ހަ މަސް ފަހުން ފޮރިން ސެކްރެޓަރީކަން އަނެއްކާ ވެސް އިނާޔާއަށް ދީފި

ފޮރިން ސެކްރެޓަރީގެ މަގާމުން މިދިޔަ މޭ މަހު ވަކިކުރެއްވި ފާތިމަތު އިނާޔާއަށް އަނެއްކާ ވެސް އެ މަގާމު ދީފިއެވެ. ޑިސެމްބަރު 12، 2023 ގައި ފޮރިން ސެކްރެޓަރީކަމަށް އައްޔަންކުރި އިނާޔާ، އެ މަގާމުން ވަކިކުރީ މިދިޔަ މޭ މަހުގެ ފަސްވަނަ ދުވަހެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެކަން ސާފެއް ނޫނެވެެ. ނަމަވެސް އެ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމެއްކަމުން، ރައީސް ބޭނުންފުޅުވުމުން އެ މަގާމުގައި ހުންނަވާ ބޭފުޅާ ބަދަލުކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ. ފޮރިން ސެކްޓްރީގެ މަގާމަށް ރައީސް ބޭފުޅަކު އައްޔަންކުރައްވަނީ ފޮރިން މިނިސްޓްރީގެ ސެކެޓްރީންގެ ތެރެއިން ބޭފުޅެކެވެ. އެހެންކަމުން ފޮރިން ސެކެޓްރީކަމުން ވަކިކުރި ނަމަވެސް މިނިސްޓްރީގައި އަދާކުރާ ސެެކެޓްރީކަމުގެ މަގާމުގައި ދެމިހުރެވޭނެއެވެ. އެނގިފައިވާ ގޮތުގައި މީގެ ހަފުތާއެއްހައި ދުވަސްކުރިން، އިނާޔާއަށް އެ މަގާމު އަލުން ވަނީ ދީފައެވެ. އަލުން އިނާޔާއަށް އެ މަގާމު ދިން އިރު، އެހާތަނަށް ވެސް އިނާޔާ ވަކިކުރި ފަހުން އެ މަގާމު އޮތީީ ހުސްކޮށެވެ. އިނާޔާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި އަންހެން ބޭފުޅާއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ފޮރިން ސެކެޓްރީކަމުގެ މަގާމަކީ، ފޮރިން މިނިސްޓަރަށްފަހު އެ މިނިސްޓްރީގައި އެންމެ އިސް މަގާމެވެ. އެއީ ތިން އަހަރުގެ މަގާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ