ފުލުހުންގެ ހިދުމަތުގައި ރިކޯޑުކޮށްފައިވާ އޭނާގެ ޒާތީ މައުލޫމާތު ނޫސްތަކާ ހިއްސާ ކުރި މައްސަލަ ބަލައިދިނުމަށް އެސިސްޓާ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެދިވަޑައިގެންފި އެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ޝިފާން އެދިވަޑައިގަތީ ފުލުހުންގެ "ޕީއެސްސީ ނިޒާމުގައި ރައްކާ ކުރެވިފައިވާ ބައެއް މައުލޫމާތު" ރަސްމީ ބައެއް އިދާރާތަކާއި ބައެއް ނޫސްތަކަށް ލީކުކޮށްލި މައްސަލަ އެވެ.
އެ ސިޓީގައި ޝިފާން ފާހަގަ ކުރައްވާފައިވާ ޕީއެސްސީ ނިޒާމަކީ ފުލުހުންގެ މައްސަލަތައް ބެލުމަށް އިދާރާގެ ތެރޭގައި ހަދާފައިވާ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބޭނުން ކުރާ ފުލުހުންގެ އިންޓާނަލް ސިސްޓަމެކެވެ.
އޭގެ އިތުރުން ވެސް ސީރިއަސް ތުހުމަތެއް ބަލައިދިނުމަށް ޝިފާން ވަނީ އެދިވަޑައިގެންފަ އެވެ. އެއީ އޭނާގެ މައުލޫމާތުތަކަށް ފުލުހުންގެ އެސިސްޓަންޓު ކޮމިޝަނަރަކު އެކްސެސްވެ، މައުލޫމާތު ބަދަލު ކުރި ކަމަށް ބެލެވޭ މައްސަލައެކެވެ. ޝިފާން ވިދާޅުވީ އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
އެކަމަކު އޭނާގެ މައުލޫމާތަށް އެކްސެސްވެ، އެ މައުލޫމާތު ބަދަލު ކުރި ކަމަށް ޝިފާން ތުހުމަތު ކުރާ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ ނަމެއް އޭނާ ސިޓީގައި ހާމައެއް ނުކުރެ އެވެ. އެ މަގާމުގައި ލިބިފައިވާ ވަރަށް ގިނަ އޮފިސަރުން ފުލުހުންގެ ތެރޭގައި އެބަ ތިއްބެވެ.
ނަވީންއަށް ފޮނުއްވި ސިޓީގައި ޝިފާން ވިދާޅުވެފައި ވަނީ، ފުލުހުންގެ ގަވާއިދުތަކާ ހިލާފަށް އޭނާއާ ދެކޮޅަށް ފުލުހުންގެ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފުލުހުންގެ ގާނޫނު އަދި ގަވާއިދުތަކުން އެކަށައަޅަައިދީފައިވާ ދުސްތޫރީ ހަމަތަކާ ހިލާފަށް ވަކި މަސްލަހަތެއް ނުވަތަ ޒާތީ ތައައްސުބެއް އޮވެގެން އަޅުގަނޑާ ކުރަމުންދާ ކަންކަމާމެދު އަޅުގަނޑުގެ ހުރި ކަންބޮޑުވުންތައް [ނަވީން] ސާއަށް ހިއްސާ ކުރުމަށާއި އެކަން ފުލުހުންގެ ތެރޭގައި އެކަށައެޅިފައިވާ ނިޒާމުގެ ތެރެއިން ބެއްލެވުމަށް އެދެން،" ޝިފާން ވިދާޅުވެފައިވެ އެވެ.
ޝިފާންއަށް ކުރެވޭ މިސްކޮންޑަކްޓު އަދި ބައެއް އެހެން ސީރިއަސް ތުހުމަތުތައް ބަލައިދިނުމަށް އެދި ބައެއް ނޫސްތަކަށް ކޮޕީ ކުރުމަށްފަހު މަޖިލީހަށް ސިޓީއެއް ފޮނުވީ ފުލުހުންގެ އިސް 11 އޮފިސަރެކެވެ. ފޮރުވިގެން ތިބެ ވިސްލްބްލޯ ކުރުމުގެ ނިޔަތުގައި ފޮނުވި އެ ސިޓީގައި އޮފިސަރުންގެ ނަންތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
"[ޝިފާންގެ] ނުރަނގަޅު ނުފޫޒާއި ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑަޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުންލައިގެން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އެ އޮފިސަރުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އޭނާ ސިއްރު މައުލޫމާތު ލީކުވި މައްސަލަ ބަލައިދިނުމަށް ޝިފާން އެދިވަޑައިގެންފި އޭނާ ސިއްރު މައުލޫމާތު ލީކުވި މައްސަލަ ބަލައިދިނުމަށް ޝިފާން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ