގެ ޖޫން މަހާ ހަމައަށް ދަރަނީގެ ނިސްބަތް
އަންނަ ހޯމަދުވަހު މި ސަރުކާރަށް ދެ އަހަރު ވުން ފާހަގަކުރުން އޮންނާނެ އެވެ. ބަޖެޓަށް ބަލައިލުމުން ދަަރަނި ބޮޑުވެފައި އޮތަސް އެންމެންނަށް ވެސް ފެންނާނެ ހަގީގަތަކީ 'ތަރައްގީ'ގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގައި އަދި ރަނގަޅަށް ހިނގައިގަންނަން ނުފަށާ ކަމެވެ. އެހެންކަމުން 23 ބިލިއަން ރުފިޔާއިން ދަރަނި ބޮޑުކުރީ ކޮން ކަމަކަށްތޯ ސުވާލު އުފެދެ އެވެ. މި އަހަރު ވެސް ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވީ އެވެ.
ދަރަންޏަކީ އާންމު ރައްޔިތުން ކަންބޮޑުވާ ކަމެއް ނޫނެވެ. ގައުމުގެ ދަރަންޏާ މެދު ކަންބޮޑުވާނީ އަބަދުވެސް ސަރުކާރާ އިދިކޮޅު މީހުންނާއި ވިޔަފާރިވެރިންނާއި އިގުތިސާދީ މާހިރުންނެވެ. އެމްޑީޕީ ސަރުކާރު އޮތް އިރު މިހާރުގެ ވެރިން އަބަދުމެ ދެއްކީ ދަރަނީގެ ވާހަކަ އެވެ. މިހާރު އެ ވާހަކަ ދައްކަނީ އެމްޑީޕީގެ ސަރުކާރުގެ އިސް ވެރިންނާއި އެމްޑީޕީންނެވެ. އެކަމަކު އެ ވާހަކަތައް ގަބޫލުކުރާ މީހުން މަދެވެ. ސިޔާސީ މީހަކު އެއްޗެއް ބުނެފި ނަމަ އާންމުން ރައްދުދޭނީ 'ބަލަ ކަލޭމެން ކުރީ ވަކި ކޮން ކަމެއް ހެއްޔޭ' އެވެ. ތެދެކެވެ. އެގޮތަށް ބުނެވިދާނެ އެވެ.
ނަމަވެސް ގައުމުގެ ދަރަނި މިހާރު މި އޮތް ނިސްބަތަށް ބަލާ ނަމަ މިއީ ގައުމީ ވަރަށް ބޮޑު މައްސަލައެކެވެ. މިގޮތަށް ކިހާ ދުވަހަކަށް ދަރަމުން، ދަރަނި ފުޅި ފުރި ބަންޑުންކުރަމުން ދެވިދާނެ ހެއްޔެވެ؟ އަންނަ އަހަރު ރާއްޖެއިން 1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ. އެއީ އަހަރަކު އާންމުކޮށް މިހާރު ދައްކަމުން އަންނަ 500 މިލިއަނެއްހާ ޑޮލަރު (7.7 ބިލިއަން ރުފިޔާ)އާ އެކު އެވެ. އެހެން ދިމާވަނީ 2021ގައި އެމްޑީޕީ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކަށް އެއް ފަހަރާ ފައިސާ ދައްކަން ޖެހޭ މުއްދަތު އަންނަ އަހަރު ހަމަވާނެތީ އެވެ.
ދަރަންޏާ ނުލާ ސަރުކާރެއް ނުހިންގޭނެ އެވެ. އެކަމަކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަމަހައްޓަން ޖެހޭ މިންވަރެއް ވެސް އޮވެ އެވެ. އެއީ ދައުލަތަށް ބުރައަކަށް ނުވާނެ މިންވަރެކެވެ. މި ފަހުން 'ދައުރު'ގައި ޖެހި ރިޕޯޓް 'ބަޖެޓް 2026އިން ފެންނަންވީ ހަރަދު ކުޑަ ދަރަނި ދައްކާނޭ މަގެއް' މި ރިޕޯޓަށް ވާހަކަ ދެއްކި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން ބުނެފައި ވަނީ ޖީޑީޕީގެ ނިސްބަތުން %100އަށް ވުރެ މައްޗަށް ދައުލަތުގެ ދަރަނި ގެންގޮސްގެން ނުވާނެ ކަމަށެވެ.
"މެދު ރާސްތާއެއްގައި ޖީޑީޕީގެ %100 އަށް ވުރެ ދަށަށް ރާއްޖޭގެ ދަރަނި ގެނައުމަށް އަމާޒު ހިފަން ޖެހޭ،" އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި އެވެ.
އިގުތިސާދު ކުރިއަރުވަން ހުރި ފުރުސަތުތައް ފުޅާކުރަން ލޯނު ނަގައިގެން އުމުރާނީ މަޝްރޫއުތައް ހިންގުމަކީ، އެ ބޭފުޅުންގެ ނަޒަރުގައި، މައްސަލައެއް ނޫނެވެ. އެ ނަޒަރުން ބަލާ ނަމަ ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ރަނގަޅެވެ.
މި ސަރުކާރުގެ ޒިންމާއަކީ ވާރުތަވި ދަރަނި ދައްކަމުން އިގުތިސާދު ކޮޅަށް ޖެއްސުމެވެ. ހަވާއެރުވުމާއި ކުލަތަކުގެ ތެރޭގައި އާ ޓާމިނަލްތައް ހުޅުވަމުން އުފާފާޅުކޮށް ތައުރީފް އޮއްސާފައި އަނެއް ދުވަހު ދައުލަތުގެ ދަރަނީގެ ވާހަކައިން ބޯދަމައިގަންނަން އުޅެގެން ކަމަކުނުދާނެ އެވެ. ދަރަނި ވާނީ ދަރަންޏަށެވެ. ސަރުކާރާ ހަވާލުވީ އެ ދަރަންޏާ އެކުގަ އެވެ. އެހެންކަމުން ލިބޭ އާމްދަނީން ހަރަދުކުރެވޭނީ ދައްކަން ޖެހޭ ދަރަންޏަށް ވެސް ހޭދަކޮށްގެންނެވެ.
ތަންތަން ހުޅުވަންވީމާ އޯކޭ، އުފާ، ދަރަނީގެ ވާހަކައެއް ވެސް ނުދައްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ