ދިވެހިރާއްޖޭގެ މީޑިއާގެ ހާލަތު ކިޔައިދޭން އެމްޖޭއޭގެ ޓީމެއް ލަންކާއަށް ދިވެހިރާއްޖޭގެ މީޑިއާގެ ހާލަތު ކިޔައިދޭން އެމްޖޭއޭގެ ޓީމެއް ލަންކާއަށް

ދިވެހިރާއްޖޭގެ މީޑިއާގެ ހާލަތު ސްރީ ލަންކާގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ އެކި އެކި ފަރާތްތަކާ ހިއްސާކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއެ) ގެ ޓީމެއް ސްރީ ލަންކާ އަށް ފުރައިފި އެވެ.
އެމްޖޭއޭގެ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި އެ ޖަމިއްޔާގެ އެއް ބާނީ އަހުމަދު ޒާހިރު (ހިރިގާ ޒާހިިރު) އަދަދު އަށް މައުލޫމާތު ދިން ގޮތުގައި, މި ދަތުރަކީ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ އެކްސްކޯއާއެކު އެކުލަވާލާ ޕްރެސް ކައުންސިލްގެ އުފެއްދުމުގައި ލަންކާގެ މީޑިއާއާ ގުޅޭ ފަރާތްތަކާއި އީޔޫގެ ގައުމުތަކުގެ އެމްބަސީތަކާ ވާހަކަ ދައްކައި، އުފައްދާ ޕްރެސް ކައުންސިލަށް އެ ފަރާތްތަކުގެ އެހީތެރިކަމާއި ތާއިދު ހޯދަން ކުރާ ދަތުރެކެވެ.
"މިކުރާ ދަތުރަކީ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ އެކްސްކޯއާއެކު އެކުލަވާލާ ޕްރެސް ކައުންސިލްގެ އެކުލަވާލުމުގައި ލަންކާގެ މީޑިއާއާ ގުޅޭ ފަރާތްތަކާއި އީޔޫގެ ގައުމުތަކުގެ އެމްބަސީތަކާ ވާހަކަ ދައްކައި، އުފައްދާ ޕްރެސް ކައުންސިލަށް އެ ފަރާތްތަކުގެ އެހީތެރިކަމާއި ތާއިދު ހޯދުން،" އޭނާ ބުންޏެވެ.
މި ދަތުރުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މީޑިއާގެ ހާލަތު ކިޔައިދޭނެ ކަމަށް އެމްޖޭއޭ އިން މައުލޫމާތުދެ އެވެ. އޭގެ ތެރޭގައި މިނިވަން މީޑިއާ ނެތިގެންދާނެ ގޮތަށް ސަރުކާރުން ތައާރަފު ކުރި އާ ގާނޫނުގެ މައުލޫމާތު ވެސް ހިއްސާ ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މިހާރު އޮތް މީޑިއާ ކޮމިޝަނުގެ ގާނޫނަކީ މީޑިއާ އަށް ނުރައްކާތަކެއް ހުރި ގާނޫނެއް ކަމަށާއި އެ ގާނޫނު އުވާލަންޖެހޭ ކަމަށާއި، މި ގާނޫނު ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި މީޑިއާތަކާމެދު ސަރުކާރުން ފިޔަވަޅު ވެސް އަޅާނެ ކަމަށް ހިރިގާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އޮންނަން ޖެހޭނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ކަމަށާއި ސަރުކާރުން ރެގިއުލޭޓުކުރާ ނިޒާމެއް ނޫންކަމަށް ހިރިގާ ވިދާޅުވި އެވެ. އަދި އެމްޖޭއޭ އިން އެކުލަވާލާ ކައުންސިލް ވުޖޫދުވެގެން އަންނައިރު ބޭރުގެ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ހިރިގާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި އޮންނަން ޖެހޭނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް. ސަރުކާރުން ރެގިއުލޭޓުކުރާ ނިޒާމެއް ނޫން. އެމްޖޭއޭއިން އެކުލަވައިލާ ކައުންސިލް ވުޖޫދުވެގެން އަންނައިރު ބޭރުގެ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެ،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ