ފޮރިން ސެކްރެޓަރީގެ މަގާމަށް އަނެއްކާވެސް އިނާޔާ އައްޔަންކޮށްފި

ފޮރިން ސެކްރެޓަރީގެ މަގާމު ހުސްކޮށް އޮންނަތާ ހަ މަސް ފަހުން، އެ މަގާމަށް ފާތިމަތު އިނާޔާ އަނެއްކާވެސް އައްޔަންކޮށްފި އެވެ. 
ވީ ކިހިނެއް؟ - އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ އައްޔަންކުރީ 12 ޑިސެމްބަރު 2023ގަ އެވެ. ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި އެ މަގާމަށް އައްޔަންކުރިތާ ފަސް މަސް ފަހުން، މިދިޔަ މޭ މަހުގެ ތެރޭގައި އެ މަގާމުން އޭނާ ވަކިކުރި އެވެ.
އެ މަގާމުން ވަކިކުރި ފަހުން އަލުން އެ މަގާމަށް އައްޔަންކުރުމާ ހަމައަށް އިނާޔާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީއަކަށެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އިނާޔާ އެ މަގާމަށް އަލުން އައްޔަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެހާތަަނަށް އެ މަގާމު އޮތީ ހުސްކޮށެވެ.
އިނާޔާއަކީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭނާއަކީ ހާރިޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަދި އެ ދާއިރާގެ ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އެނގުން މުހިންމު - ފޮރިން ސެކްރެޓަރީ އަކީ މިނިސްޓަރަށް ފަހު ހާރިޖީ ވުޒާރާގެ އެންމެ އިސް ބޭފުޅާގެ ގޮތުގައި ހުންނަވާ ބޭފުޅާ އެވެ. ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ